ފެންބޮޑުވުން ހުއްޓުވައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ

މާލޭގެ މަގުތަކުގައި ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށް ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކޮށް ތަރުތީބުކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.


މިގޮތަށް ނިންމެވީ، މާލޭ ސިޓީ ކައުންސިލުން އެކުވަލާވި "ސްޓްރީޓް ސްކޭޕިން ޑިވެލޮޕްމަންޓް ޕްލޭނާ" ގުޅޭގޮތުން ނެޝަނަލް ޕްލޭނިން މިނިސްޓްރީން ހުށަހަޅާފައިވާ ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި އިއްޔެ މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

މާލޭގެ މަގުތައް ތޮއްޖެހި، ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދިމާވަމުންދާ ތަކުލީފަށް ގިނަ ހައްލުތަކެއް އެ ޕްލޭންގައި ހިމަނާފައިވެ އެވެ. އޭގެތެރޭގައި ޕާކިން މައްސަލަ އަށް ހައްލު ހޯދުމާއި ބަސް ދަތުރުތަކާއި މަގުތައް ފެހިކުރުމާއި ފައިމަގުގައި ހިނގާފައި އުޅޭނެ ދުވަހެއް ހަމަޖެއްސުން ފަދަ ގިނަ ބަދަލުތައް ހިމެނެ އެވެ.

ރައީސް އޮފީހުން ބުނީ އެ ޕްލޭނާ އެއްގޮތަށް މަގުތަކަށް ބަދަލު ގެންނަން ފެށުމުން އާއްމުންނަށް ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެންމެ ބޮޑު ލުޔެއްގެ ގޮތުގައި ފަހާގަކޮށްފައި ވަނީ، ވެހިކަލް ޕާކުކުރުމުގެ މައްސަލަ އަށް ހައްލު ލިބުނެވެ.

މީގެއިތުރުން، ފެން ހިނދުމުގެ ނިޒާމާއި ޑީވޯޓަރިން އާއި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ނަރުތަކާއި ކަރަންޓާއި ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމުފަދަ ޔޫޓިލިޓީގެ ޚިދުމަތްތައް ވެސް އިތުރަށް ރަނގަޅު ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔަ އެވެ. އެ މަޝްރޫއުގައި 13 މަގެއް މަރާމާތުކުރަން ހަމަޖައްސައި ބޮޑުތަކުރުފާނުމަގުގައި ވަނީ ތާރު އަޅައިފަ އެވެ. އަދި މަޖީދީ މަގުގެ ގާތައް ނަގައި ރަނގަޅު ފެންވަރަކަށް ހެދި އެވެ. ހައްލު ނުހޯދުނީ ފެންބޮޑުވުމުގެ މައްސަލަ އަށެވެ.

މަގުތައް އޭރު މަރާމާތުކުރީ ފެން ހިންދުމުގެ ނިޒާމު ވެސް ރަނގަޅުކޮށްގެންނެވެ. ތިން ފިޔަވައްސަކަށް އެ މަޝްރޫއު ކުރިއަށް ގެންދިޔައިރު ވެސް، ވިއްސާރަ ދުވަސްތަކުގައި އެންމެ ކުރިން ވެސް ފެންބޮޑުނުވާ ވަރަށް ބައެއް މަގުތަކުގައި ފެންބޮޑުވެ އެވެ.