މަރުގެ އިންޒާރު ދީ "ވަގުތު" ނޫހަށް ކޮމެންޓްކުރި އައިޕީ އެޑްރެސް ހޯދަން ކޯޓު އަމުރެއް

ވަގުތު ނޫހުގެ އާޓިކަލްއެއްގައި މަރުގެ އިންޒާރު ދީ ކޮށްފައިވާ ކޮމެންޓެއް ޝާއިއުކުރުމުން، އެ ކޮމެންޓްކުރި އައިޕީ އެޑްރެސް ފުލުހުންނަށް ހާމަކުރުމަށް އެ ނޫހުގެ މައްޗަށް ކޯޓު އަމުރެއް ނެރެފި އެވެ.


ވަގުތުގައި ބުނެފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ "ސަލަފް ޖަމާއަތުން ޓެރަރިޒަމަށް ހިތްވަރުދޭ، އެ ޖަމާއަތާ މެދު ގޮތެއް ނިންމާނެ: ނަޝީދު" މި ސުރުހީގައި އިއްޔެ ޝާއިއުކޮށްފައިވާ ޚަބަރަކަށް ކޮމެންޓްކުރި މީހެއްގެ އައިޕީ އެޑްރެހައި އެއާ ބެހޭ އެންމެހާ މައުލޫމާތު ފުލުހުންނަށް ދިނުމަށެވެ.

ފުލުހުން ބުނީ މީހަކަށް މަރުގެ އިންޒާރު ދީ ކޮމެންޓްކުރި މައްސަލާގައި، އެ ކޮމެންޓްކުރި އައިޕީ އެޑްރެހާއި އެހެނިހެން މައުލޫމާތު ހޯދަން ކްރިމިނަލް ކޯޓުގައި މިއަދު އަމުރަކަށް އެދިފައި ވާނެ ކަމަށެވެ.

ވަގުތު ނޫހުގައިވާ ގޮތުން، އެ އަމުރު މިހާރު ވަނީ ނޫހާ ހަވާލުކޮށްފަ އެވެ. އަދި އެ އަމުރު ލިބޭތާ 48 ގަޑިއިރު ތެރޭގައި، އޭގައި ބުނާ މައުލޫމާތު ދިނުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ އަމުރުގައި ބުނެފައިވާ އާޓިކަލްގައި، ނަޝީދަށް އަމާޒުކޮށް ހުތުރު ބަހުން ކޮށްފައިވާ ކޮމެންޓްތަކާއި ނަޝީދާއި ނަޝީދުގެ ބައިވެރިންގެ "ލޭ މި ބިމަށް އޮހޮރުވައިގެން ކަމުގައިވާނަމަ އެކަންވެސް ކުރާނަން" ކަމަށް ބުނެ ވެސް ކޮމެންޓް ޝާއިއުކޮށްފައިވެ އެވެ.