ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިވަގުތު ހުސްކޮށް އޮތް ތިން މަގާމަށް އައްޔަންކުރާނެ ބޭފުޅުން ކަނޑައެޅުމުގައި ރައީސަށް ލަފާ އެރުވުމުގެ ގޮތުން ހުށަހަޅާނެ ބޭފުޅުން ހޮވަން، އެ މަގާމުތަކަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.


ސުޕްރީމް ކޯޓަށް އައްޔަންކުރަށް ރައީސަށް ފެނިވަޑައިގަންނަވާ ނަމެއް، ޖޭއެސްސީގެ ލަފަޔަކަށް އެދި ފޮނުވުމުގެ އިހްތިޔާރު ވެސް ރައީސަށް ގާނޫނުން ދީފައިވެ އެވެ. މި ފަހުން އައްޔަންކުރެއްވި ތިން ފަނޑިޔާރުންނަކީ ވެސް ރައީސް ހުށަހެޅުއްވި ބޭފުޅުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި ބުނީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނެ ބޭފުޅުންނާ މެދު ރައީސަށް ލަފާ އެރުވުމަށްޓަކައި އެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތަކީ އުމުރުން 30 އަހަރު ވެފައިވުމާ އެކު އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާ އިން ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުރުމެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް، މަޖިލީހުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 70،000ރ. ލިބިވަޑައިގަންނަވާއިރު، ކޮންމެ ފަނޑިޔާރަކަށް ކާރުކޮޅަކާއި ސެކިއުރިޓީ އަދި އެހެނިހެން އިނާޔަތްތައް ވެސް ލިބިވަޑައިގަންނަވާނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްކޮށް އޮތްއިރު، އެ ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވެސް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން އިއްޔެ ވަނީ ނިންމައިފަ އެވެ. އަދި އޭނާ މިހާރު ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޣަނީގެ އިތުރުން އެ ކޯޓަށް ދާދިފަހުން އައްޔަން ކުރެއްވި ތިން ބޭފުޅުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މިވަގުތު ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ އެވެ.