މާރާމާރީއަކަށް ފަހު ކަނޑަށް އެއްލާފައި އޮތް މީހެއްގެ ހާލު ސީރިއަސް

މާރާމާރީއަކަށް ފަހު، ކަނޑަށް އެއްލާލާފައި އޮތް މީހެއްގެ ހާލު ސީރިއަސް ވެގެން މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.


ފުލުހުން ބުނީ، ވަރަށް ބޮޑަށް ޒަހަމް ކޮށްފައި އޮތް ދިވެހި އެ ފިރިހެންމީހާ އަށް އއ. މާޅޮހުގެ ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ލިބުނީ ރޭ ތިނެއް ޖަހާކަން ހާއިރު ކަމަށެވެ. އުމުރުން 26 އަހަރުގެ އެ މީހާގެ ހާލު ސީރިއަސް ވެގެން މިއަދު ހެނދުނު ނުވައެއް ޖަހަން އުޅެނިކޮށް މާލެ ގެނައީ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު އެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި ފުލުހުން ބުނިގޮތުގައި، އެ މީހާ ޒަޚަމް ވެފައި ވަނީ ލަނޑާ ނަގަން އުޅުމުގެ ތެރޭގައި ދޯނީގައި ހިންގި މާރާމާރީއެއްގަ އެވެ.

"އަދި އޭނާގެ ގައިގައި ވަޅި އެޅުމަށް ފަހު، ކަނޑަށް އެއްލާލާފައިވާ ކަމަށް ފުލުހުންނަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"މި މައްސަލައާ ގުޅުން ހުރި ފަރާތްތަކާ ސުވާލު ކޮށް، މައްސަލަ ދަނީ ތަހުގީގު ކުރަމުން."

މި މާރާމާރީއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނާ ގޮތުގައި، އެ މީހާ މާޅޮހަށް އެރީ ފަތާފައި އަމިއްލަ އަށެވެ.