މި ކާމިޔާބީ އަކީ އާއްމު މެމްބަރުން ކުރި އިތުބާރު: ޝިފާޒް

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމް، ދެ ވަނަ ދައުރަކަށް ދިފާއު ކުރެއްވުނީ ޕާޓީގެ އާއްމު މެމްބަރުން ކުރާ އިތުބާރުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.


މުޅި ރާއްޖޭގައި ބޭއްވި އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބުގައި ނައިބު ރައީސަކަށް ޝިފާޒާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ވޯޓުން ކުރީގައި އުޅުއްވަނީ ޝިފާޒެވެ.

އެމްޑީޕީގެ ރައީސަކަށް ވެސް ހޮވިވަޑައިގަތީ، އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ޝިފާޒް "މިހާރު" އަށް ވިދާޅުވީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި މިހާތަނަށް އޭނާ އަށް ވަނީ 56 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައި ކަމަށެވެ. ބާކީ ނުގުނާ 24 ފޮއްޓެއް އަދި ހުރި ނަމަވެސް އެ ވޯޓުތަކުން ނަތީޖާ ބަދަލުނުވާނެ ކަން ހިސާބުތަކުން އެނގޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު، މިހާރު އުޅެނީ 2،700 ވޯޓުން ކުރީގައި،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނުގުނާ ހުރި ހުރިހާ ފޮއްޓަކުން އަސްލަމް ކުރި ހޯއްދެވިއަސް ޖުމްލަ ނަތީޖާއަކަށް މާ ބޮޑު ބަދަލެއް ނާންނާނެ އެވެ.

އެމްޑީޕީގެ ލީޑަޝިޕްގެ އިންތިޚާބުގެ ވޯޓުލުން މާލޭގައި މިއަދު ކުރިއަށް ގެންދަނީ: ވާދަވެރި ނައިބު ރައީސްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޝިފާޒް.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޝިފާޒް ވިދާޅުވީ އެމްޑީޕީންގެ އާއްމު މެމްބަރުން މި އިންތިޚާބުގައި ވެސް ދެއްކީ ޑިމޮކްރަސީގެ ރީތި ނަމޫނާ ކަމަށެވެ. ޕާޓީ އަށް އެންމެ ބޭނުންވި ވަގުތުތަކުގައި އާއްމު މެމްބަރުންނާ އެކު އޭނާ ހުންނެވި ކަން ބަލައިގަނެ، ވޯޓުން އެކަން ދައްކައި ދިނުމަކީ ލިބިވަޑައިގަތް އުފަލެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންވެސް ހުންނާނީ އާއްމު މެމްބަރުންނާ އެކު. އެ ޔަގީންކަން އަދިވެސް އަރުވަން،" ޝިފާޒް ވިދާޅުވި އެވެ.

އިންތިޚާބުގައި އޭނާ އަށް ކެމްޕޭން ކޮށްދެއްވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޕާޓީގެ އިސް ބޭފުޅުންނާއި އޭނާގެ ކެމްޕޭން ޓީމާއި ސޯޝަލްމީޑިއާ އެކްޓިވިސްޓުންގެ އިތުރުން އާއްމު މެމްބަރުންނަށް ޝިފާޒް ޝުކުރު އަދާކުރެއްވި އެވެ.

އެމްޑީޕީގެ ލީޑަޝިޕްގެ އިންތިޚާބުގައި މީހަކު މިއަދު ވޯޓުލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީގެ ހަޔާތުގައި، އޭނާ ހޯއްދެވި ތަޖުރިބާއާ އެކު އިތުރު ދައުރެއް އަދާކުރައްވާނީ އާއްމު މެމްބަރުންނަށް ވެވަޑައިގަތް ވައުދާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވެފައިވާ ގޮތުގައި، އޭނާ އާ ދައުރަކަށް ނުކުމެވަޑައިގަތީ ވެސް އެމްޑީޕީގެ އެޖެންޑާ ހިފައިގެންނެވެ. އަމިއްލަ ޕޮލިސީތަކެއް ހައްދަވައި މަސައްކަތް ކުރެއްވުމަކީ އޭނާގެ އުސޫލެއް ނޫން ކަމަށް ވިދާޅުވި އެވެ. ކުރިއަށް ވަޑައިގަންނަވާނީ އެމްޑީޕީގެ އާއްމު މެމްބަރުންގެ ރޫހާއި ލީޑަޝިޕްގެ އިރުޝާދާއި އަސާސީ ގަވާއިދުގެ އިމުގައި ކަމަށް ވިދާޅުވި އެވެ.