މާލޭގެ ގެއެއްގެ ހަތް ވަނަ ބުރީގެ ލިފްޓު ގޮޅިން ދޮންނަ މެޝިނެއް ތިރިއަށް ބާލަން އުޅުނު މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ.
ފުލުސް އޮފީހުން މިއަދު ބުނީ މިއަދު ހަވީރު 3:30 ގައި މާފަންނުގެ ގެއެއްގެ ލިފްޓު ގޮޅިން ވެއްޓި އަނިޔާވެފައި ވަނީ ބިދޭސީއަކަށް ކަމަށެވެ. އަދި އޭނާ އަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާއަށް މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.
ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ބިދޭސީން މަސައްކަތް ކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެގޮތުން މި މަހުގެ ކުރީކޮޅު ވެސް ވަނީ، ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ދެ ވަނަ ބުރިން ވެއްޓި ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ވެފައި ވެ އެވެ. އަދި އިމާރާތަކުން ވެއްޓި ވަރަށް ފަހުން ވެސް ބިދޭސީއަކު މަރުވެފައި ވެ އެވެ.