ސިޔާސީ ލީޑަރުންގެ ތެރެއިން ގުޑުވާނުލެވޭނީ ހަމައެކަނި އެމަނިކުފާނު ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމަށް އަލަށް ގުޅުނު މެމްބަރުތަކުންގެ ފޯމު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އެމްޑީޕީއަކީ އެމަނިކުފާނު ދެކެ ލޯބިވާ ޕާޓީއެއް ކަމަށެވެ. އެއީ ސަބަބެއް ނެތިއެއް ނޫން ކަމަށާއި ރާއްޖޭގައި އުފެއްދިކަމަށް ބުނާ ސިޔާސީ ހުރިހާ ޕާޓީއެއްގެ ލީޑަރުން "ނިގޫފިތިފައި" ތިބުމުން އެ އެންމެން ތިބީ އެމްޑީޕީއާއެކު ކަމަށް ވިދާޅުވި އެވެ.
އަދި ބުއްދި ސަލާމަތުން ހުރި ކަމަށް ވާނަމަ ދުވަހަކު ވެސް އެމްޑީޕީގެ ސަފަކަށް ވަޑައިނުގަންނަވާނެ ކަމަށް ވެސް ވިިދާޅުވި އެވެ.
"އެހެންވީމަ ކީއްވެތޯ އެމްޑީޕީ އަޅުގަނޑު ދެކެ ލޯބިވަނީ. އެމީހުންނަށް އެނގޭނެ ދުވަހަކު ވެސް އަޅުގަނޑު، ބުއްދި ސަލާމަތުން ހުރި ކަމަށް ވަންޏާ އަޅުގަނޑު އެމްޑީޕީ ސަފަކަށް ނުދާނެކަން އެނގޭނެ. ހަމައެކަނި މިހާރު ފެންނަ ސިޔާސީ ލީޑަރުންގެ ތެރޭގައި ގުޑުވާނުލެވޭނެ މީހަކަށް ހުންނާނީ އަޅުގަނޑު،" ޔާމީން ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ފަޅާއެރި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅުވައިގެން ވިދާޅުވީ، އެކައުންޓަށް ދެ ޗެކް ޖަމާވިއިރު ހުންނެވީ ވެރިކަމުގައި ކަމަށެވެ. ފުރަތަމަ ޗެކް އޮކްޓޯބަރު 13، 2015 އަދި ދެވަނަ ޗެކް އޮކްޓޯބަރު 15، 2015 ވަނަ ދުވަހު ޖަމާވިއިރު ރައީސަކަށް ހުންނެވީ އެމަނިކުފާނު ކަމަށް ވިދާޅުވި އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން، ރައީސް އޮފީހުން މައުލޫމާތު ގެންދެވިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު އެކަން ބަލަން ބޭނުން ނުވީ ގާނޫނާ ހިލާފު ކަމެއް ނުކުރާނެކަން ޔަގީންވާތީ ކަމަށް ވިދާޅުވި އެވެ.
ޔާމީން ދެން ކުރެއްވި ސުވާލަކީ 2015 ވަނަ އަހަރު ހިނގި ކަމެއް، މަގާމުން ވަކިވިފަހުން ހުށަހެޅީ ކީއްވެގެންތޯ އެވެ. ސައްހަ މައްސަލައެއް ކަމަށް ގަބޫލުކުރައްވަންޏާ މަގާމުން ވަކިކުރުމަށްޓަކައި ހުށަހަޅަންޖެހޭނީ އޭރު ނޫންތޯ އެމަނިކުފާނު އެއްސެވި އެވެ.
"އާއްމު ސިކުނޑިން ވިސްނާލާ. އެއަށްވުރެ އަޅުގަނޑު ފަޟީހަތް ވާނެކަމެއް ނޯންނާނެ. އެ ހިސާބުން ތާ އަބަދަށް ރިޔާސީ އުއްމީދަށް، ރިޔާސީ އިންތިޚާބަށް ނޫނީ ރައީސްކަމަށް ނޫނީ ރިޔާސީ ޒައާމަތަކަށް އަޅުގަނޑު ކުރާ އުއްމީދު އެ ހިސާބުން މޮހޮރުޖެހި، ކަފުންކުރެވި ނިމުނީ ނޫންތޯ،" ޔާމީން ސުވާލު އުފެއްދެވި އެވެ.
އޭރު އެއީ މައްސަލައަކަށް ވާނަަމަ މަގާމުން ދުރުކުރުމަށް އެއަށްވުުރެ ރަނގަޅު ސަބަބެއް ނުދެއްކޭނެ ކަމަށާއި އަޒުލްކުރުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުމެއް ނުވަނެ ކަމަށް ވިދާޅުވި އެވެ. އެކަހަލަ މައްސަލައެއް ހުށަހަޅައި ކުށްވެރިވާ ކަމަށް ގަބޫލުކުރެވެންޏާ އަމިއްލައަށް އިސްތިއުފާ ދެއްވާނެކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ފަޟީހަތް ކުރުމަށް އޭރު އިދިކޮޅުގައި ތިބި މީހުންނަށް ފުރުސަތު ލިބުނުކަމަށް ވެސް ވިދާޅުވި އެވެ. އަސި ހަތަރު އަހަރު ނުކުރެވުނު ކަމެއް، މިހާރު ކުރުމުގެ ބޭނުމެއް ކޮބައިތޯ ސުވާލު އުފެއްދެވި އެވެ. މިހާރު އެކަން ކުރުމުގެ ބޭނުމަކީ ޕީޕީއެމް ވަރުގަދަވެ، އެމަނިކުފާނު "އަނގަގަދަވެ" ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އުނދަގޫވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވަން އަންނަ ބުރާސްފަތި ދުވަހަށް ތާވަލްކޮށްފައިވާއިރު އެއީ ސިޔާސީ ދައުވާއެއް ކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދަައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލީ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.