ބޭރު ބަޔަކަށް އެއާޕޯޓުތައް ދިނުމުގެ ވިސްނުމެއް ނެތް: އަސްލަމް

ރާއްޖޭގެ އެއާޕޯޓުތައް ހިންގަން ބޭރުގެ އެއްވެސް ބަޔަކަށް ދިނުމުގެ ވިސްނުން އަދި ނެތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ނ. މާފަރު އެއާޕޯޓާ ބެހޭ ގޮތުން މަނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހާރޫން ރަޝީދު ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ބޭރު ބަޔަކު ރާއްޖޭގެ އެއާޕޯޓަކާ ކައިރިވެއްޖެ ނަމަ ދިވެހިންގެ ތެރެއިން ބަޔަކު "ވަރަށް ބިރުނަގާ" ކަމަށެވެ. އެ ސަބަބަށްޓަކައި ބޭރުގެ ބަޔަކަށް އެއާޕޯޓުތައް ހިންގަން ދޭން ބޭނުން ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ނިންމުމަކަށް ވީ ބޭރުގެ ބަޔަކަށް އެއްވެސް އެއާޕޯޓެއް، ހިންގުމަށް، އޮޕަރޭޓް ކުރަން ހަވާލު ކުރުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫނޭ،" އަަސްލަމް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ މިހާރު އެ ސިޔާސަތު ތަންފީޒު ކުރަމުން ދިޔަޔަސް، ގައުމުގެ ހާލަތު ބަދަލުވާ ވަރަކަށް ސިޔާސަތު ވެސް ބަދަލުވާނެ ކަމަށެވެ.

"މިއަދުގެ ހާލަތުގައި ހިންގެން އޮތް ސިޔާސަތަކީ އެއީ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާފަރު އެއާޕޯޓު އޮޕަރޭޓް ކުރާނީ އައިލެންޑް އޭވިއޭޝަނުންނެވެ.

އެއާާޕޯޓްތަކާ ބެހޭ ސުވާލު އައީ ބ. ކިހާދު އާއި ކުޑަރިކިލު އަދި ދޮންފަނު ބަނދަރު ހެދުމާ ބެހޭ ގޮތުން ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް ފަހު، އަސްލަމާ ސުވާލުކުރަން މެމްބަރުންނަށް ލިބިވަޑައިގެންނެވި ފުރުސަތުގަ އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، އަސްލަމް ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް ކުއްޔަށް ދިނެވެ. އެކަމަކު އޭރުގެ އިދިކޮޅު ފަރާތްތަކުގެ ނުރުހުން ބޮޑުވެ، އާާންމުންގެ ޕްރެޝަރު، މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވެވަޑައިގަތެވެ.

ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު، ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އެމަނިކުފާނުގެ ނައިބު މުހައްމަދު ވަހީދުގެ ސަރުކާރުން ޖީއެމްއާރުގެ އެއްބަސްވުން އުވާލި އެވެ. ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ދިއުމުން ބަދަލެއްގެ ގޮތުން 217 މިލިއަން ޑޮލަރު (4 ބިލިއަން ރުފިޔާ) ދޭން ނިންމި އެވެ. އަދި އެ ނިންމުން އައިއިރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެ ފައިސާ ދައްކައިފަ އެވެ.