އެމްޑީޕީ އާއި ޕީޕީއެމްގެ މެމްބަރުންގެ އަދަދު މަދުވެއްޖެ

ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި، އެންމެ ވާދަވެރި ދެ ޕާޓީ ކަމުގައިވާ ޕީޕީއެމާއި އެމްޑީޕީން މެމްބަރުން މަދުވެއްޖެ އެވެ.


އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 53،694 އެވެ. މިއީ މީގެ ހަ މަސް ކުރިން އާއްމުކުރި މައުލޫމާތުތަކާ އަޅާބަލާއިރު 608 މެމްބަރުންގެ ދަށް ވުމެކެވެ.

މިދިޔަ މެއި މަހު އީސީން ބުނީ އެމްޑީޕީގެ މެމްބަރުންގެ އަދަދު 54،302 ކަމަށެވެ.

ޕީޕީއެމްގެ މެމްބަރުންގެ އަދަދު ވެސް 38،020 އިން 36،831 އަށް ވަނީ ދަށްވެފަ އެވެ. އެއީ 1،189 މެމްބަރުންގެ މަދުވުމެކެވެ.

މި ފަހުން އެންމެ ގިނަ މެމްބަރުން އިތުރުވި އެއް ޕާޓީ އަކީ ޖުމްހޫރީ ޕާޓީއެވެ. އެ ޕާޓީގެ މެމްބަޝިޕަށް 1،391 މީހުން ވަނީ އިތުރުވެފަ އެވެ. ކުރިން 9،335 ގައި ހުރިއިރު މެމްބަރުންގެ އަދަދު މިހާރު ވަނީ 10،726 އަށް އިތުރުވެފަ އެވެ.

ހަތަރު ވަނަ އަށް މެމްބަރުން އެންމެ ގިނައީ އެމްޑީއޭގަ އެވެ. އެ ޕާޓީގައި މިހާރު ތިބީ 8805 މެމްބަރުންނެވެ. މީގެ ހަ މަސްކުރިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު އެ ޕާޓީގައި ތިބީ 8،712 މެމްބަރުންނެވެ.

އަދާލަތު ޕާޓީގައި މީގެ ކުރިން 6،253 މެމްބަރުން ތިބިއިރު 301 މެމްބަރުންގެ އިތުރުވުމާއެކު އެ އަދަދު ވަނީ 6554 އަށް އިތުރުވެފަ އެވެ.

ހަ މަސް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެމްބަޝިޕްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޕީއެންސީ އެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދު 3،084 އިން 4،367 އަށް އިތުރުވެފައި ވެ އެވެ. އެއީ 1،283 މެމްބަރުންގެ އިތުރުވުމެކެވެ.

އެމްޓީޑީގެ މެމްބަރުންގެ އަދަދު ވެސް ވަނީ 3،575 އިން 3،498 އަށް މަދުވެފަ އެވެ. މިދިޔަ ޖެނުއަރީ މަހު ރަޖިސްޓްރީކޮށްދިން ލޭބަ ޕާޓީގެ މެމްބަރުންގެ އަދަދަކީ 3004 އެވެ. ކުރިން އެ ޕާޓީގައި ތިބީ 2،766 މެމްބަރުންނެވެ.

އެންމެ މަދު މެމްބަރުންނާއެކު ފުލުގައި އޮތީ ޑީއާރުޕީ އެވެ. މީގެ ކުރިން 2،870 މެމްބަރުން ތިބި ޕާޓީގައި މިހާރު ތިބީ 2985 މެމްބަރުންނެވެ.