ހަރުކަށި ފިކުރުގެ މީހުން ތިބީ ލެޔަށް ފެން ބޮވައިގެންފައި، އެ މީހުންގެ އަތް ބަންނަން ޖެހޭ: ހުސެއިން

ހަރުކަށި ފިކުރުގެ މީހުން ތިބީ "ލެޔަށް ފެން ބޮވައިގެންފައި" ކަމަށާއި ގާނޫނުއަސާސީގެ ދަށުން އުފައްދާފައި ހުރި މިނިވަން މުއައްސަސާތަކުން އެ ފިކުރުގެ މީހުންގެ އަތް ބަންނަންޖެހޭނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތައް އާންމުވަމުން ދާތީ ހުސެއިން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އޭނާ ވަނީ ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފަ އެވެ.

ހުސެއިން ވިދާޅުވީ ގައުމު ފަސާދަކޮށް، ބައިއަތު ނުހިފާ މީހުންގެ "އަނގަ އިރާލައި" އެމީހުން ގަބޫލު ނުކުރާ ދީނީ ފަތުވާދޭ މީހެއް ނަމަ، ފުއްކިބަ "ކަނޑާލާ" ގޮތަށް ރާއްޖޭގެ ކަންކަން ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ. މިފަދަ ވާހަކަ ދައްކާ މީހުންނަށް ނުރައްކާ އޮތްކަން ފާހަގަކުރައްވަމުން ހުސެއިން ވިދާޅުވީ އޭނާ މަރަން ބޭނުންވާ ނަމަ ކެރިގެން ކުރިމަތިލުމަށެވެ.

އަނދުން ހުސެއިން ދެއްކެވީ ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލި ވާހަކަ އެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ބުނި ގޮތުގައި ދޯނީގެ ފަޅުވެރިންނާ ބައިއަތު ނުހިފުމުން ޒަހަމްކޮށްލި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު، 26، އަށް އިއްވީ މަރުގެ ހުކުމެވެ. އޭނާ އަށް މަރުން ސަލާމަތްވެވުނީ މޫދަށް ފުންމާލައިގެން ފަތާފައި ގޮސް އއ. މާޅޮހަށް އެރުމުންނެވެ.

ހުސެއިން ވިދާޅުވީ ދީނީ ހަރުކަށި މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުން ކަމަށާއި އެމީހުން ޖަލަށް ލައިގެން ނޫނީ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ނުގެންދެވޭނެ ކަމަށެވެ. އަދި ވުޒާރާތަކުގައި ތިބެން ޖެހޭނީ މިކަން ކުރެވޭ ވަރުގެ މީހުން ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

"މި މީހުންނަށް ދައުވާ އުފުލަން ކެރޭ ހަން ބޯ މީހުން ފަނޑިޔާރުންނަށާއި ތަހުގީގީ އިދާރާތަކުގައި ތިބެން ޖެހޭނީ. އެފަދަ މީހުންނަށް ވާށޭ. މިތަނުން މުތުލަގަށް އޮންނާނީ އެމީހުންނަށް ބާރު ދީފައި،" މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވާ ހުސެއިން ވިދާޅުވި އެވެ.

މައުސޫމް ދިވެހިން ސީރިއާއަށާއި އަފްގާނިސްތާނަށާއި ޕާކިސްތާނަށް ހަނގުރާމަ އަށް ފޮނުވަނީ ދީނީ އިލްމުވެރިންނޭ ކިއާފައި ތިބި ހަރުކަށި މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދީން އެނގިފައި ހުރި މީހެއްގެ ދަރިއަށް ވެކްސިން ދޭ. އެމީހެއްގެ އަންހެނުންނަށް ސެންޓު ދޭ. އެމީހުންގެ އަންހެނުންނަށް ޑިއޮޑެރަންޓުދޭ. ބޮޑީ ބަޓަރު ވެސް ގަނެދޭ. އެ މީހުން ގައިން ނައްޓާލީމަ ދަނޑިގަނޑަކުން ދަތް ވެސް އުނގުޅަންވީ. ސައިބޯންޏެއް ލާނެ ކަމެއް ނެތް. ކުންނާރު ފަތުން ފެންވަރަންވީ. މިހާލަތުގައި ވިސްނާ ބަޔަކަށް އަޅުގަނޑުމެންނަށް ނުކިޔޭނެ ތަހުޒީބު ބައެކޭ،" ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރިން ދެކެ ލޯބިވާ ނަމަ، އެމީހުންނަށް ވެކްސިން ދީ، ސްކޫލްތަކުގައި ކިޔަވައިދޭން ޖެހެ އެވެ.

އަދި ދަރިންނަކީ ސޯލިހް، ހަރުދަނާ ބައެއްގެ ގޮތުގައި ބޮޑުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކައިވެނީގެ ނަމުގައި ޅަ ކުދިން ޖިންސީ ޝިކާރައަކަށް ހަދާ މައްސަލަ ވެސް ހުސެއިން ފާހަގަކުރެއްވި އެވެ،

"ކަރާޗީ ލޮރީ ދުއްވާ މީހުން" ލާހެން ހެދުން ލައިގެން ބިރު ދައްކަން ނޫޅުމަށް ހަރުކަށި ފިކުރުގެ މީހުންނަށް އޭނާ ގޮވައިލެއްވި އެވެ. އަދި ހަރުކަށި މީހުންނާ ދެކޮޅަށް ނުކުންނަ މީހުން ވަކި މަދެއް ނުވާނެ ކަމަށް ވާހަކަ ނިންމަވާލައްވަމުން ވިދާޅުވި އެވެ.