60،000ރ. އިން މަތީގެ އާމްދަނީން ޓެކްސް ނަގަން ކޮމިޓީން ފާސްކޮށްފި

އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި 60،000ރ. ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލިހުގެ މުޅި ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.


ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މިދިޔަ މަހު ހުށަހެޅުއްވި އެ ބިލް އެންމެ ފުރަތަމަ ހުށަހެޅި އިރު އޮތީ އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް އާމްދަނީ 40،000ރ. އަށް ވުރެ އިތުރުވާ ބައިންނެވެ. އެކަމަކު، މުޅި މަޖިލިސް ކޮމިޓީން ވަނީ ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ ބްރެކެޓުތައް މަތިކޮށް އަދި ޓެކްސް ނަގާ ޕަސެންޓް ވެސް ކުޑަކޮށްފަ އެވެ.

އިންކަމް ޓެކްސް ނެގުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ކުރީގެ ރައީސް އަދި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންނަވާ އެކޮމިޓީން އެގޮތަށް ފާސް ކުރި އިރު، މި އަހަރު ބޭއްވި މަޖިލީހުގެ އިންތިހާބު ދުވަސްވަރު އާންމުކުރި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ "އެޖެންޑާ 19" ގެ ސިޔާސަތުގެ ދަށުން އިންކަމް ޓެކްސް ނަގާނީ މަހަކު 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން ކަމަށް ބުނެ އެކަން އާންމުކޮށްފައިވެ އެވެ.

މަޖިލިހުގެ ކޮމިޓީން ނިންމީ މަހެއްގެ މައްޗަށް 60،000ރ. އާއި 100،000ރ. ރުފިޔާއާ އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަަނީގެ 5.5 ޕަސެންޓު ކަމަށެވެ. ކުރިން ބިލްގައި އޮތީ މަހެއްގެ މައްޗަށް 40،000ރ. އިން ފެށިގެން 60،000ރ. އާ ހަމައަށް އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި ނަގަން ވާނީ އަށް ޕަސަންޓު ކަމަށެވެ.

ބިލްގައި ކުރިން އޮތް ގޮތުން 60،000ރ. އާއި 100،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ 10 ޕަސެންޓް އަދި 100،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން 15 ޕަސެންޓްގެ އިންކަމް ޓެކްސްއެއް ދައްކަން ޖެހޭނެ އެވެ. އެކަމަކު، މިހާރު ބިލަށް ގެނައި ބަދަލުގެ ސަބަބުން 100،000ރ. އާއި 150،000ރ. އާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުން ނެގުމަށް ހަމަޖެހިފައި ވަނީ އަށް ޕަސަންޓެވެ.

މީގެ އިތުރުން 100،000ރ. އަށް ވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކުހުގެ ގޮތުގައި 15 ޕަސެންޓް ނަގަން ބިލުގައި ވީނަމަވެސް އެމްޑީޕީގެ ހުށަހެޅުމަކީ 150،000ރ. އާއި 200،000ރ. އާ ދެމެދުގެ އަމްދަނީއެއް ލިބޭ މީހުންގެ އަތުން 12 ޕަސެންޓުގެ ޓެކްސް ނެގުމަށެވެ.

އެގޮތަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ އަލީ އާޒިމެވެ.

ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުން އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަދަދު އުޅޭނީ ގާތްގަނޑަކަށް 6،000 ގަ އެވެ. ރާއްޖޭގައި 40،000ރ. އާއި 60،000ރ.އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަދަދަކީ ގާތްގަނޑަކަށް 2،600 އެވެ. އެކަމަކު، 60،000ރ. އިން މަތީގެ އާމްދަނީން ޓެކްސް މަޖިލިހުން ފާސްކޮށްފި ނަމަ، ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ މީހުންގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.