މިސްރާ އެކު ހީނަރުވެފައި އޮތް ގުޅުން ރަނގަޅުވެ ރާއްޖޭގެ ތައުލީމީ ދާއިރާ އަށް އިތުރު އެހީތަކެއް ލިބިއްޖެ އެވެ.
މިސްރުން އިތުރު އެހީތައް ދީފައި މިވަނީ، މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އަދި އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ޝުޖާއު އަބްދުލް ރަހީމް ކުރައްވަމުން އަންނަ ދަތުރުގެ ތެރެއިންނެވެ.
އެ ބޭފުޅުން ވަނީ އަޒްހަރު ޔުނިވާސިޓީގެ އިމާމު ޑރ. އަހުމަދު އަލް ތައިބްއާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.
ރިޔާޒު "މިހާރު" އަށް ވިދާޅުވީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ އާއިި މެޑިސިން އާއި ޓީޗިންގެ ދާއިރާއަށް ހާއްސަކޮށްގެން ފަސް ސްކޮލަޝިޕްގެ ފުރުސަތު މިސްރުން ދީފައިވާ ކަމަށެވެ. އެ ސްކޮލަޝިޕަށް ހުޅުވާލުމާ ގުޅޭގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކުރާނެެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒްހަރު ޔުނިވާސިޓީން މިހާރު ވެސް ރާއްޖެ އަށް ސްކޮލަޝިޕް ދެ އެވެ. ނަމަވެސް އެ އަދަދު އިތުރުކުރައްވާނެ ކަމަށް އަޒުހަރުން ބުނެފައިވާކަން ރިޔާޒު ފާހަގަކުރެއްވި އެވެ.
އެކަންކަމުގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ވެސް އަޒްހަރުން ދޭގޮތަށް ވަނީ ނިންމައިފަ އެވެ. މީގެ ކުރިން އެ ޔުނިވާސިޓީން ދެމުން އައީ ކޮންމެ ވައްތަރަކުން 40 ފޮތެވެ. ބާކީ ފޮތް ގަންނަން ޖެހެނީ ސަރުކާރުންނެވެ.
އޭގެ އިތުރުން ސްކޫލުތަކަށް ބޭނުންވާ އަރަބި އަދި ގުރުއާން ޓީޗަރުން އަޒުހަރުން ފޮނުވައިދޭނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަރަބިއްޔާ ސްކޫލުގައި އަރަބި ކިޔަވައިދޭނެ ޓީޗަރުން އަޒްހަރުން މިހާރު ވެސް ފޮނުވަ އެވެ.
"ވަރަށް ކާމިޔާބު ދަތުރެއް މިއީ. ގިނަ އެހީތަކެއް ވަނީ ލިބިފައި،" ރިޔާޒު ވިދާޅުވި އެވެ.
ރާއްޖެ އާއި މިސްރާ ދެމެދު އޮތް ގުޅުން ހީނަރުވީ، ކުރީގެ ސަރުކާރުން އެ ޔުނިވާސިޓީގެ ޓީޗަރުންނާމެދު ކަންތައް ކުރިގޮތުންނެވެ. އެއީ އެ ގައުމުން އައި ޓީޗަރުންތަކެއް އެތައް ގަޑިއިރެއް ވަންދެން އެއާޕޯޓުގައި މަޑުކުރުވުމަށް ފަހު ޑީޕޯޓްކޮށްލުމުންނެވެ.