ކުރީގެ ރައީސް ޔާމީން: އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/މިހާރު
28 ނޮވެމްބަރ 2019 - 17:10
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް އިން ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ބުނެ އެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަން އެނގޭއިރު، އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބެލެވޭ ކަމަށް އޭސީސީން ޔާމީނަށް އަންގަވާފައިވާ ކަން ހެކިންގެ ބަހުންނާއި ކިތާބީ ހެކިން އެނގޭ ކަމަށެވެ. އެކަމަކު އެސްކްރޯ އެކައުންޓަށް ޖަމާކުރީ ޝައްކު އުފެދޭ ފައިސާގެ ބަދަލުގައި އެހެން ފައިސާތަކެއް ކަން ހެކިތަކުން އެނގޭ ކަމަށް ކަމަށް ގާޒީ ވިދާޅުވި އެވެ.
ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކަށް ލިބިފައިވާ ފައިސާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބެލުމުގެ ދަށުގައި ހުންނާނެ ކަމަށް ޔާމީންގެ ފަރާތްޕުޅުން ބުނެފައި ވިޔަސް، ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޕާޓީގެ ފައިސާ ޖަމާކޮށް އިންވެސްޓް ކުރުމުގެ މާނައެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ޕާޓީތަކަށް ލިބޭ ފައިސާ ބަހައްޓަން ޖެހޭނީ އެ ޕާޓީއެއްގެ ނަމުގައި ހުޅުވާ އެކައުންޓަކަށް ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.
ގާޒީ ވިދާޅުވި ގޮތުގައި މަނީ ލޯންޑްރިންގެ ގާނޫނު އޮންނަ ގޮތުން މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމުގައި ދެ ރުކުނެއް ފުރިހަމަވާން ޖެހޭނެ އެވެ. އެއީ ވަކި މުދަލަކީ ނުވަތަ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަން ނުވަތަ ފައިސާއެއް ކަން ޝައްކު ކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން އަދި އެކަން އެނގިހުރެ އެ ފައިސާ ބޭނުން ކުރުން ނުވަތަ އޭގެ އަސްލު އޮޅުވާލުން ކަމަށް ގާޒީ ވިދާޅުވި އެވެ.
ޔާމީންގެ ފަރާތްޕުޅުން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނުގައި ވެސް އެސްއޯއެފް އިން ޖަމާކުރި ފައިސާ އަކީ އެމްއެމްޕީއާރުސީގެ ފައިސާއިން އަދީބު ދިން ފައިސާ ކަމަށް ބެލެވޭ ކަމަށް ބުނެފައި އޮތުމުން އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމަށް ޔާމީނަށް ވެސް ޝައްކު ކުރެވޭ ކަން އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެއީ ކުށް ކޮށްގެން ހޯދި ފައިސާއެއްކަން ސާބިތު ނުވިޔަސް، އެކަމަށް ޝައްކު ކުރެވޭ އެކަށީގެންވާ ސަބަބު ހުރުމުން ކުށުގެ އުންސުރު ފުރިހަމަވާނެ ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓަށް ޖަމާވިއިރު، އެ ފައިސާ ލަސްވެގެން ޔާމީންގެ ފަރާތްޕުޅުން އެކި މީހުންނަށް ގުޅުއްވިކަން ހެކިންގެ ބަހުން އެނގޭތީ ޔާމީންގެ އެކައުންޓަށް ޖަމާވީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާތަކެއް ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބު ހުރި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ޔާމީން މިއަދު ކޯޓަށް ވަޑައިގަތުމުގެ ކުރިން ސަޕޯޓަރުންނާ ސަލާން ކުރައްވަނީ -- ފޮޓޯ/މިހާރު
މީގެ އިތުރުން އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާ ކުރުމަށް ފަހު އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިންވެސްޓް ކޮށްފައިވާތީ ކުށުގެ ދެވަނަ އުންސުރު ވެސް ފުރިހަމަވާ ކަމަށާއި އެއީ ފައިސާގެ އަސްލު އޮޅުވާލުން ނޫން ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އަދި އާންމު ވިޔަފާރީގެ މުއާމަލާތްތަކުގައި ފައިސާ ނަގުލު ކުރުމުގައި ފައިސާގެ ވެލިއުއަށް ނުވަތަ އަދަދަށް ބެލިޔަސް، ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން އެނގިހުރެ އެއިން މަންފާ ހޯދުމަކީ ފައިސާގެ އަސްލު އޮޅުވާލުން ކަމަށް ބެލެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގައި ހެކިބަސް ދިން އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ޔާމީންގެ ފަރާތްޕުޅުން ބުނެފައިވާތީ އެކަމާ ގުޅިގެން ގާޒީ ވިދާޅުވި ގޮތުގައި އެ ދެ މީހުންގެ ހެކިބަހަށް ބާރު ލިބޭ އެހެން ހެކިތައް ހުރުމުން އެ މީހުންގެ ހެކިބަސް ގަބޫލު ކުރަން ހުރަހެއް ނެތެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީވީން ލައިވްކޮށް ދެއްވި އެ ޝަރީއަތުގައި ގާޒީ އަލީ ވިދާޅުވި ގޮތުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ވޭތުވެދިޔަ 10 ވަރަކަށް ދުވަހު އެ މައްސަލަ ދިރާސާ ކުރެއްވުމަށް ފަހު، ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ހުރިހާ ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވެ އެވެ.
މަނީ ލޯންޑްރިންގެ ގާނޫނު ބުނާ ގޮތުން މަނީ ލޯންޑްރިންގެ ކުށުގެ އަދަބު ދެގޮތުން ކުރެ ގޮތަކަށް ކަނޑައެޅިދާނެ އެވެ. އެއީ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރުން ނުވަތަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާ އެކު މަނީ ލޯންޑާކުރި އަދަދުގެ ފަސް ގުނައަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުން އެދުނީ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު، މަނީ ލޯންޑާކުރި އަދަދުގެ ފަސް ގުނައަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް ދިނުމަށެވެ. ސަބަބަކީ އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހިމެނޭ މައްސަލައެއް ކަމަށްވާތީ ކަމަށް ދައުލަތުން ބުންޏެވެ.
އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ޔާމީނަށް ދެއްވި ފުރުސަތުގައި އެމަނިކުފާނު ވާހަކަަ ދައްކަން ފެށްޓެވީ ހެކިތަކާ ބެހޭގޮތުންނެވެ. އެކަމަކު ގާޒީ އަލީ ރަޝީދު އެކަން ހުއްޓުވި އެވެ.
"އެކަމަކު އަޅުގަނޑު މި ވާހަކަ ދެންނެވިޔަ ދެއްވާ" ހުދު ގަމީހެއް ތުރު ކުރައްވައިގެން ކޮޅަށް ތެދުވެ ވަޑައިގެން ހުންނަވައި، ޔާމީން ވިދާޅުވި އެވެ.
"އިތުރަށް އެ މައުޟޫއުގައި ވާހަކަ ނުދެއްކޭނެ. ހަމައެކަނި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކެވޭނީ." ގާޒީ އަލީ ޖަވާބު ދެއްވި އެވެ.
އެހެންވެ، އަދަބާ ގުޅޭގޮތުން ދެން ވާހަކަ ދެއްކެވީ ޔާމީންގެ ވަކީލުންގެ ޓީމުންނެވެ. އެ ޓީމުގައި ހިމެނޭ ވަކީލް އަލީ ޝާހު ވިދާޅުވީ އަދަބު ކަނޑައެޅުމުގެ އަޑުއެހުން އެހެން ދުވަހެއްގައި ބާއްވައިދޭން އެދޭ ކަމަށާއި ސަބަބަކީ ކުރިއަށް އޮތީ ބަންދު ދުވަސްތަކެއް ކަމަށްވާތީ އިސްތިއުނާފްގެ ހައްގާއި ކަފާލާތު ފުރުސަތު ޔާމީނަށް ގެއްލިގެންދާނެތީ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި ޔާމީނަކީ ކުރީގެ ރައީސަކަށް ވުމުގެ އިތުރުން ގައުމަށް ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.
ޔާމީންގެ ފަރާތުން އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އަދިވެސް ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށާއި އެހެންވެ، ކުރެވޭނެ އިތުރު ޖޫރިމަނާއެއް ނެތް ކަމަށް ނިންމައިދޭން އެދޭ ކަމަށް ޝާހު ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެކަން ވެސް ޝާހު ފާހަގަ ކުރެއްވި އެވެ. އެހެންވެ، މިހާރު ޕީޖީގެ ފަރާތުން އެ މައްސަލާގައި ތަމްސީލު ކުރާނެ ބޭފުޅަކު ނުހުންނާނެ ކަމަށް ޝާހު ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުން ބުނީ ޕީޖީ ނެތަސް، ޑެޕިއުޓީ ޕީޖީއެއް ހުންނެވި ނަމަ، އެކަމުގައި ގާނޫނީ މައްސަލައެއް ނެތް ކަމަށެވެ. އަދި ކަފާލާތުގެ ހައްގަކީ ކުށުގެ ތުހުމަތުގައިވާ މީހުންނަށް އެކަނި އޮންނަ ފުރުސަތެއް ކަމަށާއި އަދި ބަންދު ދުވަސްތަކެއް ކުރިއަށް އޮތުމަކީ ވެސް އަދަބު ކަނޑައެޅުން ފަސް ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު އެމަނިކުފާނުގެ ސަޕޯޓަރުން އެ ކޯޓުގެ ބޭރުގައި އަޑު އުފުލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ގާޒީ އަލީ ރަޝީދު ވިދާޅުވީ ޑެޕިއުޓީ ޕީޖީ ޒިންމާއާ ހަވާލުވެ ހުރިކަން ކޯޓުން ކަށަވަރު ކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު ގާނޫނު އޮންނަ ގޮތުން ޕީޖީ ނެތް ނަމަ، ޑީޕީޖީ ޒިންމާއާ ހަވާލުވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަދަބާ މެދު ގޮތެއް ނިންމުމަށް މަޖިލިސް މެދުކަނޑާލުމަށް ފަހު އަލުން ފަށައި، ހުކުމް އިއްވަވަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ މަނީ ލޯންޑްރިންގެ ކުށުގެ އަދަބެއްގެ ގޮތުން ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު ލޯންޑާކުރި އަދަދުގެ ފަސް ގުނައަށްވާ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ހުކުމް ކުރައްވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ އަލީ ރަޝީދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.
ހުކުމް އިއްވުމާ އެކު، ވަކީލުންނާ އެކު ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކެވުމަށް ފަހު ބޮޑީގާޑުންނާ އެކު ކޯޓު ރޫމުން ޔާމީން ނިކުމެ ވަޑައިގެންނެވި އެވެ. އެމަނިކުފާނު މިއަދުގެ ވަގުތެއްގައި ޖަލަށް ގެންދާނެ އެވެ.
ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެ މައްސަލަ ބެއްލެވިޔަސް، މިމަހު ކުރީކޮޅު އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖެހިފައި އޮތް ދުވަހުު ހައިލަމް ސަސްޕެންޑް ކުރުމާ އެކު، އެ މައްސަލަ ބެލުން ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލާ ގޮތަށް ހަމަޖެއްސީ އެވެ.
ހުކުމް އިއްވުމުގެ މަޖިލިސް ކުރިއަށް ދިޔައިރު، އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުން ކޯޓު ސަރަހައްދުގައި މުޒާހަރާ ކުރަމުން ގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
29 November 2019
ޚޮބައިހޭ އެހެންހުރިހާ މީހުން
ސުދީ
29 November 2019
ހުރިހާ ވަގުންނަށް އިންސާފުން ހުކުންކޮއް ހައްގު އަދަބުދީ. ޔާ މީނެއް މައު މޫނެއް ކިޔާނެކަ މެއް ނެތް. މިހާރު ތިބި ބޮޑެތި ވަގުންވެސް
ކިބޫ
29 November 2019
ޥައްކަމަކީ ތަބީއީ ކަމެއްދޯ ؟
އަލީ ރާޖާ
29 November 2019
ރީނދޫ ބައިގަނޑުގެ މީހުންނަކީ އެމީހުންނަށް ތްރެޓަކަށްވާ ސިޔާސީ މީހެއްގެ އަބުރު ކަތިލަމުން ވަގަށް ގޮވަމުން ދުވާ ބައެއް، ކުރިން މައުމޫނު. ފަހުން އޭނަގެ ސިޔާސީ ބާރުވެރިކަން ދިޔައިމަ ޔާމީން. މިއަދު މައުމޫނުގެ އަނިޔާވެރިކަމެއްވެސް އެފްޕީއައިޑީގެ ކަރަޕްޝަނެއްވެސް ނެތް. މިއީ މިބައިގަނޑުގެ ފެންވަރަކީ. ދެން ތިބޭ ކާޅު ލޭ އަޅައިގެން ބޮނޑިބަތް ކާން
ޒުވާނާ.
29 November 2019
އައްޑޫ ރައްޔިތުން މިއަދު މިސަރުކަރައް ބައިއަތު ހިފައިގެން ތިޔަކުރާ ކަންކަ މައް ފަހުން ހިތާ މަކުރަން ޖެހޭނެ ގައު މުގެ ރައްޔިތުންގެ ހައްގުތައް އޭގެ ފުރިހަ މަ ގޮތުގަ އަދާކޮއްދިން ޔާ މިނައް ތިޔަދޭ އަނިޔާ ތަކަކީ ވަރައްބޭއިންސާފު އަނިޔާ ތަކެއް
ހަކީމް
29 November 2019
އެއީ ތެދެން ، އަބަދުވެސް މިކިޔަމުން އައީ ސާބިތެއް ނުކުރެވޭނެޔޭ. ދުވަހަކުވެސް ޕޯޑިޔަމަކަށް އަރާހުރެ ނުކެރުނު ބުނާކަށް ނުކުރަމެކޭ. ވަރަށް އުފާވެއްޖެ އެކަމުގައި ދޮގު ނެހެދީތީވެ. އެހެންވީމަ މިވީ ތެދުވެރި ހިޔާނާތްތެރިއަކަށް ދޯ !
ނަޖުދާ
29 November 2019
ނުހައްގު ފައިސާއެއްގަ ޖެހިފަ ނޯންނާނޭ ބުނާއަޑު ކަލެއަށް ނީވުނީތީ ސާބިތުނުވާ މައްސަލައެއްގަ އަދަބު ކަނޑައަޅާ ހުކުމް ކޮށްލީ ދޯ ތި؟ 20 ވަނަ ގަރުނުގަ "އިންސާފު" ކިޔަނީ ތިއަށް. ހާދަމޮޅު މީހެކޭ މީ. ހަމަ ހުރިގޮތަށް ހުރި ހަކީމެއް.
ހައްގުބަސް
29 November 2019
ފަޅުރަށެ ދިބާޖާ އަތުން ނެގީމަ. ސަރުކާރުން ބޮޑު ލާރިގަޑެ ދިބާޖާއަ ދިނުމަކީ ވަރައް ބޮޑު ވައްކަމެ. ބަޔަކަ ބައިއަޅާގޮތަ ދިން ބަދަލެ.
1234
29 November 2019
5 އަހަރު ވެރިކަންކޮއްފައި އަނެއް 5 އަހަރު ޖަލުގަ ކުރަން ހެޔޮވާވަރުކަ މެއްތަ؟
ީހށނ
29 November 2019
ވައްކަން ކުރިޔަސް ސާބިތު ނުވަންޏާ ވަގަކައް ނުވޭ. ވައްކަން ނުކުރިޔަސް ސާބިތު ވީ މަ ވަގަކައްވީ. ކުރިޔަސ ނުކުރިޔަސް ވަގެއްކަ މަށް ސާބިތުވީ މަ ވަގެއްގެ ލަގަބު ލިބުނީ!
އިންސާފް
29 November 2019
އިންސާފް ހުރިވަރަކީ ރިހާކުރުފުޅި ވަގަށްނެގި މީހާގެ ހުކުން ފައިސާ އޮޅުވާލިކަ މަށް ބުނާ ހުކު މުގައިވެސް. ދެން މީހެއްގެ އެކައުންޓަށް ފައިސާ ޖަ މާކުރިކަ މަށް ދެތިން މީހުން ބުނެފިނަ މަ، އެ މީހަކާ އެކަ މާ ނުބެހުނަސް އެއޮތީ ފައިސާ އޮޅިފަ. ކަލޯގަޔާ ސިފައިންނާއި ފުލުހުން ހައްދައިގެން ޢާއިލީވެރިކަން ކުރެވިދާނެ
ބަސް
29 November 2019
ތަންކޮޅެއް ހޭޖެހޭ ވާހަކަ ދައްކަބަލަ!