އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމެއް ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
30 ނޮވެމްބަރ 2019 - 23:13
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގެ މަގުތަކުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިރޭ ވެސް ބޭއްވި މުޒާހަރާ ފުލުހުން މިރޭ ރޫޅާލައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 77 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެކަމަކު، އެ ހުކުމް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގަބޫލެއް ނުކުރެ އެވެ.
އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެއީ އިންސާފުން ބޭރުން، ސިޔާސީ މަގްސަދެއްގައި ކުރި ހުކުމެކެވެ. އެހެންވެ، ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލްކޮށް، އެމަނިކުފާނު ވަގުތުން މިނިވަން ކުރަން ޖެހޭނެ ކަމަށް އެމީހުން ދެކެ އެވެ.
ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ސަޕޯޓަރުން ރެ އިން ފެށިގެން ވަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށައިފަ އެވެ. މިރޭގެ މުޒާހަރާ ގައި އިދިކޮޅު ސަޕޯޓަރުން އެންމެ ފުރަތަމަ އެއްވީ، މަޖީދީ މަގު، ޗާންދަނީ މަގު ކަންމައްޗަށެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފަދަ ބޭފުޅުންނާ އެކު އެ ސަރަހައްދަށް އެއްވިތާ މާ ގިނަ އިރުތަކެއް ނުވެ، އެސްއޯ ފުލުހުން ވަދެ، އެއްވުމުގެ ބައިވެރިން ދުރަށް ޖައްސަން ފެށި އެވެ. އަދި ބައެއް ސަޕޯޓަރުން ޖުމްހޫރީ ޕާޓީގެ އޮފީސް އަދި ޖަގަހަ މ. ކުނޫޒާ ދިމާ އަށް ގޮސް އަޑު އުފުލި އެވެ.
އެމީހުން މައިގަނޑު ގޮތެއްގައި ގޮވައިލީ ޔާމީނަށް ކުރާ އަނިޔާ ހުއްޓާލުމަށާއި އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށެވެ.
ޔާމީން މިނިވަން ކުރުމަށް ގޮވައިލާ ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާ އެކު ކުރި އެއްވުމުގެ ބައެއް ބައިވެރިން ފުލުހުންގެ ސަފުތައް ވެސް ފަޅައިލި އެވެ. އަދި މަޖީދީ މަގުން އިރަށް ހިނގާފައި އަބަދަށް ފެހި މަގުން ދަނިކޮށް، އެސްއޯ ފުލުހުން ނުކުމެ، އެއްވުމުގެ ބައިވެރިން ވަނީ ބައިބައިކޮށްލައިފަ އެވެ.
އެއްވުމުގެ ތެރެއިން ޝިޔާމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ޕީޕީއެމްގެ ބައެއް ކައުންސިލް މެމްބަރުންނާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ޔާމީން މާލެ ޖަލުގައި ހުންނަވަނިކޮށް، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ސަޕޯޓަރުން ރޭ މާލެ ޖަލު ކައިރި އަށް ވެސް އެއްވި އެވެ. އަދި އެ ސަރަހައްދަށް އެއްވި މީހުން ފޮނުވާލަން ފުލުހުން ކުރި މަސައްކަތުގައި ބައެއް މީހުންނަށް އަނިޔާވެ، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު، އެންމެން ވެސް ވަނީ ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Dhaadhey
01 December 2019
މިހާރު އަޑުއުފުލާ މުޒާހަރާއަށް އެނުކުންނަނީ ޚިޔާނާތުގެ އެފައިސާ ދަތުގައި ހޭކިފައިވާ ބަޔެކޭ ބުނާކަށް މަމެންނެތީމު. ޚިޔާނާތްތެރިންގެ ޙިމާޔަތަށް ރަނގަޅުމީހަކު ނުނުކުންނާނެ.
އަލީ ރާޖާ
01 December 2019
ސާބަސް. މިރޭވެސް ނުކުންނަން ވާނެ. ސާލިހަށް އެހާ ފަސޭހައިން ވެރިކަން ކުރަން ފުރުސަތު ދީގެން ނުވާނެ. މަވެސް އެބަދަން މި ކަންނެލި ދަތުރު ނިންމާފަ ބައިވެރިވާން.
ޙަމް
01 December 2019
މުޒާހަރާ ނުހުއްޓާތި. ވަރަށް މަޖާ ތިމީހިން އެއްވީމަ.
ދެރަ
01 December 2019
ޕީޕީއެމް ކުދިން ހަޖަމު ކޮއްލާ ޖަލުގޮޅި އޯކޭތޯ
ބޮޑުމީހާ
01 December 2019
އެމްއެމްޕީއާރުސީގެ ޚިޔާނަތަކީ ނުހިގާ ކަމެއްތަ! 3.2 ބިލިއަން ރުފިޔާ ދައުލަތުން ނުގެއްލޭތަ! ކުށް ކުރާ ސިޔާސީ މީހުންގެ ފަހަތުގައި މިކަހަލަ ބައިގަޑެއް އޮންނަނަމަ ދުވަހަކުވެސް މިގައުމު ކުރިއަށް ނުދާނެ. މިއަދު ޕީޕީ ކުދިންވެސް މުޒާހަރާ ކުރަންވީ ޔާމީންނާއި އެކު ދެން އެ ޖަރީމާތައް ހިންގި މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލާ
ލޮކިމަސް
01 December 2019
އަދުރޭ! ފޮނަދޫ އަށް ގޮސް މުޒާހަރާކުރަންވީނުން.
ހަކީމް
01 December 2019
މާލޭ އަކީ ކާރޫބާރޫ ބޮޑު ، ރާއްޖޭގެ ދެބައިކުޅައެއްބައި ދިރިއުޅޭ ރަށެއް. މަގުމައްޗަށް ވަކިބަޔަކަށް ހީވާކަހަލަ 2012 ގައި އެކުރި ކަންތަށް އެމީހުންނަށް އަލުން ކުރެވޭނެޔޭ. ހައެއްކަ މީހުން ނިކުމެ ޓްރެފިކް ހުއްޓުވާ ހެދޭކަމުގައި ވާނަމަ ، ޒިންމާނަގަން ތިބޭ މީހުން އިސްތިއުފާދީފަ ގެއައްދޭ. އެއްވެ އުޅުމުގެ ހަރުކަށި ޤާނޫނެއް އެބައޮތް، ޤާނޫނު ތަންފީޒް ކުރޭ. އަވަސްކުރޭ.
އާދަމް ޒާހިރު
01 December 2019
ޔާމީނު ގެ ސަޕޯޓަރުން ނަށް ލޮލޮގެ ހާއްސަ ޑޮކޮޓަރެއް ހޯދަންޖެހޭ. ސަބަބަކީ ކުށް ސާބިތު ނުވާ ކުއްނުކުރާ ގިނަ ބަޔަކު ހައްޔަރުކޮށް ނުހައްގުން ގިނަދުވަސްތަކެއް ވަންދެން ޖަލުގަ އަނިޔާ ދިން އިރު އެތަން އެމީހުންގެ ލޮލަށް ނުފެންނާތީ. މިއަދު ޔާމީނު އެވަނީ ވައްކަމުގެ ހަޑި މުޑުދާރު ކުށެއް ސާބިތުވެގެން ޖަލަށްލާފައި. ޔާމީނު ކުރިއަސް އަންނި ކުރިއަސަް ކުއްކުރީމާ އަދަބު ދެވެންޖެހޭނެ. ސުކުރިއްޔާ
ގަޓް ބްރޯ
01 December 2019
ގާނޫނުތަކަށް ގޮންޖަހާ ޕާޓީތައް ބޮޑެތި އަދަދުން ޖޫރިމަނާކޮށް ކަނޑައެޅޭ މުއްދަތުގަ އެ ޖޫރިމަނާ ނުދައްކައިފިނަމަ ނުވަތަ އެކުށެއް ތަކުރާރު ކޮށްފިނަމަ ޕާޓީ އުވާލަން އީސީ އަށް ގޮވާލަން. ރާއްޖެއަށް ފުދި އިތުރުވާވަރަށް މިހާރުވެސް ސިޔާސީ ޕާޓީ އެބައޮތް. ސިޔާސީ ޕާޓީތަކަށް ދެވޭ ހުއްދައަކީ ގާނޫނުމުގުރާ ލައިސަންސް އަކަށް ވެގެންނުވާނެ.
ރީތި މޫސަ
01 December 2019
މިސަރުކާރު އަންނަމުންބުނީ މުޒާހިރާވެސް ކުރަންވީކަމަށް އެކަމަކު މާބިރުގަނޭ ދެމީހަކު ނުކުންއިރަށް ވައްޓާލަނީ މުޅިފައުޖު