ޔާމީން މިނިވަންކުރަން ގޮވާލައި މަޖިލިހުގައި އިހުތިޖާޖް ކުރަނީ

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހުގައި އިދިކޮޅު މެމްބަރުން އިހުތިޖާޖުކުރަން ފަށައިފި އެވެ.


މަޖިލިހުގައި އަޑުގަދަ ކުރައްވަމުން ގެންދަވާ މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވަ އެވެ. އެ ތިން ބޭފުޅުން ގެންދަވަނީ މަޖިލިހުގެ އިދާރީ މޭޒު ކައިރި އަށް ވަޑައިގެން ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލައްވަމުންނެވެ.

މަޖިލިހުގައި އަޑުގަދަ ކުރެއްވި ނަމަވެސް، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މަޖިލިސް މެދުކަނޑާނުލައްވައި ކުރިއަށް ގެންދަވަމުންނެވެ.

އިދިކޮޅު ބައެއް މެމްބަރުން ތިއްބެވީ ޔާމީން ދޫކޮށްލަން ގޮވާލައި ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެންނެވެ. އިދިކޮޅު މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޔާމީން ޖަލަށްލީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭރުން ސިޔާސީ ނުފޫޒުގެ ދަށުންނެވެ.

މަޖިލިހުގައި އިދިކޮޅު މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން އެމްޑީޕީގެ މެމްބަރުން ރައްދު ވެސް ދެއްވި އެވެ. އެކަމަކު، މަޖިލިހުގެ ރައީސް އެދިވަޑައިގެންނެވީ އިހުތިޖާޖް ކުރައްވާ ބޭފުޅުން ފިޔަވައި ދެން ތިއްބެވި ބޭފުޅުން ވާހަކަ ނުދައްކަވާ ތިއްބެވުމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފަ އެވެ.

މާފުށީ ޖަލުގައި މިވަގުތު ހުންނެވި ޔާމީން މިނިވަން ކުރަން ގޮވާލައި މާލޭގެ މަގުތަކުގައި ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށައިފަ އެވެ.