ކުރިން މައާފުކުރި، އެކަމަކު މައުމޫނާ ދެކޮޅަށް ޖާބިރު އަނެއްކާވެސް ކޯޓަށް!

އަނބުރާ ދައްކަވާ ގޮތަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އޭނާގެ އަތުން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ މާފުކުރެއްވި ކަމަށް ކުރިން އިއުލާންކުރެއްވިޔަސް، ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އަނެއްކާވެސް މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.


ޖާބިރު ވިދާޅުވީ މައުމޫން ފައިސާ ނެންގެވީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ކަމަށެވެ. އެކަމަކު މި ތުހުމަތު މައުމޫން ވަނީ ތަކުރާރުކޮށް ދޮގުކުރައްވައިފަ އެވެ.

އެމަނިކުފާނުގެ ޓީމުން ބުނާ ގޮތުގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޖާބިރުގެ އަތުން އެއްވެސް ފައިސާއެއް ނަންގަވާފައެއް ނޯންނާނެ އެވެ.

މައުމޫނަށް ތުހުމަތުކުރާ ފައިސާގެ މައްސަލަ ޖާބިރު ފުލުސް އޮފީހަށް ކުރިން ވެސް ހުށަހެޅުއްވި އެވެ. އެކަމަކު ތަހުގީގުގެ މެދުތެރެއިން ޖާބިރު ވަނީ މައުމޫނަށް މާފްކުރައްވައިފަ އެވެ. އެއީ ޖާބިރުގެ މަންމަ، މަރިޔަމް މަނިކެ އެދިވަޑައިގަތުމުން ކަމަށް ވިދާޅުވި އެވެ.

އަލުން މައުމޫނާ މެދު ޖާބިރު ހިތްހަމަޖެހިވަޑައިނުގަތް ސަބަބެއް ސާފެއް ނޫނެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ޖާބިރު ވަނީ މައުމޫން ނެންގެވި އެ ފައިސާ އަނބުރާ ދެއްވުމަށް ގޮވާލައްވައި ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

އޭގެ ފަހުން، ޑީއާރުޕީން ކުރި ޓުވީޓެއްގައި ބުނީ މައުމޫން ނެންގެވި ފައިސާ އަނބުރާ ދެއްކެވުން ލަސްވެ، ބޮޑެތި ގެއްލުންތަކެއް ވަމުންދާތީވެ ސިވިލް ކޯޓަށް ޖާބިރު މައްސަލައެއް ހުށަހަޅުއްވި ކަމަށެވެ. އެ ފައިސާ އަނބުރާ ނުލިބިއްޖެ ނަމަ، ޖާބިރު ހުށަހެޅުއްވީ ބަދަލެއްގެ ގޮތުން މައުމޫންގެ ގެކޮޅު، މއ. ކިނބިގަސްދޮށުގެ ނަގައި ދިނުމަށެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ މައުމޫނާ އެކު އެއްބަސްވެވަޑައިގަތީ ފައިސާ ނުދެއްކެވިއްޖެ ނަމަ ބަދަލެއްގެ ގޮތުގައި ކިނބިގަސްދޮށުގެ ހަވާލުކުރަން ކަމަށެވެ. އެކަމަކު އެ މުއާމަލާތުގައި ލިއުމުން އެއްބަސްވުމެއް ހަދާފައި ނެތް ކަމަށް ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ވެ އެވެ.

އެއްބަސްވުމެއް ނެތަސް މައުމޫނަށް އިންކާރު ނުކުރެއްވޭނެ ސަބަބަކީ، ޖާބިރު ވިދާޅުވި ގޮތުގައި، އެ މުއާމަލާތް ހިނގައިދިޔަ އިރު ހާޒިރުގައި ހެކިން ތިބުމެވެ. ލިއުމަކުން އެއްބަސްވުމެއް ނެތުމުން ފައިސާ އަނބުރާ ދައްކަން ޖެހިވަޑައިނުގަންނަވާނެ ކަމަށް މައުމޫން ގަބޫލުފުޅު ކުރެއްވިޔަސް ހެކިންގެ ހެކިބަހުން އެކަން ސާބިތުވާނެ ކަމަށް ޖާބިރުގެ މައްސަލާގައިވެ އެވެ.

އޭނާ ކުރިން ވިދާޅުވީ އެ 29 މިލިއަން ރުފިޔާ ބޭނުންކުރެއްވީ "ރާއްޖޭގެ ޑިމޮކްރަސީ" އަށް ކަމަށް މައުމޫން އެންގެވި ކަމަށެވެ.

"މައުމޫން ވިދާޅުވީ އަޅުގަނޑުގެ ގާތުގައި އެ ފައިސާ ބޭނުން ކުރެއްވީ ޑިމޮކްރަސީ ގެނައުމަށޭ. އެހެންވީމާ އެ ފައިސާ ބޭނުން ކުރެއްވީ ރައްޔިތުންނަށް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޖާބިރު ވިދާޅުވެފައިވެ އެވެ. މައުމޫނާ ދެކޮޅަށް ޖާބިރު ފުރަތަމަ މައްސަލަ ހުށަހެޅުއްވުމުން، އެއްވެސް ހެއްކެއް ނެތުމުން، ފުލުހުން އެކަން ބަލާފައެއް ނުވެ އެވެ. ދެ ވަނަ ފަހަރަށް މައްސަލަ ހުށަހެޅުއްވީ ހެއްކާ އެކުގައި ކަމަށް ޖާބިރު ވިދާޅުވި އެވެ.

އޭނާ ކުރިން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި 29 މިލިއަން ރުފިޔާ މައުމޫނަށް ދެއްވީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަވާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް ކަމަށެވެ. ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.