ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ މެމްބަރު ކަމަށް ފަނޑިޔާރު އަލީ ސަމީރު އިންތިޚާބުކޮށްފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް މިދިޔަ އާދިއްތަ ދުވަހު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ހައި ކޯޓުގެ 11 ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ސަމީރު އެ މަގާމަށް އިންތިޚާބުކުރީ މިއަދު އެވެ.
މާޗް، 2011 ގައި ހައި ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު ސަމީރަކީ ހައި ކޯޓު ހިންގުމާ ހަވާލުވެ ވަޑައިގެން ވެސް ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި އަދި އޭގެ ކުރިން ސިވިލް ކޯޓުގެ ގާޒީ ކަމާއި އިސް ގާޒީ ކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ އަކީ ހައި ކޯޓުގައި މަދަނީ އަދި ޖިނާއީ ބޮޑެތި މައްސަލަތަކާއި ދުސްތޫރީ މައްސަލަތައް ވެސް ބެއްލެވި ފަނޑިޔާރެކެވެ.
ފަނޑިޔާރު ރައޫފް ޖޭއެސްސީން އިސްތިއުފާ ދެއްވީ އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންފައި ވަނިކޮށެވެ. އެކަމަކު އޭނާއާ ގުޅޭ ޝަކުވާތަކެއް ލިބިފައިވާތީ ޖޭއެސްސީން ނިންމީ ބަލަންޖެހޭ ބެލުންތަކަށް ފަހު އެކަމާ ގުޅިގެން ރައީސަށް ލަފާ އެރުވުމަށެވެ.