އަފްރާޝީމާއި ރިލްވާނާއި ޔާމީންގެ މަރުގެ މޭސްތިރިންނަށް ދައުވާކުރަން އެދިއްޖެ

އަނިޔާވެރިކޮށް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި މަރާލުން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މޭސްތިރިންނަށް ދައުވާކޮށްދޭން މަރު ކޮމިޝަނުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި މިއަދު އެދިއްޖެ އެވެ.


އެ ކޮމިޝަނުން ބުނިގޮތުގައި މި ތިން މައްސަލައިގައި ދައުވާކޮށްދޭން އެދުނީ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ. މިއީ، އެ ތިން މަރުގެ ވެސް މޭސްތިރިން ކަމަށް ކޮމިޝަނުން ބުންޏެވެ.

މަރު ކޮމިޝަންގެ ޓުވީޓް

އިންސާފު ނުލިބި ދިގުލައިގެން ގޮސްފައިވާ މި ތިން މަރުގެ އަޑީގައި ތިބި މީހުންނަށް ދައުވާކުރަން މި ފޮނުވީ، މި މައްސަލަތަކުގައި އެއްވެސް މީހަކު ހައްޔަރުކޮށް، ދައުވާ ކުރުމުގެ ޖާގައެއް ނެތް ކަމަށް ރިޔާސީ ކޮމިޝަނާ ހަވާލާދީ ހޯމް މިނިސްޓްރީން ބުނެފައި ވަނިކޮށެވެ. އެކަމަކު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ އެއީ، ފުރިހަމަ ތަހުގީގުތަކެއް ކަމަށެވެ.

އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި އަފްރާޝީމާއި ރިލްވާން އަދި ޔާމީން ރަޝީދުގެ ގަތުލުގައި އެއްގޮތް ކަންތައްތަކެއް ހުއްޓެވެ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ނެރުނު ރިޕޯޓްގައި އެ ކަންކަން ތަފްސީލްކޮށްދީ، އެކަން ގުޅެނީ ހަރުކަށި ފިކުރުގެ ޖަމާއަތަކާ ކަމަށް ބުނެފައިވެ އެވެ.

މި މީހުން އަޑީގައި ތިބެ، ގަތުލުތައް ހިންގަނީ ޖިނާއީ ކުށްކުރާ ގޭންތަކުގެ މީހުން ހިމަނައިގެން ކަމަށް ވެސް ކޮމިޝަންގެ ތަހުގީގުގައި ބުނެ އެވެ.

ދީނީ އިލްމުވެރިޔާ އަފްރާޝީމަށް ހަމަލަދީ، އަނިޔާވެރި ގޮތަކަށް އަވާހަރަކޮށްލާފައި ވަނީ އޮކްޓޫބަރު 2012 ގަ އެވެ.

އެ މައްސަލައިގައި ކުށް ސާބިތުވެ، ހުކުމް އައީ ހ. ލޮބީ، ހުސައިން ހުމާމް އަހުމަދުގެ މައްޗަށް އެކަންޏެވެ. ހުމާމް މަރަން ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

އަފްރާޝީމްގެ މަރު ތަހުގީގުކޮށް ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އޭނާ އަވަހާރަކޮށްލި ހަމަލާ ރޭވީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުން ދިޔަ އަޒްލިފް ރައޫފެވެ. އޭނާގެ ރޭވުމާ އެއްގޮތަށް، އަފްރާޝީމް އަވަހާރަކޮށްލުމުގައި ހ. ލޮބީ ހުސެއިން ހުމާމާއި ހ. ހިކޯސްޓް އަލީ ޝާން އާއި ސިއްރު ހެކި 10 ވަނީ ބައިވެރިވެފަ އެވެ.

އަފްރާޝީމްގެ މަރަށް ފަހު ހަނގުރާމަ އަށް ސީރިއާއަށް ގޮސް މަރުވެފައިވާ ކަމަށް ބުނާ އަޒްލިފްއާ އެކަން ހަވާލުކުރީ ދީނީ ގޮތުން އަފްރާޝީމާ ޚިޔާލު ތަފާތުވާ ބަޔަކު ކަން ތަހުގީގުގުން ވަނީ ހޯދިފަ އެވެ. ހަރުކަށި ޖިހާދީ ފިކުރުގެ ޖަމާއަތަކުން އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ދައްކަވާފައިވާ ވާހަކަތަކަކީ ކުފުރުގެ ވާހަކަތަކެއް ކަމަށް އެ ޖަމާއަތަށް ފެންނާތީ އާއި ކީރިތި ރަސޫލާގެ ސުންނަތަށް ފުރައްސާރަކޮށް ހަރާމް ކަންތައްތައް ހަލާލުކޮށް، ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް އެ ޖަމާއަތުން ގަބޫލުކުރާތީ ކަމަށް ރިޕޯޓުގައިވެ އެވެ.

ނޫސްވެރިޔާ ރިލްވާން އޮގަސްޓް، 2014 ގައި ވަގަށް ނަގައި، ކަރުބުރިކޮށްލައި މަރާލީ ކަމަށް ކޮމިޝަނުން ތުހުމަތު ކޮށްފައި ވެ އެވެ.

ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ މިހާތަނަށް ލިބުނު މައުލޫމާތުން، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ރިލްވާން ވަގަށް ނަގައިގެން ގެންގޮސް އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާގެ ބޯ ބުރިކޮށްލައި މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގޭ ކަމަށް ތަހުގީގު ރިޕޯޓްގައިވެ އެވެ.

ޔާމީން، އަނިޔާވެރި ގޮތަކަށް މަރައިލީ އޭޕްރީލް، 23، 2017 ދުވަހުގެ ރޭ ދަންވަރު އެވެ. އެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.