ބަޖެޓު ފާސް ކުރަން ޖާބިރު ވޯޓެއް ނުދެއްވި!

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓު ފާސް ކުރަން ނުފެންނަ ކަމަށް ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވޯޓު ދެއްވައިފި އެވެ.


މަޖިލިހުގެ ބަޖެޓު ދިރާސާ ކުރި ކޮމިޓީން ގެނައި އިސްލާހުތަކާ އެކު، މަޖިލިހުގެ ތަޅުމުން ބަޖެޓު ފާސް ކުރީ 77 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އެ ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެމްބަރަކީ ޖާބިރެވެ. ބަހުސް މަރުހަލާގައި ޖާބިރު ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ބަޖެޓަށް އިތުރު ކުރި 366 މިލިއަން ރުފިޔާ އާ އެކު ސަރުކާރުގެ އޮފީސް ހަރަދުތަކާއި ޕީއެސްއައިޕީގެ މަޝްރޫތަކަށް ބަޖެޓު އިތުރު ވެގެންދާނެ އެވެ.

ނަމަވެސް ކޮމިޓީ ރިޕޯޓަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ބަޖެޓު އޮތީ ގޯސްކޮށް ކަމަށެވެ. އަދި ސަރުކާރުން ހުށަހެޅީ ދެކޮޅު ނުޖެހޭ ބަޖެޓެއް ކަމަށް ވިދާޅުވެ، ޖާބިރު ވަނީ ވޯޓު ނުދެއްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.

"މި ބަޖެޓު އަޅުގަނޑަށް އެއްވެސް ގޮތަކަށް ކަމަކު ނުދޭ،" ޖާބިރު ވިދާޅުވި އެވެ.

ބަޖެޓު ކަމުނުދަނީ ހާސިލުކުރަންޖެހޭ އެއްވެސް ކަމެއް ނެތުމުންނާއި މިދިޔަ އަހަރުގެ ބަޖެޓަށް ވީގޮތެއް ވެސް ސަރުކާރަށް ބުނެދެވިފައި ނުވާތީ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދާއިރާ އަށް ކޯއްޗެއްތޯ މީގައި ޖަހާފައި ހުރީ. ވިދާޅުވެ ބައްލަވާ ކާށިދޫ އަށް ކޯއްޗެއްތޯ ހުރީ އިއްޒަތްތެރި މަނިކުފާނު. އަޅުގަނޑު މަނިކުފާނަށް ސިޓީއެއް ފޮނުވިން، ކޮބާތޯ އެއާޕޯޓާ ބެހޭ ވާހަކަ؟ ނެތް. ކީއްވެގެންތޯ ނުޖަހަންވީ" ޑީއާރުޕީގެ ލީޑަރު ކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވި އެވެ.

ޖާބިރު އިއްޔެ ވަނީ ސަރުކާރުން މަޖިލިހަށް ހުށަހެޅި އިންކަމް ޓެކުހަށް ނަފްރަތު ކުރާ ކަމަށް ވިދާޅުވެ، އެ ބިލަށް ވެސް ދެކޮޅު ހައްދަވައިފަ އެވެ. އެކަމަކު، އެ ބިލަށް ވޯޓަށް އެހި ގަޑީގައި ޖާބިރު މަޖިލިހުގެ ތަޅުމުގައި ނެތެވެ. އިންކަމް ޓެކްސް ބިލަށް މަޖިލިހުގެ ތިން މެމްބަރަކު ވޯޓު ދެއްވި އެވެ.