ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހައި ކޯޓުން ކަނޑައެޅި ފަނޑިޔާރު އަލީ ސަމީރަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މިއަދު ހުވާލައިދެއްވައިފި އެވެ.
މިއީ، އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށިފަހުން، މިނިވަން މުއައްސަސާތަކަށް އައްޔަން ކުރެއްވި ބޭފުޅަކަށް އަންހެން ފަނޑިޔާރަކު ހުވާލައިދެއްވި ފުރަތަމަ ފަހަރެވެ. ސަމީރު، ޖޭއެސްސީ އަށް އައްޔަންކުރީ އެ ކޯޓުން ކުރިން ޖޭއެސްސީ އަށް ކަނޑައަޅާފައި ހުންނެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ޖޭއެސްސީން އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރިފުޅުމަތީގައި ޝުޖޫން ހުވާލައިދެއްވި އިރު ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ބެންޗަށް ދެ އަންހެން ފަނޑިޔާރުން ފުރަތަމަ ފަހަރަށް އައްޔަންކުރެއްވީ އެ މަނިކުފާނެވެ. ޝުޖޫންގެ އިތުރުން ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެމްބަރުކަން ކުރެއްވި ޝުޖޫން ހިމެނެނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް ވެސް އައްޔަން ކުރެއްވި އަންހެން ދެ ބޭފުޅުންގެ ތެރޭގަ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު ހުވާލައިދެއްވުމުން، ޖުޑިޝަރީން ވެސް ވަނީ އެކަން ފާހަގަކޮށް ޝުޖޫން އަށް މަރުހަބާ ދަންނަވައިފަ އެވެ.