މިދިޔަ އަހަރު އެންމެ ރަނގަޅަށް މައުލޫމާތު ހާމަކުރުމުގެ އެވޯޑް އޭސީސީގެ ރައީސް ހަސަން ލުތުފީއާ، ހޯމް މިނިސްޓަރު އަޒްލީން މިރޭ ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
30 ސެޕްޓެމްބަރ 2016 - 00:00
މިދިޔަ އަހަރު ދައުލަތުގެ އިދާރާތަކުގެ ތެރެއިން، އެންމެ ރަނގަޅަށް މައުލޫމާތު ހާމަކުރި މުއައްސަސާ އަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިރޭ ހޮވައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި ޖަލްސާގައި، މައުލޫމާތު ހާމަކުރުމުގައި އެންމެ ރަނގަޅު އިދާރާއަކަށް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ މުއައްސަސާ ހޮވިއިރު، ވެބްސައިޓްގައި އެންމެ ރަނގަޅަށް މައުލޫމާތު އާންމުކުރާ ތަނަކަށް ވެސް ހޮވީ އޭސީސީ އެވެ. މި ދެ ޝަރަފާއެކު އޭސީސީ އަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ހާއްސަ އެވޯޑެއް މިރޭ ދީފަ އެވެ.
މިރޭގެ ޖަލްސާގެ ޝަަރަފުވެރި މެހުމާން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ތެދު މައުލޫމާތެއް ފަތުރައިގެން އެއްވެސް މީޑިއާއެއް ނުވަތަ މީހަކު ކުށްވެރި ނުވާނެ ކަމަށާއި އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ އިންސާނީ ހައްގެއް ރައްކާތެރިކޮށްދޭ ގާނޫނެއް ކަމަށެވެ.
މިރޭގެ ހަފުލާގެ ޝަރަފުވެރި މެހުމާން، ހޯމް މިނިސްޓަރު އަޒްލީން (ވ) ހަނދާނީ ފިލައެއް ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އަޒްލީން ވިދާޅުވީ، އަބުރުގެ ބިލްގެ މަސައްކަތް ކުރަމުން ދިޔައިރު އެ ބިލާ މެދު ބައެއް ފަރާތްތަކުން ވަރަށް ކަންބޮޑުވުން ފާޅު ކުރި ކަމަށާއި އެކަމަކު އެއީ ދީނީ އަދި އިންސާނީ ހައްގެއް ހިމާޔަތްކޮށްދޭ ގާނޫނެއް ކަމަށެވެ. އެ ގާނޫނު ވުޖޫދަށް އައިސްގެން މިހާތަނަށް އެއްވެސް މީޑިއާއަކަށް ފިޔަވަޅު އަޅާފައި ނެތްކަން އަޒްލީން ފާހަގަ ކުރެއްވި އެވެ.
"މިއަދު އަޅުގަނޑުމެންގެ ނޫސްތަކުގައި އެ ވާހަކަތައް ނުލިޔެވޭތޯ؟. މިކަމާ ގުޅިގެން އެއްވެސް ނޫހެއް ބަންދުކުރިތޯ؟. ސައްހަ މައުލޫމާތުތަކެއް ހާމަކުރަންޖެހޭތީ ކަންބޮޑުވުންތަކެއް އައި. އެހެން ނަމަވެސް މިއަދު އެ ކަންބޮޑުވުންތަކެއް ނެތް،" އަޒްލީން ވިދާޅުވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު
އަޒްލީން ވިދާޅުވީ އެ ގާނޫނުން އިންޒާރެއް ދޭ ނަމަ އެ އިންޒާރަކީ ދައުލަތުގެ އެންމެ މަތީވެރިޔާއިން ފެށިގެން އެންމެ އާދައިގެ މީހާގެ މައްޗަށް ވެސް ހިނގާނެ އެއްޗެއް ކަމަށާއި ވަކި ބަޔަކު އެ ގާނޫނުގައި ތަފާތުކޮށްފައި ނެތް ކަމަށެވެ.
"ތެދު ވާހަކައެއް ރައީސުލް ޖުމްހޫރިއްޔާއާ ބެހޭގޮތުން ވިޔަސް ވަޒީރަކާ ބެހޭގޮތުން ކަމަށްވިޔަސް ފަތުރައިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެ. އެކަން ގާނޫނު ކަށަވަރުކޮށްދޭ،" އަޒްލީން ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ މައުލޫމާތު އާންމު ކުރުމަކީ މުއައްސަސާތަކުގައި ހިނގާ ގޮތް ނޭނގޭ ކަންކަން ހުއްޓުމަކަށް އައިސް، ކޮރަޕްޝަން ހުއްޓުވަން އެޅޭނެ ބާރެއް ކަމަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަކީ ކޮރަޕްޝަން ނައްތާލުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ. މުއައްސަސާތަކާ މެދު ޝައްކާއި ވަހުމު އުފެދޭ ގޮތަށް ކަންކަން ކުރެވިގެން ނުވާނެ ކަމަށާއި އެ ގާނޫނު އެ ފުރުސަތު ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު
މީގެ އަހަރުތަކެއް ކުރިން، ދައުލަތުގެ މުއައްސަސާތަކުގައި މައުލޫމާތު އާންމު ކުރުމަކީ އެއްވެސް ގޮތަކަށް އޮންނަ ސަގާފަތެއް ނޫން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެކަމަކު މިއަދު ގާނޫނުން އެކަން މުއައްސަސާތަކަށް ލާޒިމްކޮށްފައިވާ އަޒްލީން ވިދާޅުވި އެވެ.
މިރޭގެ ހަފުލާގައި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ، އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ތަންފީޒު ކުރަން އެޅުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ. އެ ގާނޫނުގެ ސަބަބުން ތެދު މައުލޫމާތު ހޯދަން ލާޒިމްވެ، މީހުންނާ ބެހޭގޮތުން ހަގީގަތާ ޚިލާފް މައުލޫމާތު ލިބުމުގެ ފުރުސަތު ބަންދުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި އިންފޮމޭޝަން ކޮމިޝަނަރު އަޒީޒް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ސޯޝަލް މީޑިއާ ފުޅާވެފައިވާ މިންވަރުން މިއަދު ކޮންމެ މީހަކީ ވެސް ނޫސްވެރިއެއް ކަމަށް ވިދާޅުވެ، އަޒީޒް ވިދާޅުވީ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ސަބަބުން ހަގީގަތާ ޚިލާފް މައުލޫމާތު ފެތުރުން ހުއްޓުވޭނެ ކަމަށެވެ.
"ޝާއިއުކުރާ ކޮންމެ ލިޔުމެއް ނުވަތަ ޚަބަރެއްގެ ސަބަބުން ގައުމަށް ނުވަތަ މުޖްތަމައަށް އޭގެ އަސަރުތަކެއް ކުރާނެ. އޭގެ ޒިންމާ އަޅުގަނޑުމެން ނުވަތަ ޝާއިއުކުރާ މީހަކު ނަގަންޖެހޭނެ،" އަޒީޒް ވިދާޅުވި އެވެ.
އަޒީޒް ވިދާޅުވީ މައުލޫމާތު އާންމު ކުރުމުގައި ހުރިހާ މުއައްސަސާތަކުން ވެސް އިސް ނަގައިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި މައުލޫމާތު ދޭންޖެހެނީ ހަމައެކަނި މީހުން އެކަމަށް އެދުމުން ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްވާގެ ތެލެފޯނާ
01 October 2016
ހިޓްލަރއަށް ނޯބެލް ޕީސް އިނާމްވެސް ހައްޤު....ލޮލް
ޣައިބު
30 September 2016
ދެން ހޭންވީ ދޯ! ލޮލް.
އަލްޖިބްރާ
30 September 2016
މިސަރުކާރުން ބޭނުންވާގޮތަށް ޚަބަރުފަތުރާ އިދާރާ ! މިހެންލިއުނީމަ މިކޮމެންޓް ޖަހަން ނުކެރެނީތަ ؟
އައްޑޫ ރަދުން
30 September 2016
ބައެއް ބެފުޅުންނަށް މިބުނި އެއްޗެއް ސާފުނުވެދާނެ،..އަސްލު މިތަނުގައި "އެންމެ ރަނގަޅު" މިބަހުގެ މުރާދަކީ..."ސަރުކާރު އިންތިހާއަށް ހިތްހަމަޖެހޭ" ވީމާ މިއާޓިކަލް ކިޔަމުން ދާއިރު މިކަމަށް ސަމާލުވުން އެދެން....
ޜަސް
30 September 2016
އެހެންވީމަ އިނާމަކާށް ކޮންމެކުއްޖަކަށް ގާކޮށިން ފުލެޓެއް
އޮޅުވާލިވަޒީރު
30 September 2016
އެންމެ ރަނގަޅަށް ސިއްރުކުރާ އެވޯޑް.
އޭރުވެސް
30 September 2016
ފުލުހުން އެންމެ ރަނގަޅަަށް މައުލޫމާތު ދޭނީ. ކޮންމެ ހަފްތާއަކު ރައީސް އަދި ހޯމްމިނިސްޓަރަށް ފުލުހުން އިންޓަލް ރިޕޯޓް ހުށަހަޅާ. އެވަރުގެ ކްރިޓިކަލް މައުލޫމާތެއް އެހެން އެއްވެސް ބަޔަކަށް ނުދެވޭނެ. އެކަން ރައްޔިތުން އިނގިދާނެތީ ތިޔަ އެވޯޑް އޭސީސީ ތިޔަ ދިނީ. ފުލުހުން ގިނަ މައުލޫމާތު ހޯދަނީ ވަގަށް ފޯންކޯލް އަޑުއަހައިގެން. ކޯޓް އަމުރު ހޯދަނީވެސް ފޯން ކޯލް އަޑު އަހާފައި ބޭނުންވާކަމެއް ޔަގީންކޮށްފައި.
ޖައްލާ
30 September 2016
ފާޅުކުރަނީ ވަކިބަޔެއްގެ ރިޕޯރޓް. ވާނީވެސް އެހެނެއްނު މާލެއިން ބޭބޭފުޅުންނައް އެޕާރތްމެންޓްވެސް އެބަލިބޭވިއްޔާ
ޙަމްދޫން
30 September 2016
ބަލަގަ އެމް އެމްޕީއާރުސީ އިންކާލި ލާރިގނޑުގެ %99 ނިމިފަޔޯ އަދިވެސްހާމަކުރެވޭވަރު ނުވެޔޯ...ކިހާ ތެދުމައުލޫމާތެއްތޯ ތިޔަފޯރުކޮއްދެއްވަނީ ..