ތަހުގީގެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ކުދިންތަކަކާ ބެހުނު ފިރިހެން ކައުންސިލަރަކު މިއަދު ވަނީ ހައްޔަރުކޮށްފައި.
05 ޑިސެމްބަރ 2019 - 19:59
ކުޑަ ފިރިހެން ކުދިންތަކަކާ އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކޮށް، ފިޔަވަޅު ނޭޅި ދޫވެފައި ހުރި ކައުންސިލަރު މިއަދު ހައްޔަރުކޮށްފި އެވެ.
ރަށު ކައުންސިލެއްގެ ނައިބު ރައީސްކަން ކުރާ އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ވަނަވަރު "މިހާރު" އަށް އެނގުނު ނަމަވެސް މި މައްސަލައިގައި ހިމެނޭ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އެ ނަންތައް ނުހިމެނީ އެވެ.
އޭނާ ހައްޔަރުކޮށްފައި މި ވަނީ، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ތަހުގީގުކޮށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި އޮތް އިރު ވެސް ފިޔަވަޅު ނޭޅި މިނިވަންކޮށް ހުރުމުން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން މައްސަލަ ބަލަން ފެށުމުންނެވެ.
ކޮމިޓީގެ ކަންބޮޑުވުމަކަށް ވީ ނުފޫޒު ގަދަ މަގާމެއްގައި ހުރުމުން އޭނާ އަށް ފިޔަވަޅު ނޭޅި ލަސްވުމާއި އިތުރު ކުދިންތަކެއް ނުރައްކަލެއްގެ ތެރެއަށް ހުށަހެޅުމުގެ ފުރުސަތު އޮތް މައްސަލައިގަ އެވެ. އޭނާގެ މައްސަލަ ފުލުހުން ތަހުގީގު ކޮށްފައި ވިޔަސް ނިޒާމުގެ ތެރެއިން ދޫވެފައި ހުރި މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ގެނައީ ލ. މާބައިދޫންނެވެ.
ފުލުހުން ބުނީ ރަށެއްގެ ޒިންމާދާރު މަގާމެއްގައި ހުރި އެ މީހާ މިއަދު ހައްޔަރު ކޮށްފައިވާއިރު، ކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ހަަތަރު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ޖިނާއީ ކުށުގެ ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތުމުން މީގެ ތެރެއިން އެއް މައްސަލަ އޮތީ ފައިލްކޮށްފަ އެވެ.
އެކަމަކު އަނެއް ތިން މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މީގެ ތެރެއިން ޝަރީއަތް މިހާރު ކުރިއަށްދާ މައްސަލައިގައި ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކޮށްފައި. އެހެންކަމުން މިއަދުގެ ޝަރީއަތަށް ފަހު އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖުގައި ވެ އެވެ.
އެނގިފައިވާ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މި ކައުންސިލަރުގެ މައްސަލަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް ބެލި އެވެ. އެކަމަކު، ކައުންސިލަރަކު މަގާމުން ސަސްޕެންޑްކުރުން ނުވަތަ އެ ނޫން ފިޔަވަޅެއް އެޅުމުގެ ބާރު އެ އިދާރާ އަށް ނޯންނާތީ، އެޓާނީ ޖެނެރަލްގެ ލަފާ ހޯދިކަން ވެސް އެނގިފައިވެ އެވެ.
ކުޑަކުދިންނާ ގުޅޭ ގޮތުން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް ހުށަހަޅާ ގިނަ މައްސަލަތަކެއް ސީރިއަސްކޮށް ބަލައި ފުލުހުންނާއި ކަމާގުޅޭ އެހެން މުއައްސަސާތަކުގެ ތެރެއިން އަވަސް ހައްލުތަކެއް ހޯދައިދޭން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
usmaan
05 December 2019
ތިކަން މައްސަލަ އަކަށްނުވޭ. ހެއްކެއްނެތް.
ިއިބްރާ
05 December 2019
އެމްޑީއެން އަށް ނިސްބަތްވާ މީހެއް.
ދިވެއްސެއް....
05 December 2019
މަރުހަބާ މިކަމުގައިވެސް ސިޔާސީ ކުލަޖެއްސީތީ.