ޕީޖީގެ މަގާމަށް ޝަމީމް އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


ޕީޖީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، ޝަމީމްއާ އެކުގައި އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި ވަކީލް، އަހްމަދު ޒަނީނެވެ. އެކަމަކު، ރައްޔިތުންގެ މަޖިލިހަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅުގައި ވަނީ ޕީޖީގެ މަގާމަށް ޝަމީމް އައްޔަންކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ޝަމީމްއާ މީގެކުރިން އިންޓަވިއު ކުރުމަށް ފަހު، މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގައި ވޯޓު ދިން މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި އަޣުލަބިއްޔަތުން ނިންމީ އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ.

މަޖިލިހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާގައި ޝަމީމް، ޕީޖީގެ މަގާމަށް އައްޔަންކުރަން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާގުންނެވެ.

ޝަމީމް ވަނީ އިނގިރޭސި ވިލާތުގައި ތައުލީމް ހާސިލް ކުރައްވައި ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާ އިން މާސްޓަސް ނަންގަވައިފަ އެވެ. އަދި މިސްރުގެ އަޒްހަރު ޔުނިވަސިޓީން ބެޗްލަސް އޮފް އާޓްސް ހާސިލް ކުރެއްވީ ޝަރީއާ އެންޑް ލޯގެ ދާއިރާ އިންނެވެ.

އެޓާނީ ޖެނެރަލް އޮފީހާއި ޕީޖީ އޮފީހުގައި އިސް މަގާމުތަކެއް ފުރުއްވި ޝަމީމް ވަނީ އެމްޕްލޮއިމަންޓް ޓްރައިބިއުނަލާއި ޔޫއެންޑީޕީ މޯލްޑިވްސް އާއި ކްލެމެންސީ ބޯޑުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭނާ، ޝަމީމް އެންޑް އެންޑް އެސޯސިއޭޓްސްގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގަ ހުންނެވުމަށް ފަހު، އަމިއްލަ އަށް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ޝަމީމް ވަނީ މީގެ ކުރިން ސިޔާސީ ބައެއް ބޭފުޅުންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާޙިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ ވަކީލުންގެ ޓީމުގައި ވެސް އޭނާ ހަރަކާތްތެރިވެ ވަޑައިގެންނެވި އެވެ. ޝަމީމް ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ވެސް ސަސްޕެންޑްކޮށްފަ އެވެ.

ޖުޑިޝަރީ ކޮމިޓީ އަށް ދެއްވި އިންޓަވިއުގައި ޝަމީމް ވިދާޅުވީ ނުހައްގުން ދައުވާ އުފުލައި، އެ ދައުވާތައް ގޯސްކަމަށް ނިންމައި ފަހުން އަނބުރާ ގެނައުން ފަދަ، ފާޑުފާޑުގެ ސަކަރާތް ނުޖައްސަވާނެ ކަމަށެވެ. އޭނާ ވަނީ ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި ބިޝާމް އިސްތިއުފާ ދެއްވީ، މަގާމުން ވަކިކުރަން ނިންމައި، އެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ކުރިއަށް ގެންދަނިކޮށެވެ. ސިޔާސީ ގިނަ ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ގޯސްކޮށް ކަަމަށް ބިޝާމަށް ތުހުމަތުކުރެ އެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފުލި އެ ދައުވާތައް އަނބުރާ ގެންނެވުމުންނެވެ.

މިއަދުގެ ޖަލްސާގައި ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލިހުގެ ދަށުގެ، ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކުރަން މަޖިލިހުން ފާސްކޮށްފަ އެވެ. އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ އިއްތިފާގުންނެވެ.