ފައިދާ ނުވާތީ، ހދ.ގެ ބައެއް ރަށްތަކުގެ ސްޕީޑް ފެރީ ހުއްޓާލައިފި

ހދ. އަތޮޅުގެ ބައެއް ރަށްތައް ގުޅާލައި، އެމްޓީސީީސީން ބޭއްވި ސްޕީޑް ފެރީ ދަތުރުތައް، ފައިދާ ނުވާ ކަމަށް ބުނެ ހުއްޓާލައިފި އެވެ.


އެނގިފައިވާ ގޮތުގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމްޓީސީސީން ހުއްޓާލީ، އެ އަތޮޅު މަކުނުދު އާއި ވައިކަރަދު އާއި ކުމުންދޫގެ އިތުރުން ކުޅުދުއްފުށި ހިމެނޭ ރޫޓުގެ ލޯންޗު ދަތުރުތަކެވެ. މަކުނުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވައިދެއްވި އެ ހިދުމަތަށް އަދިވީ އެންމެ ހަތަރު މަހެވެ.

އެމްޓީސީސީން ކުޅުދުއްފުށީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ހިދުމަތް ކުންފުނިން ފެށީ، އެ އަތޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި އެކަމަކު ވިޔަފާރީގެ އުސޫލުން، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށް ގެންދިޔުމަށް ދެކޮޅު ނުޖެހޭ ކަމަށެވެ. އެހެންވެ، އެކަމުގައި އިތުރު ގޮތެއް ހަމަޖެހެންދެން، މިހާރު ދެމުންދާ ހިދުމަތް ހުއްޓާލާފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

"މިކަމުގެ ސަބަބުން، ރަށްތަކުގެ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އިންތިހާއަށް މާފަށް އެދެމެވެ." އެމްޓީސީސީގެ ސިޓީގައި ބުނެފައިވެ އެވެ.

އެމްޓީސީސީން އަލަށް ފެށި މި ދަތުރުގައި މަކުނުދު އިން ކުޅުދުއްފުއްޓަށް ދިޔުމަށް ކޮޅަކަށް 250ރ. ނަގަ އެވެ. އަދި އެހެން ރަށްރަށުން، ވެރިރަށް ކުޅުދުއްފުއްޓަށް ދެވެނީ 75ރ. އަށެވެ.