މުލިއާގެ އަށް 100 އަހަރު، މިއީ ހިމާޔަތް ކުރަން ޖެހޭ ތަނެއް: ރައީސް

މުލިއާގެއަކީ ރާއްޖޭގެ އެތައް ވެރިންނެއް ދިރިއުޅުއްވި، ސަރުކާރުގެ އެތައް ވުޒާރާއެއް ހިންގި، ރާއްޖޭގެ ރަސްމަތިފުށުގެ ތާރީހާ ގުޅިފައިވާ އާސާރީ ބިނާއެއް ކަމަށާއި އެއީ ހިމާޔަތް ކުރަން ޖެހޭ ތަނެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.


މުލިއާގެ އަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ އެ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ދިވެހިންގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އެ ގެކޮޅު ހިމާޔަތް ކުރުމަކީ އެންމެންގެ ކޮނޑުގައި ވެސް އެޅިފައިވާ ވާޖިބެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާގެ އަކީ ޝަމްސުއްދީން ރަދުން، ދަރިކަލުން އަދި އޭރު ރާއްޖޭގެ ވަލީއަހުދުގެ ގޮތުގައި ހުންނެވި އިއްޒުއްދީނަށް ބިނާކޮށްދެއްވި ހެންވޭރު ގަނޑުވަރެވެ. އެ ގަނޑުވަރުގެ ފެށުމަކީ މ. މުލީ މުހައްމަދު މަނިކު މާލޭގައި ދިރިއުޅުއްވަން ދަނޑިފަނުން އެޅުއްވި ގެކޮޅެވެ. މުލީ ދޮން ހަސަން މަނިކުފާނު (ދޮން ބަންޑާރައިން) އަށް މަންމަ ފުށުން ވާރުތަވެ އެގޮތުގައި ގޮސް އިބްރާހިމް ނޫރައްދީނަށް ހިބައިން މިލްކުވެ އަދި އޭނާގެ ދަރިކަލުން ޝަމްސުއްދީނަށް ވާރުތައިން ލިބިވަޑައިގެންނެވި ގެކޮޅެވެ.

ލިބިވަޑައިގެންނެވި ހަމައެކަނި ދަރިކަލުން، އިއްޒުއްދީނަށް ހައްދަވައިދެއްވި އެ ގަނޑުވަރުގައި ދިރިއުޅެން ފެށީ، 1919 ވަނަ އަހަރުގެ ޑިސެމްބަރު ހަތްވަނަ ދުވަހު އެވެ.

ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ވެސް ދިރިއުޅުއްވި އާސާރީ ގަނޑުވަރުގެ ތާރީހީ ރޭ ފާހަގަ ކުރުމަށް، އެ ދެބޭކަލުން ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މުލިއާގޭގެ ދިގު ތާރީހުގައި، ވަރަށް ގިނަ ހިދުމަތްތަކެއް އެތަނުން ގައުމަށް ކޮށްދީފައިވާ ކަމަށެވެ. އެގޮތުން ރިޔާސީ ގަނޑުވަރުގެ ގޮތުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ބޮޑުވަޒީރުގެ އޮފީހާއި ޑިފެންސް އަދި ފޮރިން މިނިސްޓްރީ އާއި ސުޕްރީމު ކޯޓުގެ ގޮތުގައި ވެސް އެތަން ހިންގި އެވެ.

"މިހެންގޮސް، ރައްޔިތުންގެ މަޖިލިސް ބައްދަލުވުން ވެސް [އެތަނުގައި ކުރިއަށް] ދިޔަ. ވަޒީރުންގެ މަޖިލިސް ބައްދަލުވި. ވަލީ ކޮމިޓީ ބައްދަލު ކުރި. އަދި ދިވެހިރާއްޖެ އިނގިރޭސިންގެ އަތްދަށުން މިނިވަންވެގެން ދެކެވުނު ވާހަކަތައް ދެކެވިގެންދިޔަ ތަނަކީ ވެސް މި މުލީއާގެ ފެންޑާ،" ރައީސް މިހާރު ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅާ ގުޅޭގޮތުން ވިދާޅުވި އެވެ.

މުލިއާގެއަށް 100 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު (މެދުގައި) އާއި ރައީސް މައުމޫން (ކ) އާއި ނަޝީދު ބައިވެރިވެ ވަޑައިގެންނަވަނީ

އެމަނިކުފާނު ވިދާޅުވީ މުލިއާގެއާ ޖެހިގެން ހުރި މެދު ޒިޔާރަތަކީ 860 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަނެއް ކަމަށާއި އެހެންވެ، އެއީ ވެސް ރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީޚާ ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެން ޖެހޭނެ ސަރަޙައްދެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދިވެހިންގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަކީ، ކާބަފައިން އުޅުނު ގޮތާއި ކުރި މަސައްކަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ. އަދި މިހާރު ތަރިކަ އަކީ ވެސް އިގްތިސޯދުގެ ބައެއް ކަމަށާއި ޓޫރިސްޓުން އެކި ގައުމުތަކަށް ދަތުރުކުރާ ސަބަބަކީ ވެސް އެ ގައުމެއްގެ ސަގާފަތާއި ތަރިކަ ބަލައި ހޯދުން ކަމަށް ވިދާޅުވި އެވެ.

"އެހެންކަމުން، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިއީ ތާރީޚެއް އޮތް ތަނެއް. އަދި މިތަނުގައި ހިނގަމުންދިޔަ އޮފީސްތަކަށް ބަލާއިރުވެސް، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ދިވެހި ދައުލަތަށް، ދިވެހި ސަރުކާރަށް، ދިވެހިންނަށް އެތައް ޚިދުމަތްތަކެއް މި ޢިމާރާތުގެ ދަށުން ވަނީ ކޮށްދެވިފައި،" ރައީސް ވިދާޅުވި އެވެ.