ގާސިމް މަރާލި ސަރަހައްދު އަދިވެސް ބަންދުކޮށްފައި

މީގެ ތިން ދުވަސް ކުރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ގާސިމް ހަސަން މަރުވެފައި އޮއްވައި ފެނުނު ސަރަހައްދު އަދިވެސް ބަންދުކޮށްފައިވާއިރު އެ ސަރަހައްދު ބަލައި ފާސް ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަ ދެ އެވެ.


ގާސިމް، 59، މަރާލާފައި އޮތީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ އުތުރުން އޮންނަ ރީތިގަސް މަގާ ގުޅިފައިވާ ހަނި، އަނދިރި ގޯޅިއެއްގަ އެވެ. އެއީ ދެ ފަރާތުގައި ގިނަ އަދަދެއްގެ ގަސް ހެދިފައިވާ މަގެކެވެ. އެ ހިސާބުގައި އޮތް އޭނާގެ ކާރުގައި ވެސް ލޭ ހުއްޓެވެ. ބެލެވޭ ގޮތުގައި ގާސިމަށް ހަމަލާދިނީ ކާރުގެ ތެރޭގައި އިންދަ އެވެ.

ގާސިމް މަރާލި ރެއިން ފެށިގެން އެ މަގު އޮތީ ބަންދުކޮށްފަ އެވެ. ފުލުހުން އިއްޔެ ވަނީ އެ މަގުގެ ދެ ފަރާތުގައި ހެދިފައި ހުރި ބައެއް ގަސްތައް ވެސް ކަނޑާލައިފަ އެވެ. ބޮޑަށް ބެލެވޭ ގޮތުގައި ފުލުހުން މަސައްކަތް ކުރަނީ އެ މަރާ ގުޅޭ ހެއްކެއް ހޯދުމަށެވެ.

ގާސިމް މަރާލާފައި އޮށްވައި ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ނިއުމަތުﷲ އިދުރީސް/މިހާރު

އެ މަރާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ތަހުގީގާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށް ފުލުހުން ބުނެ އެވެ.

ގާސިމްގެ މަރާ ގުޅުވައިގެން ތަފާތު ވާހަކަތައް ދެކެވޭއިރު އޭނާގެ އެކުވެރި ބައެއް ޑްރައިވަރުން ގަބޫލު ކުރާ ގޮތުގައި ގާސިމް މަރާލާފައިވަނީ ފޭރުމަށް ފަހުގަ އެވެ.

ޓެކްސީ ކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ގާސިމަކީ ކާރާއި އެ ވެހިކަލްތައްކުގެ ސްޕެއާ ޕާޓްސް ވިއްކާ އުޅުނު ތަނަވަސް މީހެކެވެ. މާލޭގައި ދިރިއުޅުނު ނަމަވެސް އޭނާ ގިނައިން ދަތުރު ކުރަނީ އެއާޕޯޓާއި ހުޅުމާލެއާ ދޭތެރޭގައި ކަމަށް އޭނާގެ އެކުވެރިން ބުނެ އެވެ.