ކުރީގެ ނައިބު ރައީސް ޖަމީލް "މިހާރު" އަށް މިދިޔަ އަންގާރަ ދުވަހު އިންޓަވިއު ދެއްވަނީ.

ޔާމީންގެ ދިފާއުގައި ޖަމީލް: ސުވާލަކީ އެއީ ކީއްވެ؟

ޚުދުމުހުތާރު، އަނިޔާވެރި ވެރިއެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިފަކޮށްދެއްވަން އެމަނިކުފާނުގެ ފުރަތަމަ ނައިބު ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރެއްވި މަަސައްކަތްޕުޅަށް ބަލާއިރު، އެ ނޫން ވިސްނުމެއް އެމަނިކުފާނުގެ ކުރިއަށް ނެރުއްވަފާނެ ކަމަށް ގަބޫލުކުރަން، ގިނަ މީހުންނަށް، ދަތިވެދާނެ އެވެ. އަދި ޔާމީންގެ ދިފާއުގައި ޖަމީލް ނުކުމެވަޑައިގަތުމަކީ ވެސް ގިނަ މީހުންނަށް ލަފާކުރެވުނު މަންޒަރަކަށް ނުވެދާނެ އެވެ.


އެކަން ނުކުރައްވާނެ ސަބަބުތައް ރައްޔިތުންނަށް ވިސްނައިދެއްވީ ވެސް ޖަމީލް އަމިއްލަފުޅަށެވެ.

ތަކުރާރުކޮށް ޖަމީލް ވިދާޅުވެފައިވެ އެވެ؛ ޔާމީންގެ ސަރުކާރުގައި، އެއް ފަރުދަކަށް އެންމެ ބޮޑު އަނިޔާއެއް ދިނީ އެމަނިކުފާނަށެވެ. ގާނޫނުއަސާސީއާ ޚިލާފަށް ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރުމާއި އިދިކޮޅު ފަރާތްތަކާ އެކު ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރަން އުޅުމާއި އަމިއްލަ އަށް އަރުވާލެއްވިގެން އާއިލާއާ ދުރުގައި، ގައުމުން ބޭރުގައި، ހުންނަވަން މަޖުބޫރު ކުރެއްވުން، ޔާމީންގެ ގާނޫނާ ޚިލާފު އަމަލުތަކުގެ ހެއްކަކަށް ދެއްކެވި އެވެ.

ޑރ. ޖަމީލް "މިހާރު"އާ ވާހަކަ ދައްކަވަނީ: ޔާމީންގެ ދިފާއުގައި އަލުން ނުކުމެވަޑައިގަތް ސަބަބު ތަފްސީލްކޮށް ވިދާޅުވެދެއްވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޔާމީންގެ ވެރިކަމަކީ ތާރީޚް ދެކިފައި ނުވާ ފަދަ އަނދިރި ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވައި، ބާރު މިނެއްގައި ރާއްޖެއަށް ގެނެސްދެއްވީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ކަމަށް ވެސް ޖަމީލް ވިދާޅުވެފައިވެ އެވެ. އެއާ އެކު ޖަމީލް ތުހުމަތުކުރެއްވި ގޮތުގައި، އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ޒިންމާ އުފައްލަވަން ޖެހިވަޑައިގަންނަވާނީ ސީދާ ޔާމީނެވެ. އެކަމުން، އެމަނިކުފާނަށް ރެކެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ބޭރު ދުނިޔެ އާއި ދިވެހި ރައްޔިތުންގެ ކުރިމަތީގައި ޔާމީން އެގޮތަށް ސިފަކޮށްދެއްވީ ޖަމީލެވެ. އެކަމަކު އެމަނިކުފާނަށް ކުއްލި ބަދަލެއް އަތުވެއްޖެ އެވެ. ޔާމީނާ ގުޅުވައި ކުރިން ދެއްކެވި ވާހަކަފުޅުތައް ޖަމީލް މިއަދު ދައްކަވަނީ މުޅިން އެހެން ރާގަކަށެވެ. ފެންނަނީ، އަމިއްލަފުޅަށް ކުރެއްވި ހުރިހާ ތުހުމަތުތަކުން ޔާމީން ދިފާއުކުރެއްވުމުގައި ގާނޫނީ ވަކީލެއްގެ ގޮތުން ވެސް އަވަދިނެތި އުޅުއްވާ ތަނެވެ.

ޔާމީނާ ދެކޮޅަށް ހެދި (ވެރިކަންކުރާ) ކޯލިޝަންގައި ހިޔާލުތަފާތުވުން ހުއްޓަސް ލީޑަރުންގެ ތެރެއިން ފެއަށް ޖެހިވަޑައިގެން ޔާމީނާ އެއް އޮޑިއަކަށް މިިހާތަނަށް އެރުއްވީ ޖަމީލް އެކަންޏެވެ.

ޖަމީލް ވަކާލާތު ކުރެއްވި އުސޫލްތަކާ ވެސް ދެކޮޅަށް، ޔާމީން ދިފާއުކުރައްވަން ޖެހިވަޑައިގަތް ސަބަބަކީ ކޮބައި ހެއްޔެވެ؟

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގަށް ޔާމީނާ އެކު ފުލުސް އޮފީހަށް ވަޑައިގަތުމަށް ފަހު އެ އިދާރާ ބޭރުގައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިހާރު" ސްޓޫޑިއޯއަށް ވަޑައިގެން ދެއްވި އިންޓަވިއުގައި ޖަމީލް މަސައްކަތްކުރެއްވީ އެ ސަބަބުތައް ވިސްނައިދެއްވާށެވެ. ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވަމުން، އެންމެ ބޮޑަށް ހިއްޕެވީ، "ގައުމު އިސްކުރުމު"ގެ ނިޔަތެވެ. އެކަމަކު އެ ވާހަކަފުޅުތަކަށް ބަލާއިރު، ވެރިކަމުގައި ޔާމީން ހިންގެވި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި ރައްޔިތުންގެ ކުރިމަތީގައި ކުރިއަށް ގެންދެވި އަނިޔާވެރިކަން، މިހާރު ޖަމީލަށް "އެންމެ ރަނގަޅު" ކަމަށް ބެލިދާނެ އެވެ.

"އަނިޔާ ހަނދާނެއް ނުނެތޭ،"

ދައުރު ހަމަވުމުގެ ކުރިން ޔާމީން މަގާމުން ވަކިކުރަން ކުރި މަސައްކަތުގައި އިދިކޮޅު ލީޑަރަކަށް ވެވަޑައިގަތް ޖަމީލް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާ ހަނދުމަފުޅު ނުނެތޭ ކަމަށެވެ. ކުރިއެކޭ އެއްގޮތަށް، އެ ހިތްދަތި ހަނދާންތަކުން މިއަދު ވެސް ކީރިތިކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެ އަނިޔާ އާއި ހިތްދަތިކަމާއި ގެއްލުން އެއްކައިރިކުރައްވައި ޔާމީނާ އެއް އޮޑިއެއްގައި މިއަދު އެ ހުންނެވީ، ޖަމީލް ވިދާޅުވި ގޮތުގައި، "ގައުމަށް ލިބޭ ގެއްލުންތައް މާ ބޮޑުވުމުން"ނެވެ. ސިޔާސީ ހުރިހާ އޮއިވަރުތަކެއްގެ ތެރެއިން އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި މިހާތަނަށް އިސްކުރައްވާފައި ވާނީ ގައުމު ކަމަށް ވިދާޅުވި އެވެ.

އެކަން ސާބިތުކޮށްދެއްވަން، ޖަސްޓިސް މިނިސްޓަރު ކަމާއި އެހެން މަގާމްތައް ފުރުއްވި އިރުގެ ދިގު މާޒީއެއް ވިދާޅުވެދެއްވި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމާ ދެކޮޅަށް ނުކުންނަވައި 2008 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތަޕުޅަށް އަރާވަޑައިގަތެވެ. ޖަމީލަށް އޭރު ވެސް އެއީ ފަސޭހަފުޅު ނިންމުމެއް ނޫނެވެ. އެކަމަކު ރާއްޖެ އަށް ދިމާވި މައްސަލަތަކުން އޭރު ހައްލު ހޯދެން އޮތީ އެ މަގުން ކަމަށް ވާތީ، ނަޝީދާ ގުޅިވަޑައިގަތީ ކަމަށް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު ގެއްލުމެއް އެއް ފަރުދަކަށް އެމަނިކުފާނަށް ލިބިވަޑައިގަތްކަމުގެ ހަގީގަތް ބަދަލުނުކުރެވޭނެ ކަމަށެވެ.

"ނަމަވެސް އެ ގެއްލުމަށް ވުރެ، އަޅުގަނޑަށް މިއަދު ފެންނަ މަންޒަރަށް ބަލާއިރު ގައުމަށް ލިބޭ ގެއްލުން ބޮޑު،" ޖަމީލް ވިދާޅުވި އެވެ.

އެ ހައްލު ހޯދެން އޮތީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، ޕީޕީއެމްގެ ތެރެއިން މި ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރައްވައިގެންނެވެ.

ޖަމީލް "މިހާރު" އަށް ވާހަކަ ދައްކަވަނީ. --ފޮޓޯ: އަލީ ނިޝާން/މިހާރު

ގައުމު އިސްކުރެއްވުމަކީ، އަނިޔާ އާއި ބޭއިންސާފާއި ކޮރަޕްޝަނާ ދެކޮޅަށް ކުރިން ދެއްކެވި ވާހަކަތަކާއި ތުހުމަތުކުރެއްވި ބޭފުޅުން ދިފާއުކުރެއްވުންތޯ ދެންނެވުމުން ވިދާޅުވީ "ނޫން" ކަމަށެވެ. އެމަނިކުފާނު މިއަދު ވެސް އިސްކުރައްވަނީ އަދި ގަބޫލުކުރައްވަނީ އަނިޔާއާ ދެކޮޅު ސިޔާސަތެއް ކަމަށާއި ޔާމީންގެ ދިފާއުގައި ނުކުންނަވަން މަޖުބޫރުވެވަޑައިގަތް ސަބަބަކީ އެއީ ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ ދިފާއުގައި، އަމުދުން އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވުމަކީ "ކުށެއް" ކަމަށް އެއްބަޔަކު ދެކޭ ކަން އެނގިވަޑައިގަންނަވަ އެވެ. އެކަމަކު ދެން އޭނާގެ ދިފާއުގެ ވާހަކަފުޅު އަމާޒުކުރެއްވީ މި ސަރުކާރަށެވެ. އެގޮތުން ޖަމީލް ސުވާލުކުރެއްވީ ޔާމީންގެ ވެރިކަމުގައި ހެއްދެވި ގޯސްތައް ރަނގަޅުކުރަން ވީ ވައުދުތަކާއި އަހުދުތަކާއި ވައުދުތަކަށް ވީ ކިހިނެއްތޯ އެވެ.

"ބައްލަވާ، އަޅުގަނޑުމެން ބޭރުގައި ތިބެގެން ދެއްކީ އަނިޔާވެރިކަމާ ދެކޮޅަށް ވާހަކަ. ހިނގަން ޖެހޭނީ އިންސާފު ގާއިމްކުރުމަށޭ. އަދުލުވެރިކަމާއި ހަމަހަމަކަން އިސްކުރާށޭ. އެކަމަކު ކަންތައްތައް ހިނގީ ކިހިނެއްތޯ؟،" ތަފްސީލަށް ވަޑައިގަންނަވަމުން ޖަމީލް ވިދާޅުވި އެވެ.

"ކަންތައްތައް ހިނގި ގޮތް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކިޔައިދޭން ވެސް އުނދަގޫ. ބައްލަވާ އަޅުގަނޑުމެން ބޭރުގައި ތިބީ، އެންމެން ތިބީ ގާތްގަނޑަކަށް އެއް ސާފޭސެއްގައި. އެއްވަރެއްގައި. އެއްވެސް ބަޔަކު ނެތް، ވަކި ބޮޑު ޖަމާއަތަކަށް ވީތީ މާ ބިޔަވެފައެއް. އެހެން ނޫން ނަމަ، ޖަމީލް ނުހުންނަވާނެ ދެއްތޯ އެމްއޯޔޫގެ ލީޑަރަކަށް ހަދާފައި. ޖަމީލްގެ ފަހަތަށް ރައީސް ނަޝީދު އެޑްވައިޒަރަކަށް ހުންނަވާފައި އެމްޑީޕީގެ މިހާރު އިސް ސަފުގައި ތިއްބެވި އެންމެން އެ ތިއްބެވީ ވަޒީރުންނަށާއި ޖޭއެސްސީގެ ލީޑަރުންނަށާއި ތި ހުރިހާ ތަނަކަށް ފޮޓޯ ނަންގަވާފައި ޓުވީޓްކުރައްވާ ބޭފުޅުން އޭރު ތިއްބެވީ އޭގެ ތެރޭގައި ނޫންތޯ. ޝެޑޯ ކެބިނެޓް ތެރޭގައި."

"އޭރު އެންމެން އެއްވަރު. އޭރު ވީ ވައުދަކީ ހިނގާށޭ އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށްގެން، ތި ވިދާޅުވި ގޮތަށް، ރާއްޖެ އަށް ހުރި އަނިޔާވެރިކަމާއި، ތި ވިދާޅުވި ގޮތަށް، ކޮރަޕްޝަނާއި ރައްޔިތުންނަށް ގެއްލުން ލިބިފައި ހުރި ފައިސާތަކާއި ރާއްޖެ އިން ގެއްލިފައި ހުރި އެއްޗެހި ހޯދަން މަސައްކަތް ކުރަން."

އެކަމަކު ޖަމީލް ވިދާޅުވީ ވެރިކަން ލިބުމާ އެކު އެ ވާހަކަތަކާ އެއްގޮތަށް އަމަލުކުރުމުގެ ނުވަތަ ރާއްޖެ އަށް ފުރިހަމަ ޑިމޮކްރަސީއެއް ގެންނަން ނިޒާމް ހަރުދަނާކުރުމާއި ހުރި މައްސަލަތަކަށް ހައްލު ހޯދުމުގެ ތެދު ނިޔަތް އޮތް މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ޔާމީނާ މެދު އަމަލުކުރާ ގޮތް ގޯސް!

އިންސާފާއި ހަމަހަމަކަމާއި އަދުލުވެރިކަމަށް ވަކާލާތުކުރި މި ސަރުކާރުން، ޔާމީނާ މެދު އިސްކުރީ، ޖަމީލް ދެކެވަޑައިގަންނަވާ ގޮތުގައި، "އަނިޔާވެރިކަމެ"ވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ޔާމީނަށް ދައުވާ އުފުލާފައި ވަނީ ނުހައްގުންނެވެ. ތަހުގީގާއި ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އިޖުރާއަތުތަކާ ޚިލާފަށެވެ.

"އެކީގައި އިއްޔެ އެ ހުރިހާ ވާހަކައެއް ދައްކާފައި މިއަދު އައިސް ވަކި ސެލެކްޓިވް ޕްރޮސެސްއަކުން، ވަކި ބަޔަކު ނަގައިގެން، ވަކި ބަޔަކަށް ޓާގެޓް ކުރާ ކުރުން އެއީ އަޅުގަނޑަށް ގަބޫލުކުރަން އުނދަގޫ ކަމެއް،" ޖަމީލް ވިދާޅުވި އެވެ.

"ދެ ވަނަ ކަމަކީ އަޅުގަނޑަކީ ގާނޫނީ ވަކީލެއް. އަޅުގަނޑަކަށް އިއްޔެ ވެސް، މިއަދު ވެސް ގަބޫލެއް ނުކުރެވޭނެ ޑިއު ޕްރޮސެސް އިން ބޭރުން ކަންތައްތައް ކުރާކަށެއް. ދެން ޑިއު ޕްރޮސެސް މިހާރު ބޭނުންކުރައްވާ ހޯމް މިނިސްޓަރު ވެސް ވަރަށް އަތްމަތި ގޮތަކަށް. އެކަމަކު އަޅުގަނޑު މި ގަބޫލުކުރާ ޕްރޮސެސް އަކީ ޕްރޮސިކިއުޝަން މިނިވަންވާން ޖެހޭނެ. ތަހުގީގަށް އަތް ބާނައިގެން ނުވާނޭ."

އެކަމަކު ތަހުގީގާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގުން އޮތީ، ޖަމީލް ތުހުމަތުކުރައްވާ ގޮތުގައި، ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެފަ އެވެ.

ޔާމީނަށް ތުުހުމަތުކޮށް ފުލުހުން ތަހުގީގު ކުރަމުން އަންނަ ޚިޔާނާތުގެ މައްސަލައެއްގައި ވަކީލެއްގެ ހައިސިއްޔަތުން ފުލުސް އޮފީހަށް ވަޑައިގަތުމަށް ފަހު، އެ ވާހަކަ ޖަމީލް އެގޮތަށް ވިދާޅުވި އެވެ. އެ ދުވަހު ވިދާޅުވީ ތަހުގީގަށް ޔާމީން ހާޒިރުކުރީ "ސިޔާސީ މަގްސަދެއްގައި" ކަމަށެވެ.

ޔާމީން ތަހުގީގަށް ހާޒިރުކުރުމާއި ޝަރީއަތް ހިންގުމަކީ ކޮށްގެން ނުވާނެ ކަމެއް ކަމަށް ސިފަވާ ގޮތަށް، ޖަމީލް މިހާރު ވާހަކަފުޅު ދައްކަވާ އިރު، ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް އޭރު ކުރެއްވީ ސިޔާސީ ގޮތުން އަބުރުގެ ކަތިލައްވަންތޯ ދެންނެވުމުން އެ ވާހަކައަށް ޖަމީލް އިންކާރު ކުރެއްވި އެވެ.

ޔާމީނާ ދެކޮޅަށް ހެދި އިއްތިހާދުގެ ލީޑަރެއްގެ ގޮތުން ޖަމީލް ވާހަކަފުޅު ދައްކަވަނީ.

އެމްއެމްޕީއާރުސީގެ ޚިޔާނާތް، ޔާމީންގެ ބައިވެރިވުމެއް ނެތި ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިން ވިދާޅުވި ކަމަށް އެއްބަސްވެވަޑައިގަންނަވަމުން ޖަމީލް ވިދާޅުވީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު، ސަރުކާރުގެ ތެރޭގައި ހިނގާ ކަންކަމަށް ޒިންމާ އުފުއްލަވަންވާނެ ކަމަށް މިހާރު ވެސް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އެއީ، ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

"އޭރު އެ ގޯސްތަކުގެ ވާހަކަ ދެއްކީ އެންމެން އެކީގައި. އަޅުގަނޑު ވެސް އެ ވާހަކަ ދެއްކިން. އޭގެ އިތުރަށް އެކަންކަން ބަލާ ނިޒާމެއް ރާއްޖޭގައި ގާއިމްވެފައި އެބަ އޮތް. ކޮރަޕްޝަން ނަމަ އޭސީސީ، އޮޑިޓަ ޖެނަރަލްގެ އޮފީހުގެ ރިޕޯޓުން ފެންނަން އެބަ އޮތް ކިހާވަރަކަށް، ކޮން ގޮތަކަށް ކަން މިކަން ހިނގާފައި އޮތީ،" ޖަމީލް ވިދާޅުވި އެވެ.

"މައްސަލައަކީ ރައީސް ޔާމީނަށް އެކަނި ދައުވާ އުފުލައި ޝަރީއަތް ހިންގުން. އެ ކަންތައްތަކުގެ ފަހަތުގައި ތިބި މީހުން އަދީބު، ޒިޔަތު މިއަދު ހުދު ފޮތިކޮޅަކަށް ވެއްޖެ. އެ ބޭފުޅުންނާ އެކީގައި ސަރުކާރުން ޑީލް ހަދާފައި ގޭގައި ބައިތިއްބާފައި. އެއާ އެކު އަޅުގަނޑަކަށް ނުފެނޭ މި ސަރުކާރަށް ނިސްބަތްވާ އެއްވެސް މީހަކު އެމްއެމްޕީއާރުސީގެ ތެރޭގައި ހިމެނިގެން [މައްސަލަ ބަލަމުން] ދިޔަ ތަނެއް."

ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮރަޕްޝަނާއި ބީލަމަށް ނުލައި މަޝްރޫއުތައް ހަވާލުކުރުން ފަދަ ކަންކަމާ ދެކޮޅަށް އެމަނިކުފާނު ވެސް ހިމެނިވަޑައިގެން އަޑުއުފުއްލެވި ނަމަވެސް މި ސަރުކާރަށް އެކަންކަން މިހާރު ރަނގަޅުވެއްޖެ ކަމަށް ވިދާޅުވި އެވެ. އެއްވެ އުޅުމުގެ މިނިވަންކަން ޔާމީން ސަރުކާރުގައި ހިފެހެއްޓި ގޮތަށް މިހާރު ވެސް ކުރިއަށް ގެންދިއުމާއި ސަރުކާރުގެ ފިކުރާ ގުޅިފައިވާ މީހުންނަށް ބަދަލު ދިނުން ވެސް މައްސަލައަކަށް ނުވި ކަމަށް ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީގެ މައްސަލަ އާއި އެ ނޫން ކަންކަމުގައި ވެސް ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުން އެ ޒިންމާ ނަގަން ޖެހޭނެ އެއީ، ރައީސް ޔާމީނާއި އަޅުގަނޑު ކަމުގައިވީ ނަމަވެސް، ދެން ހުރި ބައެއް ކަމުގައި ވީ ނަމަވެސް. އެކަމަކު މި ދެންނެވި ގޮތަށް،" ޖަމީލް ވިދާޅުވި އެވެ.

"ކޮބައިތޯ އެފްޕީއައިޑީ؟ ރާއްޖޭގެ ތާރީޚުގައި ހިނގި ވަރަށް ބޮޑު ކޮރަޕްޝަނެއް. ނަޝީދުގެ ވެރިކަމުގައި އަމަލުކުރެއްވި ގޮތް ކޮބައިތޯ؟ ނަޝީދަށް އިއްވި 13 އަހަރުގެ ހުކުމް ގޯސް، އަޅުގަނޑު އެކަން ގަބޫލުކުރަން. އެކަމަކު ބެލެންޏާ މައުމޫންގެ ޒައާމަތުގައި ހިނގި ކަންކަމާއި ނަޝީދު ހިންގެވި ކަންކަމާ ވެސް ސުވާލު ކުރެވެން ވާނެ. ރައީސް ވަހީދުގެ ސަރުކާރުގެ ތެރޭގައި ވެސް ސުވާލު އުފެދޭ ކަންކަން ހިނގި."

މި ސަރުކާރުން ވެސް އަޅުގަނޑަށް ދިނީ އަނިޔާ!

ޖަމީލް ވިދާޅުވި ގޮތުގައި މި ސަރުކާރު ގެންނަން ވެސް އެއް ފަރުދަކަށް އެމަނިކުފާނު ވަނީ ބުރަ މަަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެކަމަކު މި ސަރުކާރުން އެމަނިކުފާނަށް އަމާޒުކޮށް އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެން ދެއްކި ވާހަކައިގެ ތެރެއިން އަޅުގަނޑު ރުއިމާއި އަޅުގަނޑުގެ އާދޭހުގެ ވާހަކައާ [މެދު ސުވާލުކުރީމަ] މި ދަންނަވަނީ. އަޅުގަނޑު ވަރަށް އަސަރުކުރޭ މިއަދު ވެސް. އަޅުގަނޑު މި ހިސާބަށް މި ގައުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރިން. އެއް މި ސަރުކާރު ގެންނަން ހެސް ކިޔާފައި މަސައްކަތް ކުރިން. ތި ވިދާޅުވިހެން. ދިދަ ހިފައިގެން އެތަން މިތަނަށް، އިންޑިއާ އަށް އީޔޫއަށް ދުވިން. މި ސަރުކާރުގައި ވެސް ޑީސެންސީއެއް ނެތީއެއް ނޫންތޯ އެންމެ ދެރަވެގެން ނައިބު ރައީސްކަން ކުރި މީހަކަށް، މި ގައުމުގައި އެއީ ކޮންމެވެސް މީހެއް ކަން ބަލައިގަންނަ މިންވަރަށް ވެސް ކާޓަސީއެއް ދޭކަށް ނުކެރުނެއް ނޫންތޯ؟ ކޮބައިތޯ އަނިޔާ އަކީ؟ ހެސް ކިޔާފައި ލަފުގައި ވީއްލާލުމެއް ނޫނެއް ނޫންތޯ؟" ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނައިބު ރައީސުންގެ ޚިދުމަތުގެ އަގު ވަޒަންކުރަން ބޭނުންފުޅުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވި ކަމަށެވެ. އެކަމަކު އަމަލުކުރެއްވީ، އެއާ ޚިލާފަށް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ދައުރު ފުރިހަމަ ނުކުރައްވާ ރައީސުންނާއި އެއްވެސް ޚިދުމަތެއް ނުކުރާ މީހުންނަށް ވެސް މަގާމްތައް ކަށަވަރުވެ، އިނާޔަތް ވަނީ ހަމަޖެހިފަ އެވެ.

"އަޅުގަނޑަށް ޖެހުނީމަތޯ ދައުރުގެ ވާހަކަ ދައްކަނީ؟" ކަން ހިނގާފައި ގޮތުން މިސާލު ނަންގަވަމުން ޖަމީލް ސުވާލުކުރެއްވި އެވެ.

"ކާކުތޯ ދައުރު ކަނޑައެޅީ؟ ދައުރަކީ ފަސް އަހަރު ކަމަށް ވާ ނަމަ ރައީސް ނަޝީދު ވެސް ދައުރެއް ފުރިހަމަ ނުކުރައްވާ. ރައީސް ވަހީދު ވެސް ދައުރެއް ފުރިހަމައެއް ނުކުރައްވާ."

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަނުން އެކުގައި ވާދަކުރަން ވައުދުވެ އަމަލުކުރި ގޮތަށް ވެސް ޖަމީލް ފާޑުވިދާޅުވި އެވެ. އެމަނިކުފާނު ކުރިމަތިލެއްވީ ވިލިމާފަންނު ދާއިރާ އަށެވެ. އެ ދާއިރާ އިން އެމްޑީޕީގެ ކެންޑިޑޭޓަކު ނެރުމަކީ ކޯލިޝަނުން އެއްބަސްވި ގޮތާ ޚިލާފަށް އަމަލުކުރުން ކަމަށް ވިދާޅުވެ މައްސަލައެއްގެ ގޮތުގައި އެކަން ނެންގެވި އެވެ.

ޖަމީލް "މިހާރު" އަށް ވާހަކަ ދައްކަވަނީ: އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ފިކުރު އިސްކުރަނީ ޕީޕީއެމުން ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ސަރުކާރު އުފެދުމާ އެކު ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުން ގެންދެވި ނަމަވެސް ފާޅުގައި ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެން ޕީޕީއެމާ ގުޅިވަޑައިގަތީ މަޖިލީސް އިންތިޚާބަށް ފަހު އެވެ. އިންތިޚާބު ނާކާމިޔާބުވެވަޑައިގަތުމުން ސަރުކާރާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވަނީތޯ ދެންނެވުމުން ވިދާޅުވީ "އެއީ ހަމައެކަނި ސަބަބު ނޫން" ކަމަށެވެ.

"އެ ވެސް ސަބަބުތަކެއް. އަޅުގަނޑު އެކަމަށް އިންކާރެއް ނުކުރަން. މައްސަލައަކީ އަޅުގަނޑު ނުހޮވުމެއް ނޫން. އަޅުގަނޑު އެކަންޏެއް ނޫން އެ އިންތިޚާބުން ނުހޮވިގެން ދިޔައީކީ. ފަތްކޮޅުން މީހުންނަށް ލިޔެވިފައި ހުރި ތަންތަން ވެސް ލުހެލައިގެން އެ ދިޔައީ،" ޖަމީލް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނުނޭ މި ބޭފުޅުންގެ އަނިޔާވެރިކަން ކުޑަވިތަނެއް. މި ބުރަ މަސައްކަތްކޮށްފައި މިހާ ހިސާބަށް އައިއިރު، އަޅުގަނޑަށް ފެނުނީ އެއް ފަރުދަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޓާގެޓްކޮށްފައި، ވަރަށް ބޮޑެތި އަނިޔާތަކެއް މި ސަރުކާރުން ވެސް ދިންތަން. އެއީ ހަގީގަތް."

ޒާތީ އަނިޔާ އެއްފަރާތްކުރައްވައި ނުކުމެވަޑައިގަތީ، ޖަމީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ބައެއް މީހުންގެ ފަރާތުން ރާއްޖޭގެ އިސްލާމްދީނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވައި އަސާސްތައް ނައްތާލަން އުޅޭތީ އެވެ. އެކަމަކު އެމަނިކުފާނު ވިދާޅުވީ އެއީ މުޅި އެމްޑީޕީގެ ފިކުރު ނޫން ކަމަށެވެ.

"އަޅުގަނޑަށް ޒާތީ އަނިޔާއެއް ނޫން އަސްލު މައްސަލައަކީ. ހުރިހާ ކަމެއް އަޅުގަނޑު ހަނދާން ނައްތާލާނަން. މި ކުރާ މަސައްކަތް ކުރަން ނުކުތުމުގެ އެންމެ ބޮޑު އަސްލަކީ ތެދަށް ދަންނަވާ ނަމަ ފަންޑަމެންޓަލީ ހަމަ އަޅުގަނޑުގެ އަގީދާއާ ގުޅުން ހުރި ކަމެއް."

ޕީޕީއެމްގައި ޖަމީލަށް އޮތީ ކޮން ފުރުސަތެއް؟

ޕީޕީއެމްގެ ވެރިކަމުގައި އެ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅުހައްދަވައި، ހަމަ އެ ލީޑަޝިޕާ ޖަމީލް ގުޅިވަޑައިގަތީ އަމިއްލަފުޅު އެދުމެއް ނެތި ހެއްޔެވެ؟ މި ސުވާލު އުފައްދަނީ ތުހުމަތުތަކާ ވެސް ގުޅުވަ އެވެ.

ޖަމީލަކީ ސިޔާސީ މުސްތަގުބަލް އޮތް، އެކަން ހަގީގަތަކަށް ހެއްދެވުމުގެ ވިސްނުން އަބަދުވެސް ގެންގުޅުއްވާ ބޭފުޅެކެވެ. މި ސަރުކާރުގެ ކޯލިޝަނުން ވަކިވެ، ޕީޕީއެމާ އެކު މަސައްކަތް ފެއްޓެވީ އެ ޕާޓީ ހިންގެވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވުމަށް ފަހު އެވެ. ޖަމީލްގެ އިތުރުން ވެސް އެ ޝައުގުވެރިކަމުގައި ބޭފުޅުންތަކެއް އެބަ ތިއްބެވި އެވެ.

ޔާމީން ޖަލަށް ލުމާ އެކު ޕީޕީއެމާއި ޕީއެންސީން މިވަނީ، 2023 ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮނޑިއާ އެއްވެސް ބޭފުޅަކަށް ގާތް ނުވެވޭ ގޮތަށް، ސިއްކަ ޖަހައިފަ އެވެ. ދެން ވެސް އެ ގޮނޑީގެ ހައްގުވެރިއަކީ ޔާމީން ކަމަށް ހުކުމް އިއްވައިފަ އެވެ. އެހެންކަމުން، ޖަމީލަށް އޮތީ ކޮން ފުރުސަތެއް ހެއްޔެވެ؟

ޖަމީލް ވިދާޅުވީ މި ވަގުތު ޕީޕީއެމް އޮތީ އެ ޕާޓީ ތެރެއަށް ވަދެ "މަ ވެސް އެބަ ހުރީމޭ" އެއްވެސް މީހަކު ބުނާ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. ޕާޓީގެ ރައީސް ޖަލަށް ލުމުން އާއްމު މެމްބަރުންނަށް ކުރިމަތިވެފައިވާ މާޔޫސްކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ފެބްރުއަރީ 19، 2015 ގައި ބޭއްވި ޕީޕީއެމް-އެމްޑީއޭގެ ރެލީއެއްގައި ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫނާއި އޭރުގެ ނައިބު ރައީސް ޖަމީލް.---ރައީސް އޮފީސް ފޮޓޯ

"އަޅުގަނޑު ރަސްމީކޮށް ޕީޕީއެމްގެ ތެރެއަށް ވަދެގެން މަސައްކަތް ފަށާފައެއް ނުވާނެ. ދެ ޕާޓީގައި މިވަގުތު އެބަ އޮތް ލީޑަޝިޕެއް. ދެ ޕާޓީއަށް މިވަގުތު ދިމާވެފައި އޮތީ ވަރަށް ހިތްދަތި ވަގުތުކޮޅެއް،" ޖަމީލް ވިދާޅުވި އެވެ.

"އެމްޑީޕީ އަށް ވެސް ރައީސް ނަޝީދު ޖަލަށް ގެންދިޔައިމާ އެ ޕާޓީގެ އިހްސާސްތައް ހަމަ ތަފާތުވީ. ހިތްދަތިކަމާއި ވޭނުގައި އުޅުނު ވަރަށް ގިނަ މެމްބަރުން އެބަ ތިބި. ހަމަ އެގޮތަށް ޕީޕީއެމްގައި ވެސް އެ އިހްސާސްކުރާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އެ ވަގުތެއް [ޕީޕީއެމް ތެރެއަށް ވަދެ، ލީޑަޝިޕަށް ފައި ނެގުން] ނޫން ކަންނޭނގެ. [އެކަމަކު] އަޅުގަނޑު ސިޔާސީ މަސައްކަތާ ދުރަށް ދިޔަ ކަމަކަށް އަޅުގަނޑު ދަންނަ އެއްވެސް މީހަކު ޝައްކެއް ނުކުރާނެ. އަޅުގަނޑު އުޅޭނީ. މި މަސައްކަތާ އެކުގައި."

ޖަމީލް ވިދާޅުވި ގޮތުގައި އެމަނިކުފާނު ގަބޫލުކުރައްވާ ދެ އަސާސް ޕީޕީއެމުން ހިފަހައްޓާނެ އެވެ. އެއީ، އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމެވެ.

"އަޅުގަނޑު މަސައްކަތް ކުރާނީ މި ފަޅިން. ދުރަކަށް ނުދާނަން."