މައުމޫނަށް ލަފާ އަރުވަން 12 ބޭފުޅުންގެ ކޮމެޓީއެއް

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލަފާ ދެއްވުމަށް 12 ބޭފުޅުންގެ ކޮމެޓީއެއް އެކުލަވާލައިފި އެވެ.


މި މަޝްވަރާ ކޮމެޓީގައި މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި މައުމޫންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ނަސްރީނާގެ ބޭބޭފުޅު އައްބާސް އިބްރާހީމާއި ކުރީގެ ވަޒީރު އުމަރު ޒާހިރު ވެސް ހިމެނި ވަޑައިގަންނަވަ އެވެ. މި ބޭފުޅުންގެ އިތުރުން އަމީނިއްޔާ ސްކޫލާއި އިމާދުއްދީން ސްކޫލުގެ ވެސް ޕްރިންސިޕަލްކަން ކުރައްވާފައިވާ ވަފާ ވަހީދާއި ފުޓުބޯޅަ ކޯޗު އަލީ ސުޒައިން އާއި ފިލްމީ ތަރި ނިއުމާ މުހައްމަދު ވެސް ހިމެނެ އެވެ.

އެމްއާރުއެމުން ބުނިގޮތުގައި މި ކޮމެޓީގެ މައިގަނޑު މަސައްކަތަކީ ޕާޓީ ކުރިއަރުވައި ތަރައްގީ ކުރުމުގައި، ޕާޓީގެ ރައީސް އަށް ލަފާދެއްވައި މަޝްވަރާ އެރުވުމެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރަޖިސްޓްރީ ކޮށްދީފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ޕާޓީގެ އިންތިގާލީ ރައީސަކަށް މައުމޫން އިންތިޚާބު ކުރެއްވި އިރު، ނައިބު ރައީސުންނަކީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އަދި އާމިނަތު ނާދިރާ އެވެ.

އެމްއާރުއެމްގެ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި އަންހެނުންނަށް އިސްކަން ދޭ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެގޮތުން މަޝްވަރާ ކޮމެޓީގެ ދެބައިކުޅަ އެއްބަޔަކީ ވެސް އަންހެނުންނެވެ.