ކައުންސިލްތަކަށް ބާރު ދިން ބިލްގައި ރައީސް ސޮއިކުރެއްވި ގަލަން ހަދިޔާކުރެއްވީ ނަޝީދަށް

ލޯކަލް ކައުންސިލްތަކަށް ބާރު ދޭން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވި ގަލަންކޮޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަދިޔާކުރައްވައިފި އެވެ.


ސަރުކާރުން ހުށަހަޅައި، މަޖިލީހުން ފާސްކުރި އިސްލާހުތައް ރައީސް ތަސްދީގު ކުރެއްވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ދައުވަތު ދެއްވައިގެން ކްރޮސް ރޯޑްސްގައި މިއަދު ފެށި މަހާސިންތާގަ އެވެ. އެ މަހާސިންތާގައި ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކުން 200 އަށް ވުރެން ގިނަ ކައުންސިލަރުން ބައިވެރިވެވަޑައިގަތެވެ.

ހަގީގީ މާނައިގައި ކައުންސިލްތަކަށް ބާރު ދެއްވަން އިސްލާހު ތަސްދީގު ކުރެއްވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަލަންކޮޅު ދެއްވީ ކުރީގެ ރައީސް އަދި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީގެ ރައީސް ނަޝީދަށެވެ. މިއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތް ފަހުން، ގާނޫނެއް ތަސްދީގު ކުރެއްވުމަށް ސޮއިކުރެއްވި ގަލަންކޮޅު ހަދިޔާ ކުރެއްވި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ވެރިކަމުގައި އަބަދުވެސް މައި ސަރުކާރަށް ޖަމާކޮށްފައިވާ ބާރުތައް ދޫކޮށްލުމަކީ އެމްޑީޕީގެ ތަސައްވުރެކެވެ. އެކަމުގައި އެންމެ ބޮޑަށް އަޑު އުފުއްލެވި އެއް ބޭފުޅަކީ ނަޝީދެވެ. އެމަނިކުފާނުގެ ވެރިކަމުގައި ލާމަރުކަޒީ ގާނޫނު ފާސްކޮށް ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދިން ނަމަވެސް ފަހުން އައި ސަރުކާރުތަކުން އެ ބާރުތައް ވަނީ ހިފަހައްޓައިފަ އެވެ. ފަހުން އެ ބާރުތައް އަނބުރާ ދިނުމަށް މި ސަރުކާރުގެ ތެރެއިން އެންމެ އިސްވެ މަސައްކަތްޕުޅު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް އެމްޑީޕީން ވީ މުހިއްމު އެއް ވައުދަކީ މައި ސަރުކާރަށް ބަރޯސާވާން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭންގައި ރަށްތަކަށް ވަޑައިގެން ވެވަޑައިގަތް އެ ވައުދު ފުއްދެވުމަށް މި ސަރުކާރުން ހުށަހެޅި އިސްލާހުތައް ފާސްކުރަން މަޖިލީހުން ވެސް މަސައްކަތްތަކެއް ކުރި އެވެ.

ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ސަލާމްކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ކައުންސިލްތަކަށް ބާރު ދިނުމަށްޓަކައި ސޮއިކުރެއްވި ގަލަންކޮޅު، މަޖިލިސް ރައީސަށް އެރުވީ އެކަމުގައި އެމަނިކުފާނާއި ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ކަމަށެވެ. ރައްޔިތުންގެ ކަންކަން ނިންމުމުގެ ބާރު، ރައްޔިތުންނާ ގުޅިގެން ނިންމަން ކައުންސިލްތަކަށް ދިނުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެ ވައުދު ހަގީގަތަކަށް ހަދަން އެމްޑީޕީން ވެސް މަސައްކަތްތަކެއް ކުރި ކަން ހޫދު ފާހަގަކުރެއްވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމެވެ. ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މި އަދަދު ފިސްކަލް ފޯމިއުލާއެއްގެ ދަށުން ކައުންސިލަތަކަށް ބަހާލުމުން، ބޮޑު ޕަސެންޓެއް ލިބެ އެވެ.

ކައުންސިލްތަކުގެ ތިން އަހަރުގެ ދައުރު ވެސް ވަނީ ފަސް އަހަރަށް ބަދަލު ކޮށްފަ އެވެ. އެއާއެކު، ކައުންސިލްތަކުގެ 33 ޕަސެންޓަކީ އަންހެނުން ކަމުގައި ކަނޑައަޅައި ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. ފަސް މިލިއަނަށް ވުރެ ކުޑަ މަޝްރޫއުތައް ހިންގުމުގައި ބަޖެޓާއި މަޝްރޫއުގެ ޕްލޭންތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.