ފިނިކުރި މަސް ގަންނަ އަގު މިފްކޯ އިން ބޮޑުކޮށްފި

ޑިމާންޑާ އެއްވަރަށް މަސް ނުލިބިި ބޮޑު ގެއްލުމެއް ވެދާނެތީ، ފިނިކުރި މަސް ގަންނަ އަގު ބޮޑުކުރަން މިފްކޯއިން މިއަދު ނިންމައިފި އެވެ.


އެ ކުންފުނީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑެޕިއުޓީ ސީއީއޯ އަބްދުﷲ އަހުމަދު ވިދާޅުވީ މަސްގަންނަ އަގު ބޮޑުކުރަން ނިންމީ ވަގުތީ ގޮތުން ކަމަށެވެ.

ދޮޅު ޓަނަށް ވުރެ ގިނައިން މިފްކޯއަށް މަސް ކިރުވާ ނަ،މަ، އެއަށް ވުރެ އިތުރުވާ ކޮންމެ ކިލޯއަކަށް 2.50ރ. ވަނީ ބޮޑުކޮށްފަ އެވެ. އަދި އެއީ ދޮޅު ކިލޯ އަށް ވުރެ ބަރު މަހަށް ވެސް ވާންޖެހޭ ކަމަށް އެ ކުންފުނިން ބުންޏެވެ. ކުރިން 19ރ. އަށް ކިލޯއެއް ގަންނަމުން އައި ނަމަވެސް މިހާރު އެ އަދަދު ވަނީ 21.50ރ. ބޮޑުކޮށްފަ އެވެ.

މި ބަދަލާ އެކު ލިބޭނެ ގެއްލުމެއް ކަމަށް މިފްކޯއިން ބުނަނީ ތައިލެންޑަށް މަސް އެކްސްޕޯޓް ކުރަން ގެނައި ކެރިއާ ބޯޓު މުއްދަތުގެ ކުރިން ފޮނުވާ ނުލެވުމުވެ. އޭރުން އެ ބޯޓު ރާއްޖެ ގެނައި ކުންފުންޏަށް ޖޫރިމަނާގެ ގޮތުގައި މިފްކޯއިން ބޮޑު އެއްޗެއް ދައްކަންޖެހޭނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އެ ބޯޓަށް މިހާރު 700 ޓަނުގެ މަސް ބޭނުންވެ އެވެ.

"ހަމައެކަނި މިވަގުތު މިފްކޯއަށް އިތުރަށް މަސް ބޭނުންވެފައި އޮތީމަ އަދި މިފްކޯއަށް ބޭނުންްވާ އަގުތަކެއްގައި މަސް ނުލިބިގެން ގެއްލުންތަކެއް ލިބިދާނެތީ މަސްވެރިން މަހަށް ފޮނުވުމަށްޓަކައި އިތުރު ބާރެއް ދިނުމަށް ގެނައި ބަދަލެއް،" އަބްދުﷲ ވިދާޅުވި އެވެ.

ވިއްސާރަވުމާ ހަމައަށް ރާއްޖޭގެ މަސްވެރިކަން އޮތީ ރަނގަޅަށް ކަމަށާއި ފުދޭ ވަރަކަށް ގިނައިން މަސް ކިރި ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އަދި އެ ކެރިއަރު ބޯޓު ރާއްޖެ ގެނައީ ގިނައިން މަސް ލިބުމުންނެވެ. ނަމަވެސް އޭގެ ފަހުން މޫސުން ގޯސްވުމުން، މަސްވެރިކަން ދަށް ވެފައިވާ ކަމަށާއި މަހަށް ނުކުންނަ އަދަދު ވެސް މަދުވެފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"މިވަގުތު އާ ހިތްވަރެއް ލައިގެން މަސްވެރިން މަހަށް ފުރުވެން އޮތީ. އެކަން ކުރެވެން އޮތީ އިތުރު އެއްޗެއް މަސްވެރިންނަށް ދެވިގެން. އެހެންވެ އެ ބަދަލު މި ގެނައީ. ކެެރިއަރު ބޯޓު އަޅުގަނޑުމެންނަށް ފުރުވާ ނުލެވިއްޖެނަމަ އަޅުގަނޑުމެންްނަށް ލިބޭ ގެއްލުން މާ ބޮޑު ވާނެ. އެހެންވީމަ އެ ގެއްލުން ކުޑަ ކުރުން އެއީ އެއް ބޭނުން. އަނެއް ބޭނުމަކީ ފެލިވަރުގެ ކޭނަރީ 50 ޓަނަށް ބަދަލުކުރުން،،" އޭނާ ވިދާޅުވި އެވެ.