ހުރިހާ މަޝްރޫއުތަކެއްގެ ތަފްސީލް އެނގޭނެ ވެބްސައިޓެއް

މި ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދާ އިގްތިސާދީ އަދި އިޖުތިމާއީ ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތު އެއް ތަނަކުން ލިބޭ ގޮތަށް އައިލްސްގެ ނަމުގައި ވެބްސައިޓެއް އިއްޔެ ލޯންޗްކޮށްފި އެވެ.


ދެފުށްފެންނަ، ޖަވާބުދާރީ ކުރުވޭނެ ނިޒާމެއްގެ ތެރެއިން މަޝްރޫއުތައް ކުރިއަށް ގެންދަން ހެދި ވެބްސައިޓް، އައިލްސްޑޮޓްގަވްޑޮޓްއެމްވީ ލޯންޗްކުރީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކުން ބައިވެރިވި "ވިއަވަތި ރާއްޖެ" މަހާސިންތާގަ އެވެ.

ރަށްތަކުގެ އާބާދީ އާއި އެ ރަށްތަކުގައި އާމްދަނީ ހޯދަން ކުރާ މައިގަނޑު މަަސައްކަތްތަކާއި ހިނގަމުންދާ މަޝްރޫއުތަކުގެ ތަފްސީލު އެ ވެބްސައިޓުގައިވެ އެވެ. އެ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތަފްސީލާއި އެ މަޝްރޫއެއް ނިމޭނެ ތާރީޚް ވެސް ވެބްސައިޓުން އެނގެ އެވެ.

ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގައި އެ ރަށް ތަމްސީލްކުރައްވާ މެމްބަރު ވެސް އާއްމުކޮށްފައިވެ އެވެ. ރިސޯޓުތަކާއި ރިސޯޓުގެ ގޮތުގައި ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކާއި ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ތަންތަން ވެސް ހިމަނާފައިވެ އެވެ.

ރަށްތަކުގެ މައުލޫމާތު

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްފައިވާ ނަމަ އެ މައުލޫމާތާއި ބިދޭސީންގެ މައުލޫމާތާއި އެ ނޫން ވެސް ރައްޔިތުންނަށް ކޮންމެހެން އެނގެން ބޭނުންވާނެ ހުރިހާ މައުލޫމާތެއް މި ވެބްސައިޓު މެދުވެރިކޮށް އެއްތަނަކަށް ގެނެސްދީފައިވާނެ ކަމަށެވެ. ރަށްރަށުގެ ޖީއެސްޓީ އާއި ވަޒީފާ އަދާކުރާ މީހުންނާއި އެ ރަށަކަށް ލިބޭ އާމްދަނީ ވެސް ކުރިއަށް އޮތް ތަނުގައި އެ ވެބްސައިޓުން ފެންނާނެ ކަމަށް ވިދާޅުވި އެވެ.

އައިލްސް ވެބްސައިޓުގައި ރަށްތަކުގެ މައުލޫމާތު

"ވެބްސައިޓުގައި މިހާރު އަޕްޑޭޓްކޮށްފައި ވާނެ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރަށް ބަޖެޓުގައި ލަފާކޮށްފައިވާ ޕީއެސްއައިޕީގެ ހުރިހާ ޕްރޮޖެކްޓްސްއެއް އަދި ފަންޑިން އެޖެންސީއަކީ ކޮބައިކަން ފެނިވަޑައިގަންނަވާނެ،" ޝައުނާ ވިދާޅުވި އެވެ.

މުހިއްމު އެއް ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއުތައް އަވަސް މިނުގައި ހިންގަން މަގުފަހިކުރުމެވެ.