ވައިކަރަދޫގައި އިއްޔެ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ފަރުވާ ދިނުމަށް ކުޅުދުއްފުއްޓަށް ގެންދަނީ
17 ޑިސެމްބަރ 2019 - 18:15
ހދ. ވައިކަރަދޫގައި އިއްޔެ ހިނގި އެކްސިޑެންޓްގައި ޒަހަމްވި ދެ މީހުންގެ ހާލު ސީރިއަސްވެ މިއަދު ހަވީރު މާލެ ގެނެސްފި އެވެ.
އެ އެކްސިޑެންޓްގައި އެންމެ ބޮޑަށް ޒަހަމްވި، 48 އަހަރުގެ މީހާ އިއްޔެއިންސުރެ އޮތީ އެ އަތޮޅު ކުޅުދުއްފުށީީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. ދެ ސައިކަލު ޖެހި ހިނގި އެ އެކްސިޑެންޓްގައި އެ މީހާގެ ބޯ ފާރެއްގައި ޖެހި، ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ.
"އަދިވެސް އޭނާގެ ހެޔެއް ނެތް. ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރެއްގެ އެހީގައި. އެހެންވެ، އިތުރު ފަރުވާ ދިނުމަށް އޭނާ މިއަދު ވަނީ މާލެ ފޮނުވާލާފައި،" ވައިކަރަދޫ ކައުންސިލްގެ މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.
އެ އެކްސިޑެންޓްގައި ދެން އަނިޔާވީ އުމުރުން 20 އަހަރުގެ ޒުވާނަކަށެވެ. އޭނާގެ މޭކަށިގަނޑަށް އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު ހާލު ސީރިއަސް އެވެ.
މި ދެ މީހުން ވެސް މިއަދު މާލެ ގެނައީ ފްލައިޓެއް ޗާޓަރުކޮށްގެންނެވެ.
އެކްސިޑެންޓުވި ދެ މީހުންގެ އަތުގައި ވެސް ޑްރައިވިން ލައިސަންސެއް ނެތް ކަމަށް ފުލުހުން ބުނެ އެވެ.
"މި އެކްސިޑެންޓު ހިނގާފައި ވަނީ ފުލުހުން ނުތިބޭ ރަށެއްގައި، އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު އޮޅުން ފިލުވުމަށް ތަހުގީގު ދަނީ ކުރިއަށް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy