ގުރުއާން އެސެސްކުރާ ގޮތް، ބެލެނިވެރިންގެ ކަންބޮޑުވުމަކަށް!

އެސްއެސްސީ އިމްތިހާނުގައި ވަކި މާއްދާއެއްގެ ގޮތުގައި އަންނަ އަހަރު ގުރުއާން ހިމަނައި، އެ މާއްދާގެ އެސެސްމަންޓް ރާވާފައިވާ ގޮތާ މެދު ބެލެނިވެރިންނާއި ބައެއް ޓީޗަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.


ރާއްޖޭގައި އާ މަންހަޖު ތައާރަފުކޮށް، އޭގެ ދަށުން ފުރަތަމަ ފަހަރަށް އެސްއެސްސީ އިމްތިހާން ހަދަނީ އަންނަ އަހަރު އެވެ. ވަކި މާއްދާއެއްގެ ގޮތުގައި ގުރުއާން ހިމެނުމަށް ފަހު، އެސްއެސްސީގައި މާކްސް ދެނީ ތަފާތު އެސައިންމެންޓްސްތަކަށް ބިނާކޮށެވެ.

އެކަމަކު ބައެއް ޓީޗަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުމަކީ އެވަރަށް ތައްޔާރުވެފައި ނެތުމެވެ. އެ ކަންބޮޑުވުންތައް އެޑިޔުކޭޝަން މިނިސްޓްރީއާ ހަމައަށް ވެސް މިހާރު ވަނީ ގޮސްފަ އެވެ.

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ގުރުއާން މާއްދާ އެސެސްކުރާ ގޮތާ މެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ އަސްލު މައްސަލަތަކަށް އަލިއަޅުވާލައި އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއޭ) ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ކުރިން ވިދާޅުވެފައި ވަނީ، އިސްލާމާއި ދިވެހި އޮންނަ ގޮތަށް، ގުރުއާން މާއްދާގެ ޓެސްޓް ހަދަން ނުޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި ގުރުއާނުން ދަރިވަރުންގެ ފެންވަރު ބަލާނީ ބޮޑު ދެ އެސައިންމަންޓަކާއި އަނގަބަހުން ކުރާ ސުވާލުތަކަށް ލިބޭ ޖަވާބުގެ މައްޗަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން ފުރަތަމަ އެސައިންމަންޓް ހަދަން މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެ އެސައިންމަންޓް އަންނަ ފެބްރުއަރީ މަހު ހަވާލުކުރަން ޖެހެ އެވެ. ދެ ވަނަ އެސައިންމަންޓް ނިންމަން ޖެހެނީ ފުރަތަމަ ޓާމު ނިމުމުގެ ކުރިންނެވެ.

އަންނަ އަހަރު އޯ ލެވެލް ހަދާ ދަރިވަރުން ބޮޑު ޗުއްޓީ ތެރޭގައި މިހާރު އަންނަނީ ގުރުއާން މާއްދާއަށް ބޭނުންވާ ފިލާވަޅުތައް ދަސްކުރަމުންނެވެ.

ޑީޕީއޭ އިން ބުނި ގޮތުގައި އަނގަ ބަހުން ދަރިވަރުންނާ ސުވާލުކުރާއިރު ވީޑިއޯކުރާނެ އެވެ. އެ ސުވާލުތަކުގެ ތެރޭގައި ގުރުއާންގެ އެކި އާޔަތްތަކާ ބެހޭ ގޮތުންނާއި ތަޖުވީދާ ގުޅޭ ސުވާލުތައް ހިމެނެ އެވެ.

އެސައިންމަންޓުތައް އެންމެ ފުރަތަމަ ބަލާނީ ޓީޗަރެވެ. އޭގެ ފަހުން ސްކޫލުން އެކުލަވާ ޓީޗަރުންގެ ހާއްސަ ޓީމަކުން އެސައިންޓްމަންޓްތައް ޗެކްކުރާނެ އެވެ. ޑީޕީއީއަށް އެ އެސައިންމަންޓުތައް ފޮނުވާނީ އޭގެ ފަހުންނެވެ.

ކިޔަވައިނުދީ ކުއްލިއަކަށް އެސައިންމެންޓްތަކަށް!

ގުރުއާން މާއްދާ އެސެސްކުރާ ގޮތާ ބެހޭ ގޮތުން "މިހާރު" އަށް ކިޔުންތެރިން ފޮނުވި ގިނަ ކޮމެންޓުތަކުގައި ވެސް ހުރީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެސައިންމެންޓްތަކަށް ބޭނުންވާ ވަރަށް އެ މާއްދާ ކިޔަވައިނުދީ އެފަދަ އެސައިންމެންޓްތަކެއް ދިނުމުން ދަރިވަރުންނަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް، ބައެއް މީހުން ބުނެ އެވެ.

"މި ކުދިންނަކީ ވަކި ހިސާބަކުން ކީ ސްޓޭޖަށް ކިޔަވަމުންދާ ބައެއް. އެޑިއުކޭޝަން މިނިސްޓަރު މިކަމަށް ވިސްނަން ވެއްޖެ. ކިޔަވައިނުދީ ކުއްލިއަކަށް ޓެސްޓް ދިނުން ރަނގަޅެއް ނޫން،" އެއް ކޮމެންޓެއްގައި ލިއެފައިވެ އެވެ.

ދަރިވަރުންނަށް ގުރުއާނުގެ ތަފްސީރު ވެސް އެނގެން ޖެހުމާ އެކު ކުއްލި އެފަދަ ބަދަލަކުން ކުރިމަތިވާނެ ގޮންޖެހުންތަކަކީ ވެސް ބައެއް މީހުންގެ ކަންބޮޑުވުމެކެވެ. އެއް ކިއުންތެރިޔަކު ބުނީ ގުރުއާން މާއްދާގައި ކުދިން ހަދަން ޖެހޭ ގޮތް އެނގުނީ ރިޕޯޓު ފޯމް ދިން ފަހުން ކަމަށެވެ.

ގުރުއާންގެ ދެ އެސައިންމެންޓާ ބެހޭ މައުލޫމާތު، ބައެއް ސްކޫލްތަކުން ވަނީ ފޯމް ދިން ދުވަހު ބެލެނިވެރިންނާ ހިއްސާކޮށްފަ އެވެ.

އޯ ލެވެލްގެ ގަދަ 10 ހޮވާ އިރު ގުރުއާން މާއްދާ އަކީ މަޖުބޫރު މާއްދާއެއްތޯ ނުވަތަ ނޫންތޯ އަދި ކަނޑައެއް ނާޅަ އެވެ. މިހާރު ގަދަ 10 ގައި ބަލަނީ މަޖުބޫރު ހަތަރު މާއްދާ ކަމަށްވާ، ދިވެހި، އިސްލާމް، ހިސާބު އަދި އިނގިރޭސިއާ އެކު އިތުރު ހަތަރު މާއްދާ އަަށެވެ. މިސާލަކަށް ދަރިވަރަކު 11 މާއްދާގައި ބައިވެރިވެފައިވާ ނަމަ، މަޖުބޫރު ހަތަރު މާއްދާގެ ތެރެއަށް އެޑިޔުކޭޝަނުން ލާނީ، އަނެއް ހަތް މާއްދާއިން އެންމެ ރަނގަޅު ނަތީޖާއެއް ލިބުނު ހަތަރު މާއްދާއެކެވެ.