އެމްޑީއެން އުވާލުމަކީ ބޮޑު ހިތްހަމަ ޖެހުމެއް: މައުމޫން

އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަރުކާރުން އުވައިލުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.


އެމްޑީއެން އުވާލަން ޔޫތު މިނިސްޓްރީން ނިންމީ މުދަލާއި ދަރަންޏާއި ޖަމިއްޔާއާ ގުޅޭ މައްސަލަތައް ނިންމުމަށް ޖަމިއްޔާތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މުއްދަތު ދިނުމަށް ފަހު އެވެ.

ޖަމިއްޔާތަކުގެ ބެލެނިވެރިޔާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޓެގް ކުރައްވައި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެން އުވައިލުމަކީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ލޯބިކުރާ ދިވެހިންނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި އެކަމަށްޓަކައި މައުމޫން ޝުކުރު އަދާކުރެއްވި އެވެ.

މައުމޫން ކުރެއްވި ޓްވީޓް--

އެމްޑީއެން އުވާލާފައި މިވަނީ، އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް، އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާ ގުޅިގެން މިދިޔަ އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފައި އޮތުމަށް ފަހު އެވެ. ޖަމިއްޔާ އުވައިލަން ކުރިން ނިންމި ނަމަވެސް މިހާތަނަށް އެ ފިޔަވަޅު ނާޅައި އޮތީ ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނިންމުމަށެވެ. އެންމެ ފަހުން، އެމްޑީއެން އުވައިލީ ގާނޫނުގެ ދަށުން ކަންކަން ނިންމަން އެ ޖަމިއްޔާ އަށް ފުރުސަތު ދިނުމަށް ފަހު އެވެ.

މީގެ ހަ އަހަރު ކުރިން ރަޖިސްޓަރީ ކުރި އެމްޑީއެން އުވައިލުމަށް އެދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ވެސް ކުރި އެވެ.

އެމްޑީއެން ރިޕޯޓުގައި، ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ކަމަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކަ އެކެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. އަދިވެސް އެފަދަ އިތުރު ކަންކަން އޭގައި ވެ އެވެ.