އަޅުގަނޑުގެ އަމިއްލަ އެދުމެއް ނެތް، އެކަމަކު ލިބެނީ ބޮނޑި: ގާސިމް

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި އިންސާފު ހޯދައި ދިނުމަށް ރެ އާއި ދުވާލު ކުރާ މަސައްކަތުގައި އަމިއްލަ އެދުމެއް ނެތް ކަމަށާއި އެކަމަކު އެ މަސައްކަތުގެ ސަބަބުން އޭނާ އަށް ލިބިވަޑައިގަންނަވަނީ ބޮނޑި އާއި އަނިޔާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.


ސަރުކާރު ކޯލިޝަންގެ ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން ސިޔާސީ މަސައްކަތް ފެށުމަށް ބިންގާ އެޅީއްސުރެ، އޭނާ އަށް އެކި ގޮތް ގޮތުން އަނިޔާ އާއި ބޮޑެތި "ލޮޓި" ލިބިވަޑައިގެންފައިވާ ކަމަށެވެ.

"ޑިމޮކްރަސީއެއް ގެނެސް ފައްކާކޮށް، އަޅުގަނޑުމެން ބޭނުންވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި އިންސާފު ހޯދައި ދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް މި ކުރަނީ ރެ އާއި ދުވާލު. އެ މަސައްކަތް ކުރަމުންދާ އިރު، މިހާރުއްސުރެ ފަށައިގެންފި ނަމަ، އަޅުގަނޑަށް އެބަ އާދޭ ވަރަށް ބޮޑެތި ލޮޓި އާއި ބޮނޑި އާއި އަނިޔާ،" ޖޭޕީއާ އަލަށް މެމްބަރުންތަކެއް ގުޅުމަށް ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ ވުޖޫދަށް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކީގައި ދީނާއި ގައުމާއި ރައްޔިތުންގެ ހައްގުގައި އަދި ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި އޭނާ މަސައްކަތް ކުރައްވަނީ މިނިވަން ޑިމޮކްރެޓިކް އުސޫލުތަކަކާއި ރައްޔިތުންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގުތައް ދެ ފުށް ފެންނަ ގޮތަށް ލިބޭނެ ގޮތް ހެދުމަށެވެ. އެކަން ކުރައްވާތީ ވާދަވެރިން އުޅެނީ އޭނާ "ބަލިކޮށްލަން" ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމީހުން ދިމާކުރަނީ އޭނާގެ އަމިއްލަ އެދުމެއް އޮވެގެންނޭ ކިޔައިފަ އެވެ.

"އަޅުގަނޑަށް އަނިޔާތަކެއް އެބަ ލިބޭ. މާއްދީ ގޮތުން، ނަފްސާނީ ގޮތުން، ޖިސްމާނީ ގޮތުން، ރޫހާނީ ގޮތުން، އަދި އޭގެ އިތުރަށް އަޅުގަނޑުގެ މުދަލަށާއި އަނބިދަރިންނަށް ވެސް ނުހޮރުއްޕާންކޮށް ދުއްތުރާ ކުރަމުންދޭ އެކި ގޮތް ގޮތަށް. ބަހުންނާއި އަމަލުން އަދި އެ ނޫން ވެސް ސިފަ ސިފައިގައި،" --- ގާސިމް

"ހޭ ބުއްދި ސަލާމަތުން ހުރި މީހަކު ވިސްނުމުގެ ނަޒަރިއްޔާތަކުން ވިސްނައިފި ނަމަ، ވަރަށް ސާފުކޮށް އެނގޭނެ އަޅުގަނޑު މި މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަން. ދިވެހި ރައްޔިތުންނަށް ކަން. ހަމައެކަނި ނަމަކުން ނޫން ކަން. ކަމުން ވެސް، ބަހުން ވެސް، އަމަލުން ވެސް އެކަން ސާބިތުވާކަން. ހަތަރު ފަރާތުން ފަރިވެ ފޮޅެނީ އެކަންތައް،" މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.

"އެއީ ދައުލަތުގެ މުއައްސަސާއަކަށް ކަމަށް ވިޔަސް، އެއީ ދައުލަތުގެ ރައްޔިތަކަށް ވިޔަސް ކޮންމެ ދިވެހި ރައްޔިތަކަށް މިކަން ސާފުކޮށް އެނގިގެންދާނެ. އަޅުގަނޑަށް ފައިދާ ބޮޑީ، އަޅުގަނޑުގެ އަމިއްލަ ނަފްސާއި އަނބިދަރިންނަށް، އަޅުގަނޑުގެ މުދަލަށް ރައްކާތެރިކަން ބޮޑީ އަޅުގަނޑު މި ދައްކާ ވާހަކަތައް މި ގޮތަށް ނުދައްކާ، އަޅުގަނޑު މިކުރާ މަސައްކަތް މިގޮތަށް ނުކުރުންކަން."

މެއި 26، 2008 ގައި ވުޖޫދަށް ގެންނެވި ޖުމްހޫރީ ޕާޓީއާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ ޕާޓީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނާއި ގައުމުގެ ހައްގުގައި އެންމެ ހެޔޮ ގޮތްތައް ހޯދުމަށް ކަމަށެވެ. ޖޭޕީގެ ސިޔާސީ މަސައްކަތްތައް ވަރުގަދަކޮށްލާ، އިންތިހާބުތަކުގެ ކުރިން ހަރަކާތްތެރިކަން ބޮޑުވެއްޖެ ނަމަ އޭރަކު އޮންނަ ސަރުކާރަކުން ގޮންޖެހުންތައް ކުރިމަތިކުރުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ހޭ ބުއްދި ސަލާމަތުން ހުރި މީހަކު ވިސްނުމުގެ ނަޒަރިއްޔާތަކުން ވިސްނައިފި ނަމަ، ވަރަށް ސާފުކޮށް އެނގޭނެ އަޅުގަނޑު މި މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަން. ދިވެހި ރައްޔިތުންނަށް ކަން. --- ގާސިމް

"އަޅުގަނޑަށް އަނިޔާތަކެއް އެބަ ލިބޭ. މާއްދީ ގޮތުން، ނަފްސާނީ ގޮތުން، ޖިސްމާނީ ގޮތުން، ރޫހާނީ ގޮތުން، އަދި އޭގެ އިތުރަށް އަޅުގަނޑުގެ މުދަލަށާއި އަނބިދަރިންނަށް ވެސް ނުހޮރުއްޕާންކޮށް ދުއްތުރާ ކުރަމުންދޭ އެކި ގޮތް ގޮތަށް. ބަހުންނާއި އަމަލުން އަދި އެ ނޫން ވެސް ސިފަސިފައިގައި،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ފެށި މަސައްކަތުން ކިތަންމެ ހުރަސްތަކަކާ އެކު ނަމަވެސް ނަތީޖާ ފެންނަމުންދާތީ އެ މަސައްކަތް ނުކޮށް ހުންނަވަން ބޭނުންނުވާ ކަމަށެވެ.

"ގައުމަށް ރަނގަޅުވާ ނަމަ، އަޅުގަނޑަށާއި އަޅުގަނޑުގެ އާއިލާ އަށް ވެސް ރަނގަޅުވާނެ،" ގާސިމް ވިދާޅުވި އެވެ.

އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމާ ގުޅިގެން ސަރުކާރުގެ އެ ނިންމުމަށް ތައުރީފް ކުރައްވައި ގާސިމް ވިދާޅުވީ އެއީ ރައްޔިތުންގެ މަސްލަހާތާއި ގައުމުގެ އަމާންކަމާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ކަމެއް ހައްދުފަހަނައަޅައި ގޮސްގެން ނުވާނެ އެވެ. ގައުމުގެ މަސްލަހަތާއި އަމާންކަން ގެއްލިގެންދާ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، ސިފައިން "ޔެލޯ އެލާޓް 2" ނެރެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ގާސިމް ވަނީ އެމްއެންޑީއެފުން ކުރި އިއުލާނާ އެއްގޮތަށް ހުރިހާ ރައްޔިތުން ކިޔަމަންތެރިކަމާ އެކީގައި ބޯލެނބުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި އަމާންކަން ދެމެހެއްޓުމަށް ހުރިހާ ރައްޔިތުން މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރެއްވި އެވެ.

ގާސިމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ރަނގަޅު ފުރުސަތުތައް ލިބެން އޮތީ ޖުމްހޫރީ ޕާޓީން ކަމަށެވެ. ޖޭޕީން މިހާރު ތައްޔާރުވަނީ ކޮންގްރެސްއަށް ކަމަށާއި އެއީ ކޮންމެ ދިވެއްސަކަށް ވެސް ސިޔާސީ ގޮތުން ކުރިއަށް ދާން ލިބޭނެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޖޭޕީ އަށް މެމްބަރުން އިތުރު ކުރުމަށް ފެށި މަސައްކަތުގެ ދަށުން މިހާތަނަށް އައި އިރު، 13،000 އަށް ވުރެ ގިނަ ފޯމް އެ ޕާޓީ އަށް ވަނީ ލިބިފަ އެވެ.