ސާވިސް ޗާޖުގެ ޚަބަރާ އެކު، އަލީ ވަހީދު ހޫނު ފެނަށް!

ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ދެނީ ރަނގަޅަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވިދާޅުމުން ރިސޯޓުތަކުގެ ބައެއް މުވައްޒަފުންގެ ފާޑުކިޔުން އޭނާއަށް އަމާޒު ވެއްޖެ އެވެ.


ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ އެ މިނިސްޓްރީން ހެދި ދިރާސާތަކުންނާއި މިނިސްޓްރީއަށް ލިބިފައިވާ ރެކޯޑުތަކުން ރިސޯޓުތަކުގެ ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅު ކަމަށެވެ. އަދި އެކަމާ ދެކޮޅަށް "ފޭކް އެކައުންޓްތައް" ތަފާތު ވާހަކަ ފަތުރާތީ ދެރަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ވިޔަފާރި ކުންފުނިތައް ނުވަތަ މި ކަމަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު. ބައެއް ފަހަރު ރިސޯޓުން ކަނޑާލީމާ އެ ކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމް މި ވަނީ. މި ޝަކުވާތައްކޮށް ގިނަ ފަހަރު ޓްވީޓު ކޮށްފައި ވެސް ހުންނަނީ ވަގު އެކައުންޓުތަކުން،" އަލީ ވަހީދު ވިދާޅުވި އެވެ.

މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ރިސޯޓުތަކުގެ ބައެއް މުވައްޒަފުން ވަނީ ޓޫރިޒަމް މިނިސްޓަރަށް ވރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެކަކު ބުނީ ފޭކް އެކައުންޓްތަކުން ޓްވީޓު ކުރަން ޖެހެނީ ވަޒީފާއިން ވަކިކުރުމުގެ ބިރު އޮންނަތީ ކަމަށެވެ. އަދި ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ދޭ މިންވަރު މަދު ކަމަށް ވެސް އޭނާ ބުންޏެވެ.

"ފޭކް އައިޑީތަކުން ސާވިސް ޗާޖުގެ ޝަކުވާ ކުރާ ސަބަބު ހަމަ ނޭނގެނީތަ؟ ޝަކުވާއެއް ކުރާ އިރަށް ވަޒީފާ އިން ކަނޑާލާނެ. އެވަރު ހަމަ ނޭނގެނީތޯ މިނިސްޓަރަށް؟" އެކަކު ލިއުނެވެ.

މީހަކު ކޮށްފައިވާ ޓްވީޓެއް--

އެހެން މީހަކު ފޭސްބުކްގައި ބުނެފައިވާ ގޮތުގައި ސާވިސް ޗާޖުގެ ގޮތުގައި 400 ރުފިޔާއަށް ވުރެ ގިނައިން ނުލިބޭ ކަމަށެވެ. ބައެއް ރިސޯޓުތަކުން ޕީކް ސީޒަނުގައި ސާވިސް ޗާޖު ބޮޑުކުރި ނަމަވެސް އެ ރިސޯޓުން އެގޮތަށް ބޮޑުނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ބައެއް ރިސޯޓުތަކުން 1،000 ޑޮލަރު (15،420ރ) ދޭއިރު އަނެއް ބައި ރިސޯޓުތަކުން ދެނީ 100 ޑޮލަރަށް ވުރެ ކުޑަކޮށް. މިއީ އިންސާފުވެރި ގޮތްތޯ؟ ސަރުކާރުން އެބަ ޖެހޭ މިކަންތައް ރަނގަޅު ކުރަން،" ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށް ބުނި މީހަކު ލިއުނެވެ.

އަލީ ވަހީދަށް އަމާޒުކޮށް ބައެއް މީހުން ބުނި ގޮތުގައި ބާރުތައް ލިބުމުން އާންމުންގެ މަތިން މިނިސްޓަރުން ހަނދާން ނެތެނީ އެވެ. އަދި ކުރީގެ ސަރުކާރާ އެއްގޮތަށް މި ސަރުކާރުން ވެސް ރިސޯޓު މުވައްޒަފުންނަށް އިހުމާލުވަމުން އަންނަ ކަމަށް އަނެއް ބަޔަކު ބުނެ އެވެ.

ފާޑު ކިޔުންތަކާ ގުޅިގެން އަލީ ވަހީދު ގޯސްކުރެއްވީ ނޫސްވެރިންނެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަބަރު ފަތުރަނީ އަސްލު ގެއްލޭ ގޮތަށް ކަމަށެވެ. އަދި މި ސަރުކާރުން ޓޫރިޒަމް ދާއިރާގެ ހުރިހާ ސްޓޭކް ހޮލްޑަރުންގެ ހައްގުތައް ވެސް ރައްކާތެރިކުރާނެ ކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދު ކުރެއްވި ޓްވީޓު--

"މިއަދުގެ ނިއުސް ކޮންފަރެންސްގައި ދެއްކި މުޅި ވާހަކައިގެ އަސްލު ގެއްލޭ ގޮތަށް ރައްޔިތުން މިސްލީޑް ކުރާތީ ހިތާމަކުރަން،" ޓްވީޓްގައި އަލީ ވަހީދު ލިއުއްވި އެވެ.

ސާވިސް ޗާޖާ ބެހޭ ގޮތުން "މިހާރު"ގައި ޖެހި ހަބަރާ ގުޅިގެން އެތައް ބަޔަކު މިނިސްޓަރަށް ފާޑުކިޔާފައިވެ އެވެ. މަލާމާތުގެ ގޮތަކަށް އެކަކު ބުނީ މިނިސްޓަރު އެ ވިދާޅުވަނީ "އެ ބުނާ ހައްޤު މިންވަރު" ކަމަށެވެ.

"ހޭ އަރާބަލަ ދިވެހިން!" އެ ވާހަކައާ ވިއްދައިގެން އޭނާ ލިއުނެވެ.

"އަތުގައި ކޭއްތެންޏާ ދަތުގައި ކޭއްތޭނޭ ބުނާ ބަސް ހަނދާންވަނީ. ދެން ބުނާނެ އެއްޗެއް ނެތް އަލީ ވަހީދަކަށް،" އެހެން ކިއުންތެރިޔަކު ކޮމެންޓްކުރި އެވެ.

"ހުރިހާ ކަމެއް ތިހިރީ ރަނގަޅަކަށްނު! އަވަހަށް އިސްތިޔުފާ ދެއްވާފައި ދުރުވޭ، އެހެން ބޭފުޅަކު އައިސް ކުރާނެ ކަންކަން ތިޔަތާ ތިހުރީ. މަހަކު 200 ޑޮލަރާއި 500 ޑޮލަރު ސާވިސް ޗާޖް ދޭ ރަށްތައް ބައިވަރު. ރަށް އޮންނަނީ 80 ޕަސަންޓް ފުލްވެފަޔޯ! ރޫމް ވިއްކާ އަގުތައް ދާދި އެއްހަމައަކު. އެކަމަކު ސާވިސް ޗާޖަށް ޖެހުނީމާ 100 ޕަސަންޓާއި 400 ޕަސަންޓުން ތަފާތު އެބަ ހުރޭ. މިއީ ބޮޑުވަރު."

އެހެން ކިއުންތެރިޔަކު ބުނި ގޮތުގައި ސާވިސް ޗާޖުގެ ވާހަކަ ނުދައްކާ ތިބެނީ ކޮންމެހެން "އެންމެ ރަނގަޅު މިންވަރު" ލިބޭތީއެއް ނޫނެވެ.

"ވަޒީފާގެ މަޖުބޫރުގައި މިތިބެނީ އަހަރުމެން ކޮންމެ ގޮތެއް ވަރިހަމަވެގެން. މާދަން ވެސް އަހަރުންގެ ހައްގު މިންވަރު ހޯދަން އުޅެފިއްޔާ ވަޒީފާއިން ކަނޑާލާފައި އެމީހުން އެތަނަށް ކޮންމެވެސް ބޭރު މީހަކު ލައިގެން ވެސް ރިސޯޓް ހިންގާނެ،" އެ ކިއުންތެރިޔާ ލިއުނެވެ.

"އަހަރުން ހައްގުގައި ބަސްބުނަން ހުންނަ މީހާ ތި ހުންނަނީ ރިސޯޓް އޯނަރު އާ އެއްތަށިން ފަރިއްކުޅުވާން."