މައްސަލަތައް ހައްލުކުރަން އެއްބައިވަންތަކަން އިސްކުރަން ޖެހޭ: ރައީސް

ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރަން، ސުނާމީ ކާރިސާގައި ރައްޔިތުން ދެއްކި އެއްބައިވަންތަކާއި އަޅައިލުމުގެ ނަމޫނާ ކުރިއަށް ނެރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގޮވާލައްވައިފި އެވެ.


މީގެ 15 އަހަރު ކުރިން 2004 ގެ މި ދުވަހު ރާއްޖެ އަށް އެރި ސުނާމީއާ ގުޅިގެން ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ކަރުނައިގެ ފުން ކަނޑަކަށް ޣަރަގު ކޮށްލި ގުދުރަތީ އެ ކާރިސާގައި ދިވެހި ރައްޔިތުން ކުރިއަށް ނެރުނީ އިސްލާމްދީނުގެ ރިވެތި ސިފަތައް ކަމަށެވެ. އެ ދުވަހު، އެއްބައިވަންތަކަމާއި އަޅައިލުމާއި ކެތްތެރިވުމާއި ތަހައްމަލް ކުރުމާއި މަސްލަހަތަށް ލޯބި ކުރުމާއި އަނެކުންނަށް އިސްކަން ދިން ރީތި މަންޒަރު ފެނުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ހިތްދަތި ވަގުތުގައި ވެސް އަޅުގަނޑުމެންގެ އެއް އާއިލާ، އަނެއް އާއިލާއަށް އެއް ރަށުގެ މީހުން އަނެއް ރަށުގެ މީހުންނަށް، ވެދިން އެހީތެރިކަމާއި ބެހެއްޓި އޯގާތެރިކަން. ސުނާމީގެ ހިތާމަ އާއި ހިތްދަތިކަމުން އަދި މާލީ ގޮތުންނާއި އުމްރާނީ ގޮތުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ވެސް އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން،" ރައީސް ވިދާޅުވި އެވެ.

އެ އެއްބައިވަންތަކަން ރާއްޖޭގެ އެކި ސަރަހައްދުތަކުން މިއަދު ފާހަގަކުރާ އިރު، އެ ނަމޫނާ އަދިވެސް ރައްޔިތުން ދެއްކުމަށް ރައީސް އެދިވަޑައިގަތެވެ.

ވިލުފުށީގައި ބޭއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރެގެން ނޫނީ ހައްލުކުރަން ދަތި ކިތަންމެ މައްސަލައެއް ރާއްޖޭގައި އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމާއި ދީނަށް އިހާނެތި ވުމާއި މާރާމާރީ އާއި ގޭންގް ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"މިފަދަ ކަންކަމަކީ ގާނޫނުތައް ނެތިގެން ނުވަތަ އަދަބުތައް ކަނޑައެޅިފައި ނެތިގެން ހިނގާ ކަންކަމެއް ނޫން. މި ބާވަތުގެ ކޮންމެ ކަމަކީ ވެސް ފަރުދީ ޒިންމާ އަށް އިހުމާލުވުމުގެ ނަތީޖާ. މުޖްތަމައުގެ މަސްލަހަތުގެ މައްޗަށް ތިމާގެ އަމިއްލަ ކަންކަން އިސްކުރުމުގެ ނަތީޖާ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަނެކަކުގެ ހައްގުތަކަށް އަރައިގަނެގެން ވިޔަސް އަމިއްލަ އެދުންތައް ހާސިލްކުރަން އުޅުމުން ގެއްލެނީ މުޅި މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަމެވެ.

މިއަދު އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ، މިފަދަ ހުރިހާ ކަމަކަށް ފާޅުގައި ދެކޮޅު ހަދައި، އެފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރުން. އެފަދަ ކަންކަން ސިއްރުނުކޮށް، ކަމާ ބެހޭ އިދާރާތަކާ އެފަދަ މައުލޫމާތު ހިއްސާކުރުން. --ރައީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކިތަންމެ ވަރަކަށް މި ވާހަކަތައް ދެއްކިއަސް މުޅި މުޖްތަމައު އެކުގައި މިފަދަ ކަންކަމާ ދެކޮޅަށް ތެދުވެގެން ނޫނީ ހައްލެއް ނުލިބޭނެ އެވެ.

"ރައީސްގެ ނަސޭހަތް"

ހަރުކަށިކަން އިސްކޮށް ނޭއްގާނީ ކަންކަން ކުރާ މީހުންނަށް ރައީސް މިއަދު ވަނީ ނަސޭހަތް ދެއްވައިފަ އެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ، އަދި ވަގުތު ފާއިތެއް ނުވެޔޭ. މިހާރު ތިޔަ ހިނގާ ނުރަނގަޅު މަގު ދޫކޮށް، އިސްލާހުގެ މަގު ޚިޔާރު ކުރާށޭ. އެކަހެރި ވުމާއި ވަކިވެގަތުމުގެ ގޮތްތައް ދޫކޮށް، އިޖްތިމާއީ މިންގަނޑުގެ ތެރެއަށް ވަނުމަށް ސަމާލުކަންދޭށޭ،" ރައީސް ވިދާޅުވި އެވެ.

"ތިޔަ އެންމެންނަކީ ވެސް ހަމަ މި ގައުމުގެ ރައްޔިތުން. އެއްވެސް ރައްޔިތަކަށް ދެރަ ގޮތެއް ވުމަކީ، އަޅުގަނޑު އެދޭ ގޮތެއް ނޫން. އިސްލާހުގެ މަގު ޚިޔާރު ކުރުމުން ދެދުނިޔޭގައި ވެސް ލިބޭނީ ކާމިޔާބާއި ބާއްޖަވެރިކަން."

އެންމެން އެއް އަޒުމެއްގައި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަން ވެސް ރައީސް ގޮވާލެއްވި އެވެ.

ސުނާމީ ކާރިސާ

- ރާއްޖެ އިން 82 މީހުން މަރުވެ، 26 މީހުން ގެއްލުނު.

- އެކިވަރުގެ ގެއްލުންތައް 190 ރަށަކަށް ލިބުނު.

- މީހުން ދިރިނޫޅެވޭވަރަށް ފަސް ރަށެއް ސުންނާފަތިވެގެން ދިޔަ.

- ގާތްގަނޑަކަށް 15،000 މީހުން ވަގުތީ ހިޔާތަކުގައި ދިރިއުޅެން ޖެހުނު.

- އަމިއްލަ ބޯހިޔާވަހިކަމެއް ބައެއް މީހުންނަށް ލިބުނީ އެތައް އަހަރެއް ފަހުން.

ވިލުފުށީގެ މަޝްރޫއުތައް ފެށޭނެ، ކާރިސާތަކަށް ތައްޔާރުވެ ތިބެންޖެހޭ

ވިލުފުއްޓަކީ ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެ ރަށް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފަސް އަހަރަށް ފަހު އެ ރަށުގައި ރައްޔިތުންނަށް ދިރިއުޅެން ފެށުނީ ބިން ހިއްކައި ރަށުގެ ފަސްގަނޑު އުސްކޮށް ވަށައިގެން ރިވެޓްމެންޓްޖަހައި މުޅިން އެހެން ރަށެއްގެ ގޮތުގައި ތަރައްގީކޮށްގެން ކަމަށެވެ.

ނަމަވެސް އަދިވެސް މި ރަށުގެ ހިމާޔަތަށް ކުރަންޖެހޭ ބައެއް ކަންތައް އެބަހުރި. މި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް، 4.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ޕްލޭންކޮށްފައި މިހާރު އެބައޮތް. މި ފެށޭ އަހަރުގެ ބަޖެޓްގައި އެ ފައިސާ އަޅުގަނޑުމެން ވާނީ ހިމަނާފައި. އަދި މިރަށުގައި ފަށާފައިވާ 56 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށް ވެސް، އަންނަ އަހަރުގެ ބަޖެޓްގައި މިހާރު ވަނީ ހިމެނިފައި. --ރައީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ އިތުރުން ވެސް އެ ރަށުގެ ތަރައްގީ އަށް އެހެން މަޝްރޫއުތައް ކުރިއަށް ދާނެ އެވެ. އޭގެ ތެރޭގައި އިޖްތިމާއީ މަރުކަޒު ތަރައްގީކުރުމާއި އާ ހޮސްޕިޓަލް އިމާރާތް ކުރުމާއި ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމާއި ފުޓްބޯޅަ ދަނޑާއި ސްކޫލްގެ ދެ ބުރި އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުން ހިމެނެ އެވެ.

ރައީސް ވިލުފުށީގައި: ސުނާމީ ކާރިސާގައި ދެއްކި އެއްބައިވަންތަކަން ދެއްކުމަށް ރައީސް ގޮވާލެއްވި. --ފޮޓޯ/ރައީސް އޮފީސް

މޫސުމީ ނުރައްކަލުގެ ތެރެއަށް ރާއްޖެ ވެސް ހުށަހެޅިފައިވާ މައްސަލަ އަކީ އެކަމަށް ސަމާލުވެ ރައްކާތެރިވާން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ހާދިސާތަކުން ސަލާމަތްވުމަށްޓަކައި ނުވަތަ ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަންކަން. ގައުމީ ފެންވަރުގައި ހައްލު ހޯދަން ޖެހޭ ކަންކަން. މި ހުރިހާ ކަމަކަށް ވުރެވެސް ދުރު މުސްތަގުބަލަށް ބަލާއިރު، ރާއްޖެއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން ފަސްގަނޑު ތިރި މި ޖަޒީރާތަކުގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސުނާމީގެ އަސަރު ރާއްޖެއަށް ކުރި ގޮތާއި ކުރި މިންވަރަށް ބެލުމުން، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ، ރާއްޖެއަށް ކިހާ ނުރައްކާތެރި ކަމެއްކަން ވަޒަންކޮށްލެވޭނެ ކަމަށެވެ. ރާއްޖެއާ 2500 ކިލޯމީޓަރު ދުރުގައި އުފެދުނު ސުނާމީއެއްގެ އަސަރު ރާއްޖެއަށް ކުރިއިރު، ރާއްޖޭގެ ބައެއް ރަށްރަށަށް، ބިމުން ފެށިގެން 14 ފޫޓު އުސްމިނަށް ލޮނުގަނޑު އުފުލިގެން ދިޔަ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"ހަމައެކަނި މި ހަގީގަތަށް ބަލައިލިޔަސް ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖޭގެ ދެމިއޮތުމަށް ކުރިމަތިވާނެ ކިހާ ބޮޑު ނުރައްކަލެއްކަން އަޅުގަނޑުމެންނަށް ވަޒަންކުރެވޭ. އެހެންވީމާ، މިފަދަ ހުރިހާ ނުރައްކާތަކާ ކުރިމަތިލުމުގައި އަޅުގަނޑުމެންގެ އެއްބައިވަންތަކަށް ވަރަށް ބޮޑަށް ކުރިއަށް ނެރެން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.