ދެއްކި ވާހަކައިގެ މާނަ އޮޅޭ ނަމަ މާފަށް އެދެން: އަލީ ވަހީދު

ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާ ގުޅޭ ގޮތުން މީޑިއާގައި އިއްޔެ ދެއްކެވި ވާހަކައިގެ މަފްހޫމް ނުވަތަ ނެގުނު މާނައެެއްގެ ސަބަބުން އެއްވެސް މީހެއްގެ ހިތުގައި ނުތަނަވަސް ކަމެއް އުފެދިފައިވާ ނަމަ އެ ވާހަކަތަކަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ މާފަށް އެދިވަޑައިގެންފި އެވެ.


މިނިސްޓަރު މިހެން ވިދާޅުވީ ސާވިސް ޗާޖާ ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަތަކުގެ މަހުފޫމް އޮޅޭ ގޮތަށް ނޫސްވެރިން ޚަބަރު ފެތުރި ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އިއުލާނާ އެކު ކުރެއްވި ޓްވީޓެއްގަ އެވެ. އޭނާ ވިދާޅުވީ ރިސޯޓުތަކުގެ މުވައްޒަފުންނާއި އެ އިންޑަސްޓްރީގެ މަސައްކަތް މަހުން މަހަށް މީޑިއާއާ ހިއްސާ ކުރައްވާ ކަމަށާއި ކުރެއްވި އިޚުލާސްތެރި މަސައްކަތް މިނާނީ ރައްޔިތުން ކަމަށެވެ.

އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓު--

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބައެއް ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ނުދޭތީ އެކަމާ ގުޅޭ ގޮތުން ދެންނެވި ސުވާލެއްގެ ޖަވާބުގައި އަލީ ވިދާޅުވީ، އެ ވާހަކަތައް ދައްކަނީ "ފޭކް އެކައުންޓްތައް" ހަދައިގެން އުޅޭ މަދު ބައެއް ކަމަށެވެ. އަދި ރާއްޖޭގެ ރިސޯޓުތަކުގައި ދިވެހި މުވައްޒަފުން ހިފަހައްޓާ މިންގަނޑާއި ސާވިސް ޗާޖުގެ މިންގަނޑު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ ރާއްޖޭގެ ކީ ވިޔަފާރިތައް ނުވަތަ މިއަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ކުންފުނިތަކަށް އަދި ބޭރުގެ ކުންފުނިތަކަށް ބަލައިލާއިރު ވެސް ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު،" މިނިސްޓަރު ވިދާޅުވި އެވެ.

"ބައެއް ފަހަރު ރިސޯޓުން ކަނޑާލީމާ އެ ކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމް މި ވަނީ. މި ޝަކުވާތައް ކޮށް ގިނަ ފަހަރު ޓްވީޓު ކޮށްފައި ވެސް ހުންނަނީ ވަގު އެކައުންޓުތަކުން."

އަލީ ވިދާޅުވީ، ރިސޯޓުތަކުން ސާވިސް ޗާޖު ދޭ މިންވަރު ފެންނަން އެބަހުރި ކަމަށާއި އެ ރެކޯޑުތައް ބަލައިލުމުން ވެސް ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅުކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އެއީ ހަގީގަތެއް ނަމަވެސް ސާވިސް ޗާޖު ދަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ދެއްކުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް އޭނާ ނޫސްވެރިންގެ ކުރިމަތީގައި ވިދާޅުވި އެވެ.

ރިސޯޓުތަކަށް ލިބޭ އާމްދަނީއާ ބަލާއިރު މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ކުޑަވުމާއި ބަރާބަރަށް އެ އިނާޔަތް ނުދޭ ކަމުގެ ޝަކުވާ އަކީ ހައްލެއް ނެތް ދާއިމީ ކަމަކަށް ވެފައިވާއިރު، ރިސޯޓުތަކުގެ ވެރިންނާއި އެ ތަންތަނުގެ މެނޭޖުމަންޓު ދިފާއު ކުރައްވައި ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ އަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އަލީގެ އިސްތިއުފާ އަށް ވެސް އެކި ޕްލެޓްފޯމުތަކުގައި ދަނީ ގޮވަމުންނެވެ.

އެހެންވެ، އެ ޕްރެޝަރުތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިނިސްޓަރު އަލީ ވިދާޅުވީ ޖުމްލަކޮށް ހުރިހާ ރިސޯޓެއްގެ ވާހަކަތައް ނޫން ކަމަށެވެ. އަދި ޖުމްލަކޮށް ރިސޯޓުތަކުން ސާވިސް ޗާޖު ދޭ ގޮތާ ގުޅޭގޮތުން ހިތްހަމަޖެހިވަޑައިގަންނަވާކަން ނުވަތަ ނޫން ކަން މިނިސްޓަރު ވިދާޅުވެފައި ނުވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެކަމަކު، އިއްޔެގެ ނިއުސް ކޮންފަރެންސްގައި އޭނާ ކަނޑައެޅިގެން ވިދާޅުވެފައި ވަނީ "ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު" ކަމަށެވެ. އަދި ސާވިސް ޗާޖުގެ މައްސަލައިގައި އަންނަ ޝަކުވާތަކާ ގުޅިގެން ބޮޑަށް ގޯސް ކުރެއްވީ އެ ޝަކުވާ ކުރާ މުވައްޒަފުން ކަން ވެސް އަލީގެ ވާހަކަތަކުން ދޭހަވެ އެވެ.

މިއީ ފެށުނީއްސުރެ ރިސޯޓުތަކުގެ ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން އަދި ގިނަ ބަޔަކު އެއްބަސް ނުވާ ބޮޑު މައްސަލަ އެކެވެ.

ސާވިސް ޗާޖާ ގުޅިގެން އިއްޔެ މިނިސްޓަރު ދެއްކެވި ވާހަކަތަކުގެ ސަބަބުން ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުންގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން މިހާރު މަގާމު ލިބުމުން ވި ވައުދުތައް ހަނދާން ނެތިއްޖެ ކަމަށާއި ވިޔަފާރިވެރިންގެ އަތްދަށު ވެފައިވާ ކަމަށް ބައެއް މުވައްޒަފުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ގިނަ ރިސޯޓުތަކުގައި އަދިވެސް ބިދޭސީން ގިނަ ކަމަށާއި "ޕެރިޓީ" ހިފަހައްޓާ ކަމަށް މިނިސްޓަރު ވިދާޅުވުމަކީ ވެސް ދޮގު ވާހަކަތަކެއް ކަމަށް ބައެއް މުވައްޒަފުން ދަނީ ބުނަމުންނެވެ. އަދި މިނިސްޓަރަށް ޓޫރިޒަމް ދާއިރާގެ ކަންތައްތައް ރަނގަޅަށް ނުބެއްލެވޭ ނަމަ އިސްތިއުފާ ދެއްވުމަށް ވެސް ރިސޯޓު މުވައްޒަފުން އަންނަނީ ގޮވާލަމުންނެވެ.

އިއްޔެގެ ނިއުސް ކޮންފަރެންސް ގައި އަލީ ވިދާޅުވީ، ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ ދިވެހިންގެ އަދަދު ކުރީގެ ސަރުކާރުން ނުބެލިޔަސް މިހާރު އެ ކަންތައް ބަލަ އެވެ. އޭގެ ނަތީޖާގެ އަލީގައި މިނިސްޓަރު ވިދާޅުވީ، ގިނަ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ދިވެހިންގެ ނިސްބަތް ރަނގަޅު ކަމަށެވެ. އަދި މިފަދަ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަރަށް ކުރިއްސުރެ އަންގާފައި ވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް 45-55 ޕަސެންޓާ ދެމެދު ހުންނަން ޖެހޭނެ ކަމަށެވެ.