އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ ސީ ޕްލޭން ޓާމިނަލް، މިހާރުގެ މާކެޓް އަގަށް ވުރެ ކުޑަކޮށް ކުއްޔަށް ދޫކުރުން ހުއްޓުވައިދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ ހަފުތާގައި މައްސަލައެއް ހުށަހަޅައިފި އެވެ.
އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަން އޭސީސީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ތުހުމަތުކުރި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުޑަ އަގުގައި ބިން ނަގައިގެން ޓޫރިސްޓު ލައުންޖް ހަދަން ރިސޯޓްތަކަށް ދީގެން ކުލީގެ ގޮތުގައި މިހާރު ވެސް އަހަރަކު 20 މިލިއަން ޑޮލަރު (309 މިލިއަން ރުފިޔާ އަށް) ވުރެން ބޮޑު އާމްދަނީއެއް ޓީއެމްއޭ އިން ނަގަ އެވެ. އަދި ވަކިވަކި ލައުންޖްތަކުން ޓީއެމްއޭ އަށް ލިބޭ އާމްދަނީގެ ތަފްސީލް ވެސް އޭސީސީ އަށް ހުށަހަޅާފައިވެ އެވެ.
މިހާރު ވެސް ބޮޑު ފައިދާއެއް ވަމުންދަނިކޮށް، އެމްއޭސީއެލްގެ ނިންމުމަކީ އާ ސީ ޕްލޭން ޓާމިނަލް ހިންގުން، ރާއްޖޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރުގެ ގޮތުގައި އޮތް ޓީއެމްއޭ އަށް ދޫކޮށްލުން ކަމަށް ބުނެ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި ސީ ޕްލޭން ޓާމިނަލްއާ ގުޅޭ އޮޑިޓް ރިޕޯޓުގައި ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފައިވެ އެވެ.
އޮޑިޓުން ފެންނަން އޮތް ގޮތުގައި، ވަކިވަކި ސީ ޕްލޭން އޮޕަރޭޓަރުންނާ އެމްއޭސީއެލް އިން މަޝްވަރާކޮށްފައިވާ އަގުތަކުގައި އެތަން ދޫކޮށްފި ނަމަ އަހަރަކު އެ ކުންފުންޏަށް ލިބޭނީ 5.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 86.5 މިލިއަން ރުފިޔާ) އެވެ. އެކަމަކު، އެމްއޭސީއެލް އިން އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުން އޮފީސް ހިންގުމަށާއި ޓޫރިސްޓުންނަށް ލައުންޖް ހަދަން ބިން ދޫކޮށްފައިވާ ރޭޓަށް އާ ސީ ޕްލޭން ޓާމިނަލް އިން ޖާގަ ދީފި ނަމަ އަހަރެއްގެ ތެރޭގައި އެމްއޭސީއެލް އަށް 47 މިލިއަން ޑޮލަރު (726 މިލިއަން ރުފިޔާ) ލިބޭނެ ކަަމަށް އޮޑިޓުގައި ލަފާކޮށްފައިވާ ކަން އޭސީސީގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ ޓާމިނަލް، މިހާރު އެމްއޭސީއެލް އިން މަޝްވަރާކުރަމުން އަންނަ ގޮތަށް މާކެޓް އަގަށް ވުރެ ކުޑަކޮށް ޓީއެމްއޭއަށް ދީފި ނަމަ، އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް އެމްއޭސީއެލް އަށް ގެއްލިދާނެ ކަން އޮޑިޓުން ވެސް ފެންނަން އޮތް ކަމަށެވެ.
މާކެޓް އަގުގައި، އާ ސީ ޕްލޭން ޓާމިނަލް އިން އޮފީސް ހިންގަން އަދި ލައުންޖް ހިންގަން ޖާގަ ދީގެން އެމްއޭސީއެލް އަށް ބޮޑު އާމްދަނީއެއް ލިބެން އޮއްވައި ބޭރުގެ ގައުމެއްގެ ބޮޑު ހިއްސާއެއް އަދި ދިވެހި އެންމެ ފަރުދެއްގެ ކުޑަ ހިއްސާއެއް އޮންނަ ޓީއެމްއޭ އަށް ހޯދައިދިނުމަށް އެމްއޭސީއެލްގެ މެނޭޖްމެންޓުން ނިންމާފައިވާ މައްސަލައަކީ ބޮޑު ހިޔާނާތެއް ކަމަށް، މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. މިގޮތަށް ދީފި ނަމަ އެމްއެމްޕީއާރުސީގެ ޚިޔާނާތާ އެއްވަރުގެ އަދަދެއް ގެއްލިދާނެ ކަމަށް ބުނެ އެކަން ހުއްޓުވައިދޭން ވެސް އޭސީސީ އަށް ވަނީ އެދިފަ އެވެ.
ސީ ޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން އެމްއޭސީއެލް އިން އެންމެ ފަހުން ބުނެފައި ވަނީ، އާ ޓާމިނަލްގެ ފުރަތަމަ ތިން އަހަރު އެތަން ހިންގާނީ މިހާރު ވެސް ހިންގާ ގޮތަށް، ސީ ޕްލޭން އޮޕަރޭޓްކުރާ ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށެވެ. އަދި ތިން އަހަރުގެ ތެރޭގައި މުޅި ޓާމިނަލާ ހަވާލުވާނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެފައިވެ އެވެ.
އެގޮތަށް އެމްއޭސީއެލުން ނިންމީ، ހާއްސަ އޮޑިޓް ހެދުމުގެ މަސައްކަތް ފެށި ފަހުންނެވެ.