އެންމެ ނާގާބިލް ސަރުކާރު ކަމަށް ވިދާޅުވެ ޖަމީލްގެ ޝަކުވާތައް އޮއްސާލައްވައިިފި

ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަކުން އުފެއްދި މި ވެރިކަމަކީ، މިހާތަނަށް މި ގައުމުގައި ވުޖޫދުވި އެންމެ ނާގާބިލް ސަރުކާރު ކަަމަށް ވިދާޅުވެ ޝަކުވާ ފުންޏަކުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މި އަހަރު ނިންމަވާލައްވައިފި އެވެ.


މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ނަމަވެސް ވަކި ހިސާބަކުން ޖަމީލް ވަނީ ފެއަށް ޖެހިވަޑައިގެންފަ އެވެ. ދެން ފެނުނީ، އެމަނިކުފާނު އެންމެ ބޮޑު ތުހުމަތުތަކެއް ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅިވަޑައިގެން މި ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ މަންޒަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެކި ސިޔާސަތުތަކަށް އަހަރު ތެރޭގައި ވަކިވަކިން ފާޑުވިދާޅުވަމުން ގެންދެވި ޖަމީލް މި އަހަރު ނިންމަވާލެއްވީ ޖުމްލަކޮށް، ސަރުކާރުގައި ހުރި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ހުރިހާ ގޯސްތަކެއް ދައްކަވަމުންނެވެ.

ފާޑުވިދާޅުވާން ފެއްޓެވީ އިގްތިސާދީ ހާލަތުންނެވެ.

ޖަމީލް ވިދާޅުވީ މި އަހަރު ނިމުނު އިރު އިގްތިސާދުގައި ދިރުމެއް ނެތް ކަމަށާއި ވިޔަފާރިތައް މަރުވެ، މީހުން ރޯން ފަށާފައިވާ ކަމަށެވެ. ބޮޑެތި ވައުދުތައް ވީ އިރު އާމްދަނީ އިތުރުކުރާނެ ގޮތްތަކެއް ނުހޯދި، ޓެކުހަށް އެކަނި ބަރޯސާވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މާނައެއް ނެތް ކުދިކުދި ކަންތައްތަކެއް ގުނުން ފިޔަވައި އުފެއްދުންތެރި ވިސްނުމެއް މި ސަރުކާރުގައެއް ނެތެވެ.

"މިއީ، މިހާތަނަށް ވުޖޫދުވި އެންމެ ނާގާބިލް ވެރިކަން. ކުޑަ ގައުމަކަށް ކުޅަދާނަ ނުވާ ވަރަށް ސިޔާސީ މަގާމްތައް އިތުރުކޮށްފި. ބަޖެޓަށް ވުރެ އެތައް ގުނައެއް އިތުރަށް ޚަރަދު ކުރުމަކީ މައްސަލައެއް ކަމަކަށް ނުދެކޭ. ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް،" ޖަމީލް ވިދާޅުވި އެވެ.

"ސިޓީ އަކަށް ޖަވާބު ނުލިބި ރައްޔިތު މީހާ ދާއިމީ އިންތިޒާރެއްގައި ހުންނަން ޖެހިފައި. އެތައް ކޮމިޝަންތަކެއް، ކޮމިޓީތަކެއް އުފެއްދިޔަސް ޚިދުމަތް ފެއިލް ވެފައި. ހައްގުތައް ކަށަވަރު ކޮށްދޭން، ވީ ވައުދުތައް ވީ ބިލާހަކަށް. ހިޔާލު ފާޅުކޮށްފި ނަމަ އަދިވެސް ވަޒީފާ ގެއްލޭ."

ޖަމީލް ވިދާޅުވީ މިނިވަން ކޮމިޝަންތަކުގެ ވެރިން ހަރަކާތްތެރި ވަނީ ކުރިއެކޭ ވެސް އެއްގޮތަށް ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައި ކަމަށެވެ. ޝަރުއީ ދާއިރާގައި ބަދަލުވީ ހަމައެކަނި މޫނުތައް ކަމަށާއި ދައުލަތުގެ ވެރިޔަކީ ކޮން ބޭފުޅެއް ކަން ނޭނގޭ ހިސާބަށް ކަންކަން ހިނގައްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ، މިހާތަނަށް ވުޖޫދުވި އެންމެ ނާގާބިލް ވެރިކަން. ކުޑަ ގައުމަކަށް ކުޅަދާނަ ނުވާ ވަރަށް ސިޔާސީ މަގާމްތައް އިތުރުކޮށްފި. ބަޖެޓަށް ވުރެ އެތައް ގުނައެއް އިތުރަށް ޚަރަދު ކުރުމަކީ މައްސަލައެއް ކަމަކަށް ނުދެކޭ. ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް،" ޖަމީލް

"ބަދަލު ދިނުމުގެ ނަމުގައި ކޮރަޕްޝަންގެ ދޮރު ހުޅުވާލާފައި. ދައުލަތުގެ މުދަލުން ޕާޓީ އަށް ކެމްޕެއިން ކޮށްދިނީ އެންމެ އިސް ފަރާތުން. ޓްރާންސްޕޭރެންސީއެއް ނެތި މަޝްރޫއުތައް ދިނުން ވަނީ ސިޔާސަތަކަށް ހަދާފައި. ސަރުކާރު ތެރޭގައި ގޭންގް ހަދައިގެން ކޮރަޕްޝަން ހިންގާ ގްރޫޕެއް އެބައޮތް،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް، މި ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވީ ވެރިކަން ފެށުނުތާ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގަ އެވެ. މިކަމާ ހެދި އިދިކޮޅުން ޖަމީލަށް ފާޑުކިއުން އަމާޒުކުރެ އެވެ.

އެ ތުހުމަތުތަކަށް ޖަމީލް ވިދާޅުވެފައި ވަނީ ވެރިކަން ފެށުމާ އެކު ވެސް މި ސަރުކާރުގެ މިސްރާބު ފެނިވަޑައިގަތީ ގޯސްކޮށް ކަަމަށެވެ. އޭގެ އެއް މިސާލުގެ ގޮތުގައި ޖަމީލް ދައްކަވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެކުގައި ވާދަކުރަން ކޯލިޝަންގެ ލީޑަރުން ވެވަޑައިގަތް ވައުދާ ދެކޮޅަށް އެމްޑީޕީން ނުކުތުމެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދާ އެއްގޮތަށް ކޯލިޝަންގެ ލީޑަރުން ގޮވައިގެން އުޅުއްވާ މަންޒަރު ވެސް ނުފެންނަ ކަމަށެވެ.