ކުޅުދުއްފުށި، ސިޓީއަކަށް ބަދަލުކުރުމާ މެދު މިއަދު ގޮތެއް ނިންމަނީ

ހދ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމާމެދު މިއަދު ގޮތެއް ނިންމައި އެކަން އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އެރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ގާނޫނު ބުނާގޮތުން، އެ އަދަދަށް މީހުން ހަމަވެއްޖެ ނަމަ ސިޓީއެއްގެ ދަރަޖަށް ދެވޭނެ އެވެ. އެ ރަށް ސިޓީ އަކަށް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ދެންމެ ވިދާޅުވީ، އެކަމާ މެދު ގޮތެއް ނިންމައި ކުރިއަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށެވެ.

ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ދިނުމާ މެދު ސަރުކާރުން ނިންމާނެ ގޮތެއް އަދި ސާފެއް ނޫނެވެ. ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި އެ ރަށަށް ސިޓީގެ ދަރަޖަ ދޭނެ އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިއުލާން ކުރިއިރު، ކުޅުދުއްޓަށް އިންތިޚާބު ކުރަން ނިންމާފައިވަނީ ރަށު ކައުންސިލެކެވެ. އެހެންވެ، އެ ރަށުގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އިހުތިޖާޖު ކުރަން ވެސް ނިންމި އެވެ.

ކުޅުދުއްފުށީ ރަށު ކައުންސިލްގެ ރައީސް އަބްދުލް ލަތީފް "މިހާރު" އަށް އިއްޔެ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެ ރަށަށް އިންތިޚާބު ކުރާނީ ސިޓީ ކައުންސިލެއް ކަމުގެ ޔަގީންކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ދީފައިވާ ކަމަށެވެ. އެއާ އެކު، އިހުތިތާޖު ނުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެން އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުއްޓަށް އިންތިޚާބު ކުރުމަށް އިއުލާން ކުރީ ހަތް ކައުންސިލަރުންނެވެ. ސިޓީ އަކަށް ބަދަލުވި ނަމަވެސް އިންތިޚާބު ކުރާނީ ހަތް ކައުންސިލަރުންނެވެ.