އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވައުދުވެވަޑައިގެންނެވި ޓްރެއިނިންތަކަށް ދިވެހި ފުލުހުން އިންޑިއާ އަށް ފުރަން ފަށައިފި އެވެ.
ދިވެހި ފުލުހުން ތަމްރީން ހަދަމުން އަންނަނީ ގުޖުރާތު ފޮރެންސިކް ސައިންސް ޔުނިވާސިޓީންނެވެ. ދިހަ ދުވަހުގެ އެ ތަމްރީންތަކުގައި ބައިވެރިވި ދިވެހި ފުލުހުންގެ ފުރަތަމަ ބެޗުގެ 20 ފުލުހުން މިހާރު ތިބީ އިންޑިއާގަ އެވެ. "ފިންގާ ޕްރިންޓް ޑީއެންއޭ" އާ ގުޅޭ އެ ތަމްރީން ނިމޭނީ ހުކުރު ދުވަހު އެވެ.
ދެވަނަ ބެޗްގައި ހިމެނޭ 20 ފުލުހުންގެ ޓީމުގެ ތަމްރީން ފަށަން ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ. އެ ފުލުހުން ޓްރެއިނިން ހަދަނީ "ކްރައިމް ސީން މެނޭޖްމަންޓް"އާ ގުޅޭގޮތުންނެވެ.
ދެ ވަނަ ބެޗުގެ ފުލުހުން މިއަދު ވަނީ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރާ ބައްދަލު ކުރައްވައިފަ އެވެ.
"ކޮމްޕިއުޓާ ފޮރެންސިކާއި ސައިބާ ސެކިއުރިޓީ" އަދި "ފޮރެންސިކް ކެމިސްޓްރީ"ގެ ދާއިރާ އިން އިތުރު ފުލުހުންތަކެއް ތަމްރީން ކުރުމަށް ވެސް އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.
ދިވެހި ފުލުހުންނަށް ޓްރެއިނިން 100 ފުރުސަތު ދިނުމަށް މޯދީ ވަނީ ވައުދުވެވަޑައިގެންފަ އެވެ.