ތައުލީމީ އާ އަހަރު، އާ އުއްމީދުތަކަކާ އެކު

ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު 83،000 އެއްހާ ދަރިވަރުން ސްކޫލުގެ ދޮރާށިން ވަދެގެން ދިޔައީ ދިރާސީ އާ އަހަރަށް މަރުހަބާ ކިޔަމުންނެވެ. ތައުލީމީ އާ އަހަރަށް ސްކޫލު ޒީނަތްތެރިކޮށް، ވަސީލަތްތައް ހަމަކޮށް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ވަނީ ކިޔެވުން ފަށައިފަ އެވެ.


އެޑިއުކޭޝަން މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި ސަރުކާރުގެ ސްކޫލްތަކުގައި މި އަހަރު ކިޔަވާނީ 73،067 ކުދިންނެވެ. އަމިއްލަ ސްކޫލުތަކާ އެކު އެ އަދަދު 83،000 އާ ގާތްކުރެ އެވެ. ޖުމްލަ 212 ސްކޫލެއްގައި މި އަހަރު ކިޔަވައި ދޭނެ އެވެ.

ތައުލީމީ އާ އަހަރާ ގުޅޭ ގޮތުން ރާއްޖޭގެ އެންމެ ދުވަސް ވީ ސްކޫލު، މަޖީދިއްޔާގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ވިދާޅުވީ މިއީ، ދެ ޖިންސް އެއްކޮށް ކިޔަވައިދޭން ފެށި އިރު މަޖީދިއްޔާއިން ތައުލީމީ ބިންގާ އެޅި ދަރިވަރުން އޯ ލެވެލް ނިންމާނެ އަހަރު ކަމަށެވެ. އެހެންވެ އެ ދަރިވަރުންގެ ފަރާތުން ގިނަ އުއްމީދުތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އިސްކަންދިނުމުގައި އޮންނާނީ މިދިޔަ އަހަރަށް ވުރެ މި އަހަރުގެ އެކަޑެމިކް ނަތީޖާ ކުރިއަށް ޖެއްސުން. ހުރިހާ ގޮތަކުން ވެސް ތައުލީމީ ޓާގެޓު ކުރިއަށް ޖައްސާފައި ހުންނާނީ،" ގާތްގަނޑަކަށް 1،480 ދަރިވަރުން ތިބި ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ދަރިވަރުންގެ ފެންވަރު މަތިކޮށް ބައިނަލްއަގުވާމީ އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަކީ މި އަހަރު އެންމެ އިސްކަންދޭނެ އެއް ކަންތައް ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް މިއަދު ދަރިވަރުން ސްކޫލަށް ހާޒިރުވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

މިއީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12އާ ހަމައަށް އަހުމަދިއްޔާގައި ކިޔަވައިދޭން ފަށާ އަހަރެވެ. އަދި މިއީ މާލޭގައި ޕްރީ ސްކޫލުން ފަށައިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވައިދޭނެ ހަމައެކަނި ސްކޫލް ވެސް މެ އެވެ.

މިހާރު 2،900 ދަރިވަރުން ތިބި ސްކޫލުން މި އަހަރު ފެންނާނެ އެންމެ ބޮޑު ބަދަލަކީ، ރަޝީދު ވިދާޅުވި ގޮތުގައި، ކިޔަވައިދޭ ގޮތް ބަދަލުކޮށް ދަރިވަރުންނާ ވީހާ ވެސް ރައްޓެހި މާހައުލެއްގައި ކިޔަވައިދިނުމުގެ އުސޫލެއް ގާއިމްކުރުމެވެ.

"ކުދިން، ޓީޗަރުންނާ އެކީގައި ކިޔަވައިދިނުމުގެ ތެރޭގައި ބައިވެރިވެގެން ކުދިން ދަސްވުމުގެ އުސޫލު އޮންނާނީ. ފިލާވަޅުގައި ބައިވެރިނުވެ ކިޔަވައިދިނުމުގެ ބަދަލުގައި ކޮންމެ ކުއްޖަކީ ވެސް އެ ދުވަހަކު ޓީޗަރަކު ކިޔަވައިދޭ ފިލާވަޅެއްގައި ބައިވެރިވެގެން ޓިޗަރާ އެކީގައި ކުރިއަށްދާ ގޮތަށް ފިލާވަޅުތައް ބައްޓަންކުރެވިގެން ދާނީ،" ރަޝީދު ވިދާޅުވި އެވެ.

އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ރަޝީދު "މިހާރު" އަށް އިންޓަވިއުދެއްވަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވީ ސްކޫލަކީ ހަމައެކަނި ފޮތުގައި އޮންނަ ދެލިގަނޑު ކިޔަވައިދޭ ތަނެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ދިރިއުޅުމަށް ކުދިން ތައްޔާރުކުރުމަށް މި އަހަރު ހާއްސަ އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުއްޖާ ކޮންމެހެން އޯ ލެވެލް އިން އެއްވަނަ ހޯދައިގެންނެއް ނޫން މުޖުތަމައުއަށް ފައިދާވާނީކީ. އެ ކުއްޖާއަކީ ރަނގަޅު އަހުލާގެއްގައި ހުރި، ކިޔެވުމާ އެއްކޮށް އެ ކުއްޖާއަށް މީހުންގެ ތެރޭގައި އުޅެން އެނގޭ ކުއްޖަކަށް ވެގެން. އޮފީސް މައިދާނަށް ވަދެފައި ވެސް އެ ކުއްޖާއަކީ އެހެން މީހުންނާ އެކީގައި އުޅެން އެނގޭ މީހަކަށް ވުމަކީ ވަރަށް މުހިއްމު ކަމެއް،" ރިންޒީ ވިދާޅުވި އެވެ.

"އޯވަރޯލް ޑިވެލޮޕްމަންޓަށް އަޅުގަނޑުމެން ކުދިން ތައްޔާރުކުރަނީ."

އޭނާ ވިދާޅުވީ ޓީޗަރުންނާއި ވަސީލަތްތައް ވެސް ސްކޫލަށް ފުރިހަމަވެފައިވާ ކަމަށެވެ. މިއީ ހިރިޔާއިން ގްރޭޑު އެކެއް ފެށި ބެޗް، އޯ ލެވެލް ހަދާ ފުރަތަމަ އަހަރު ވެސް މެ އެވެ.

ހުރިހާ ސްކޫލެއްގެ ވެރިން ވެސް ތިބީ އާ އުއްމީދުތަކަކާ އެކު އާ ނަތީޖާތަކަކަށް ބަލަބަލަ އެވެ. ދަރިވަރުން ހިންތުންވުންތަކާ އެކު ސްކޫލްގެ ދޮރުން ވަދެގެން ދިޔައީ، މުސްތަގުބަލަށް އަޅާ ބިންގާ މި އަހަރު ކުރިއަށް ވުރެ ވަރުގަދަކުރުމުގެ އަޒުމުގަ އެވެ.