ޚަބަރު / ދިރާސީ އާ އަހަރު

ތައުލީމީ އާ އަހަރު، އާ އުއްމީދުތަކަކާ އެކު

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް މިއަދު ހާޒިރުވި ދަރިވަރުންތަކަކާ އެކު ޓީޗަރަކު ހުއްޓިލައިގެން. -- ފޮޓޯ: ނިޝާން އަލީ / މިހާރު

12 ޖެނުއަރީ 2020 - 08:31

8 comments
happy icon 81%

ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު 83،000 އެއްހާ ދަރިވަރުން ސްކޫލުގެ ދޮރާށިން ވަދެގެން ދިޔައީ ދިރާސީ އާ އަހަރަށް މަރުހަބާ ކިޔަމުންނެވެ. ތައުލީމީ އާ އަހަރަށް ސްކޫލު ޒީނަތްތެރިކޮށް، ވަސީލަތްތައް ހަމަކޮށް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ވަނީ ކިޔެވުން ފަށައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި ސަރުކާރުގެ ސްކޫލްތަކުގައި މި އަހަރު ކިޔަވާނީ 73،067 ކުދިންނެވެ. އަމިއްލަ ސްކޫލުތަކާ އެކު އެ އަދަދު 83،000 އާ ގާތްކުރެ އެވެ. ޖުމްލަ 212 ސްކޫލެއްގައި މި އަހަރު ކިޔަވައި ދޭނެ އެވެ.

ތައުލީމީ އާ އަހަރާ ގުޅޭ ގޮތުން ރާއްޖޭގެ އެންމެ ދުވަސް ވީ ސްކޫލު، މަޖީދިއްޔާގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ވިދާޅުވީ މިއީ، ދެ ޖިންސް އެއްކޮށް ކިޔަވައިދޭން ފެށި އިރު މަޖީދިއްޔާއިން ތައުލީމީ ބިންގާ އެޅި ދަރިވަރުން އޯ ލެވެލް ނިންމާނެ އަހަރު ކަމަށެވެ. އެހެންވެ އެ ދަރިވަރުންގެ ފަރާތުން ގިނަ އުއްމީދުތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އިސްކަންދިނުމުގައި އޮންނާނީ މިދިޔަ އަހަރަށް ވުރެ މި އަހަރުގެ އެކަޑެމިކް ނަތީޖާ ކުރިއަށް ޖެއްސުން. ހުރިހާ ގޮތަކުން ވެސް ތައުލީމީ ޓާގެޓު ކުރިއަށް ޖައްސާފައި ހުންނާނީ،" ގާތްގަނޑަކަށް 1،480 ދަރިވަރުން ތިބި ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ދަރިވަރުންގެ ފެންވަރު މަތިކޮށް ބައިނަލްއަގުވާމީ އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަކީ މި އަހަރު އެންމެ އިސްކަންދޭނެ އެއް ކަންތައް ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް މިއަދު ދަރިވަރުން ސްކޫލަށް ހާޒިރުވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

މިއީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12އާ ހަމައަށް އަހުމަދިއްޔާގައި ކިޔަވައިދޭން ފަށާ އަހަރެވެ. އަދި މިއީ މާލޭގައި ޕްރީ ސްކޫލުން ފަށައިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވައިދޭނެ ހަމައެކަނި ސްކޫލް ވެސް މެ އެވެ.

މިހާރު 2،900 ދަރިވަރުން ތިބި ސްކޫލުން މި އަހަރު ފެންނާނެ އެންމެ ބޮޑު ބަދަލަކީ، ރަޝީދު ވިދާޅުވި ގޮތުގައި، ކިޔަވައިދޭ ގޮތް ބަދަލުކޮށް ދަރިވަރުންނާ ވީހާ ވެސް ރައްޓެހި މާހައުލެއްގައި ކިޔަވައިދިނުމުގެ އުސޫލެއް ގާއިމްކުރުމެވެ.

"ކުދިން، ޓީޗަރުންނާ އެކީގައި ކިޔަވައިދިނުމުގެ ތެރޭގައި ބައިވެރިވެގެން ކުދިން ދަސްވުމުގެ އުސޫލު އޮންނާނީ. ފިލާވަޅުގައި ބައިވެރިނުވެ ކިޔަވައިދިނުމުގެ ބަދަލުގައި ކޮންމެ ކުއްޖަކީ ވެސް އެ ދުވަހަކު ޓީޗަރަކު ކިޔަވައިދޭ ފިލާވަޅެއްގައި ބައިވެރިވެގެން ޓިޗަރާ އެކީގައި ކުރިއަށްދާ ގޮތަށް ފިލާވަޅުތައް ބައްޓަންކުރެވިގެން ދާނީ،" ރަޝީދު ވިދާޅުވި އެވެ.

އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ރަޝީދު "މިހާރު" އަށް އިންޓަވިއުދެއްވަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވީ ސްކޫލަކީ ހަމައެކަނި ފޮތުގައި އޮންނަ ދެލިގަނޑު ކިޔަވައިދޭ ތަނެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ދިރިއުޅުމަށް ކުދިން ތައްޔާރުކުރުމަށް މި އަހަރު ހާއްސަ އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުއްޖާ ކޮންމެހެން އޯ ލެވެލް އިން އެއްވަނަ ހޯދައިގެންނެއް ނޫން މުޖުތަމައުއަށް ފައިދާވާނީކީ. އެ ކުއްޖާއަކީ ރަނގަޅު އަހުލާގެއްގައި ހުރި، ކިޔެވުމާ އެއްކޮށް އެ ކުއްޖާއަށް މީހުންގެ ތެރޭގައި އުޅެން އެނގޭ ކުއްޖަކަށް ވެގެން. އޮފީސް މައިދާނަށް ވަދެފައި ވެސް އެ ކުއްޖާއަކީ އެހެން މީހުންނާ އެކީގައި އުޅެން އެނގޭ މީހަކަށް ވުމަކީ ވަރަށް މުހިއްމު ކަމެއް،" ރިންޒީ ވިދާޅުވި އެވެ.

"އޯވަރޯލް ޑިވެލޮޕްމަންޓަށް އަޅުގަނޑުމެން ކުދިން ތައްޔާރުކުރަނީ."

އޭނާ ވިދާޅުވީ ޓީޗަރުންނާއި ވަސީލަތްތައް ވެސް ސްކޫލަށް ފުރިހަމަވެފައިވާ ކަމަށެވެ. މިއީ ހިރިޔާއިން ގްރޭޑު އެކެއް ފެށި ބެޗް، އޯ ލެވެލް ހަދާ ފުރަތަމަ އަހަރު ވެސް މެ އެވެ.

ހުރިހާ ސްކޫލެއްގެ ވެރިން ވެސް ތިބީ އާ އުއްމީދުތަކަކާ އެކު އާ ނަތީޖާތަކަކަށް ބަލަބަލަ އެވެ. ދަރިވަރުން ހިންތުންވުންތަކާ އެކު ސްކޫލްގެ ދޮރުން ވަދެގެން ދިޔައީ، މުސްތަގުބަލަށް އަޅާ ބިންގާ މި އަހަރު ކުރިއަށް ވުރެ ވަރުގަދަކުރުމުގެ އަޒުމުގަ އެވެ.

8 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 13%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މމރަގަޅު ގޮތެއް

12 January 2020

އަހު މަދިއްޔާ އަށް ވަންނަން ބޭނުންވާ ހުރިހާ ކުދިންނަށް ވަދެވޭ ވަރުގެ ޖާގަ ތަނަވަސް ސްކޫލަކަށް ހެދު މަށް ޓަކައި އަހު މަދިއްޔާ މެނޭޖް މަންޓަށް ގަލޮޅު ަމދަރުސާ ވެސް ޙަވާލު ކުރަންފެނޭ. އެއްވަރު ދެ އި މާރާތްވީ މަ އެއްތާ 2900 ކުދިންނަށް އުގަންނައިދޭރު އަނެއްތާ ހަ މައެކަނި ޕްރީސްކޫލަކާއި ޤުރުއާން ކުލާހެއް. މި ލިޔުން ކީ މަ ހިތަށް އައި އެއްޗެއް ބުނެލީ

The name is already taken The name is available. Register?

ހަކީމާ

12 January 2020

ކޮބާތޯ އުންމީދަކީ؟ ދަރިންނަށް ކިޔަވާދޭން މައިންބަފައިން ކުރާ ބުރަމަސައްކަތުން ދައްކާ ޓެކްސް އިން އަދި ދަރިން ތައުލީމު ދީ މޮޅު ކުރީމަ ކޮންމެ ސަރުކާރަކުންވެސް ތަނެއްދޮރެއް ނޭގޭ ތިމާ ޕާޓީގެ އެކްޓިވިސްޓުން 35،000 އިން 50،000 ރ މަހަކު މުސާރަ ދީފަ ތިބެނީ ގައުމުގެ ސިޔާސަތު ހަދަން ކުންފުނިތައް ހިންގަން. ނޫނީ ރައީސްގެ އާއިލީ ބޭފުޅެއް. ބަލާބަލަ އައިލެންޑް އޭވިއޭޝަން. ނޫނީ ވުޒާރާތަށް. ޓުވިޓާރގަ މީހުންނަށް މަލާމާތް ކުރި އެކްޓިވިސްޓުން ބޮޑު މުސާރަގައި!

The name is already taken The name is available. Register?

ފޫހި

12 January 2020

ކޮން އުއްމީދެއްތަ ކުރެވޭނީ. އިންޑިއާއިން މުޅިން ޓީޗަރުން ގެންނަނީ. އެމީހުންނަކީ ފޭކް ޑިގްރީތައް ނަގައިގެން ރިޝްވަތުދީގެން ޖޮބް ހޯދާބައެއް. މާލޭގައި ހުންނަ އިންޑިއާ އެމްބަސީވަނީ އިންޑިއާ މީހުންނަށް ވަޒީފާ ހޯދައިދިނުމަށާއި އެމީހުންގެ ކުންފުނިތަކަށް ޕްރޮޖެކްޓް ހޯދައިދިނުމަށް ފޫގަޅާފަ. ދެން ކިޔަވައިގެން ނުކުންނަ ދަރިވަރުވީ ބިދޭސީ އެއް ދޭ ވަޒީފާއަށްދާން. ގައުމުގެ ނިޒާމުތައް ރަނގަޅުކުރަންވެއްޖެ. ދިވެހިން ބާރުވެރިކުރުވަން ވެއްޖެ.

The name is already taken The name is available. Register?

ޢަހު

12 January 2020

ޢިތުރުވާހަކަ ނުދައްކާ މުސާރަ ބޮޑުކުރޭ. ކޮން ބޭކާރު ވާހަކައެއް ތިދައްކަނީ!!!

The name is already taken The name is available. Register?

ހަމައަހާލީ

12 January 2020

އަސްތާ އަހްމަދިއްޔާ ސްކޫލް ޕްރިންސިޕަލަކަށް މިހުންނަވަނީ ރައްޔިތުން މަޖިލިސް މުވައްޒަފެއް. ޒިންމާދާރު ދެތަނެއްގެ ދެވަޒީފާގައި އެކަކު. އެކަށޭނަ ޚިދުމަތް އެއްތާކަށްވެސް ލިބޭނެބާ؟

The name is already taken The name is available. Register?

ހަމަބުނެލީ..

12 January 2020

ހަސަދައިގެ ބަހެއް. ދެތަނުގައި ވަޒީފާ އަދާކުރާމީހާ ހުރި ސްކޫލަކީ މިއަދު އެހެންސްކޫލްތަކަށް ނަމޫނާ ސްކޫލަކަށްވެފައިވަނީ. ހޯދާ ނަތީޖާތަކުންވެސް ރާއްޖޭގެ އެއްވަނަ ސްކޫލަކީ އަހުމަދިއްޔާކަމުގައި ގަބޫލުކުރެވޭ. އަޑުއަހާފައިވާގޮތުގައި މަޖުލީހުގައިވެސް ވަރަށް ޒިންމާދާރު މީހެއް އެއީ. މަޖުލީހަށް ގެނެވުނު އިދާރީ އިސްލާހްތަކުގައި އަމީންއާންމު ނަޝީދާއެކު އެންމެބޮޑު މަސައްކަތެއްކުރީ އޭނަ. ގާބިލްމީހުންގެ ގާބިލްކަން ފެންނާނެ. ހަސަދަވެރި ނުވެ ތިމާގާބިލް މީހަކަށްވޭ

The name is already taken The name is available. Register?

ސޯލިހުކިޔާތީ

12 January 2020

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކަމަށް ލިއެފައެއޮތީ އައިޝަތު މުހައްމަދު ސޯލިހު. މިއީ އަނެއްކާ ރައީސްގެ އާއިލާ ބޭފުޅެއްތަ؟

The name is already taken The name is available. Register?

ރައްޔިތުމީހާ

12 January 2020

މިމީހުން ތަންތަނަށް ދަތުރު ކުރުންނޫން ކަމެއް އެބަކުރޭތަ? އެހެންތަޅާ ބުރުއްސައިގެން ބަޖެޓު ހުލިކުރަނީ. ހަމަ ބުރުޖަހާލަން ވީމަ ކޮންމެސް އެއްޗެއް ކިޔާފަ އެބަ ނައްޓާލާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!