ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލްގެ ޑޮކް ކައިރިން ޓީއެމްއޭގެ ބޯޓެއް ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
16 ޖެނުއަރީ 2020 - 08:55
ރައްޔިތުންގެ ކަންބޮޑުވުން އޮތަސް، އެމްޕީޑީގެ ބަައެއް މެމްބަރުން ފާޅުގައި ދެކޮޅު ހެއްދެވިޔަސް، އަދި އެކަމުގައި ހުރި މާލީ ބޮޑު އުނިކަން އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން ފެންނަން އޮތަސް، އާ ސީޕްލޭން ޓާމިނަލް، ޓީއެމްއޭއާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް، މައުލޫމާތު ހުރި ބައެއް ފަރާތްތަކުން މިއަދު ބުނެފި އެވެ.
ސީޕްލޭން އޮޕަރޭޓް ކުރާ ދިވެހި ކުންފުނިތައް ވެސް އޮއްވައި، އެ ފަރާތްތަކަށް މާކެޓްގެ ވާދަވެރިކަން ހަނިވާ ގޮތަށް ހަމައެކަނި ޓީއެމްއޭއަށް، އާ ސީޕްލޭން ޓާމިނަލް ދިނުމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުއްލަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެމްއޭސީއެލްގެ ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއޭއާ ހަވާލުކުރާނެ ކަމަށް މައުލޫމާތު އެބަ ލިބޭ" ކަމަށެވެ.
އެ ވާހަކައާ އެކު އޭނާ ވަނީ އެފަދަ ނިންމުމެއް ނިންމާ ބަޔަކު ޖަވާބުދާރީކުރުވަން ފަސްނުޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރެއް ވެސް ދެއްވައިފަ އެވެ.
"ދައުލަތަށް ގެއްލުންވާ ގޮތަށް އެތަން ޓީއެމްއޭއާ ހަވާލުކޮށްފި ނަމަ އެބަޔަކު ޖަވާބުދާރީކުރުވަން އަޅުގަނޑު ފަސްނުޖެހޭނަން. މާލިއްޔަތު ކޮމިޓީ އިން މިކަން ބަލާ ފިޔަވަޅު އަޅާނަން،" އެ ކޮމިޓީގެ ވެސް މެމްބަރު ޔައުގޫބު ލިއުއްވި އެވެ.
MACL ge Seaplane Terminal v avahah TMA aa havaalukuraanekamah mauloomaath ebalibey. Dhaulathah gellunvaagothah Ethan TMA aa havaalukoffinama ebayaku javaabudhaareekuruvan alhugandu fasnujeheynan. Maaliyyath committee in mikan balaa fiyavalhu alhaanan. @ACC_Maldives @Mihaarunews
— Yaugoob Abdulla (@Yaugoob181) January 15, 2020
އެކަމަކު، ޔައުގޫބުގެ އެ ވާހަކައަށް އެމްއޭސީއެލުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ. އެމްއޭސީއެލުން އެހާ ބޮޑު ހޭދައެއްކޮށް ހެދި ތަނެއް، އެންމެ ކުންފުންޏެއްގެ ބާރު އޮންނަ ގޮތަށް ދިނުމުގެ މައްސަލާގައި، މިހާތަނަށް ސާފު މައުލޫމާތެއް ވެސް، އެމްއޭސީއެލުން ހާމަކުރަމުންނެއް ނުދެ އެވެ.
މާލިއްޔަތު ކޮމިޓީގެ އެދުމަކަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ތައްޔާރު ކުރެއްވި ހާއްސަ ރިޕޯޓުން އެނގޭ ގޮތުގައި، އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ކުރި މަޝްވަރާތަކުން އެނގެނީ އާ ސީޕްލޭން ޓާމިނަލް ދޭން އުޅެނީ އެމްއޭސީއެލަށް މާލީ ބޮޑު އާމްދަނީއެއް ގެއްލޭ ގޮތަށް ކަމަށެވެ.
އެ ރިޕޯޓްގައި އެންމެ ބޮޑަށް ފާހަގަކޮށްފައި އޮތީ، މިހާރު ވެސް ސީޕްލޭން ޓާމިނަލުން ލައުންޖުތައް ކުއްޔަށް ދޭ އަގަށް ވުރެ މާ ކުޑަކޮށް އެތަންތަން ދިނުމާއި ޓާމިނަލްގެ އެހެން ބައިތައް ވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެހެން ވިޔަފާރިތަކަށް ދީފައިވާ މާކެޓް އަގަށް ވުރެ މާ ކުޑަ އަގެއްގައި ދޭން ވާހަކަ ދައްކާ އަދި ޑްރާފްޓް އެގްރިމެންޓެއް ވެސް ޓީއެމްއޭއަށް ހުށައަޅާފައިވާ ކަމެވެ.
ކުރިން ވާހަކަ ދައްކާފައި އޮތް އަގުގައި ޓީއެމްއޭއަށް އެ ޓާމިނަލް ދޫކޮށްފި ނަމަ އެމްއޭސީއެލްއަށް އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް ގެއްލޭނެ ކަމަށް، އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓް ހަދަމުން ދިޔަ އިރު ލިބުނު މައުލޫމާތުތަކުން އެނގެނީ އާ ސީޕްލޭން ޓާމިނަލް ދޫކުރަން އުޅެނީ އަހަރަކު އެންމެ 5.6 މިލިއަން ޑޮލަރު (86 މިލިއަން ރުފިޔާ) ލިބޭ ގޮތަށް ކަމަށެވެ. އެކަމަކު އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، މާކެޓް ރޭޓްގައި އެތަން ކުއްޔަށް ދޫކޮށްފި ނަމަ އަހަރަކު 47 މިލިއަން ޑޮލަރު (729 މިލިއަން ރުފިޔާ) އެމްއޭސީއެލްއަށް ލިބޭނެ އެވެ. އަދި ޓީއެމްއޭއަށް ކުޑަ ކުއްޔެއްގައި އެއް ބައި ދީފައި، ޓާމިނަލްގެ އަނެއްގައި، މާކެޓް ރޭޓްގައި ދިނަސް، އަހަރަކު ލިބޭ އާމްދަނީ 33 މިލިއަން ޑޮލަރު (508 މިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް، ލަފާކޮށްފައިވެ އެވެ.
ސީޕްލޭން ޓާމިނަލްގެ ލައުންޖުތަކަކީ ވަރަށް ބޮޑު އަގެއްގައި ރިސޯޓްތަކަށް ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނެވެ. މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އާ ޓާމިނަލްގެ ލައުންޖްތައް ކުއްޔަށް ދޭން ޓީއެމްއޭ އިން މިހާރު ވެސް ގެންދަނީ ރިސޯޓްތަކާ ވާހަކަ ދައްކަމުންނެވެ.
ޓީއެމްއޭއަށް މުޅި ޓާމިނަލްގެ ކޮންޓްރޯލް އޮންނަ ގޮތަށް އެމްއޭސީއެލްގެ އެހާ އަގު ބޮޑު މުދަލެއް ދޫކުރަން ވާހަކަ ދައްކަން ފަށާފައި ވަނީ، އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި، ކުރީގެ ސަރުކާރުގައި 2017 ގަ އެވެ.
އޮޑިޓް ރިޕޯޓާއި މީޑިއާގެ ފާޑުކިއުންތަކާ ގުޅިގެން އެމްއޭސީއެލުން ފަހުން ބުނެފައި ވަނީ އާ ސީޕްލޭން ޓާމިނަލް ހިންގުމާ އެމްއޭސީއެލުން ހަވާލުވާނީ ތިން އަހަރު ފަހުން ކަމަށެވެ. އަންނަ މެއި މަހުން ފެށިގެން ކުރިއަށް އޮތް ތިން އަހަރު އެތަން ހިންގާނީ، މިހާރު ވެސް ސީޕްލޭން އޮޕަރޭޓަރުން އަމިއްލައަށް އެ ކުންފުނިތަކުގެ ޓާމިނަލްތައް ހިންގަމުން އަންނަ ގޮތަށް ކަމަށް، އެމްއޭސީއެލުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޖޯ
17 January 2020
އަޖައިބު ހީވޭ ރާއްޖޭގަ އޮތްހާ ފަޅުރައްތައްވެސް ސަރުކާރުން ރިޒޯޓް ތަރައްގީކޮށްގެން ހިންގަންވީނު އަމިއްލަ ކުންފުނިތަކަށް ނުދީ
ޟިރޫ
16 January 2020
ބަލަ އެމްއޭސިލްގަ ބޮޑުން ނަށް އެތިބީ އެތާގެ ވެސް ބޮޑުން.
ހައްގުބަސް
16 January 2020
ނަޒާހެއްތެރި ސަރުކާރު ކިހިނެ މިހަދަނީ. ދައުލަތުގެ ފައިސާ ރައްޓެހިންނަ ބަހަނީ. ދައުލަތުގެ މުދާ ނަހަމަގޮތުގާ ހިފަނީ.
އައްމި
16 January 2020
ދިވެހިރާއްޖެ ޓީއެމްއޭއަށް ނުދީފިންޔާ ރަގަޅު
ޕަންޕު
16 January 2020
މިހާތަނަށް ހިންގާ އެންމެބޮޑު ވައްކަން
އާރީ
16 January 2020
މަޖިލިހުގެ އަގުލަބިޔަތުއޮވެގެން ޔައުގޫބުމެން ގުދޯގުދޯ ގޮވާނި ކަމެއް ނެތް. ރައީސް ސޯލިހުއަށް ބޮޑްބޭކިޔާ ސޯލިހުއެއް އެމްއޭސިލުގަ ހުރެގެން ތި ހުރިހާ ހަޑިއެއް ހޭވީމަ ރަށްއިތުންނަށް މި ވާނުވާ އޮޅިފަކާ ނެތޭ 6 އެއްކަ މަހުޖަނުން އެމްއޭސިލުގަ ބޯޑްގަ ތިބެގެން ތި ޖަހާސަކަރާތް ހުއްޓްވަަށޭ
މޯޑް
16 January 2020
ތި ގޮތަށް ތިކަން ކޮށްފިންޔާ މިސަރުކާރަށް ކުރަމުން އައި ތާއިދު އާއި އިތުބާރާއި ޔަގީކަން ގެންލުނީ.
ޔާހުންބަރާ
16 January 2020
ކޮންމެ ބަޔަކުވެސް ރައްޔިތުން ކައިރީ މޮޅެތި ވާހަކަ ދައްކާފައި މޮޔަހައްދައިގެން ވެރިކަން ހޯދަނީއެވެ. ވެރިކަން ލިބުމަށްފަހު ބަލަނީ ޕާޓީ އިތުރަށް ވަރުގަދަ ކޮށް ވެރިކަމުގައި ދެމިތިބުމަށްޓަކައި ޖެހުނު ގޮތަކަށް ފައިސާ ހޯދާށެވެ. މުސްތަގުބަލުގައި ގައުމަށްލިބިދާނެ ގެއްލުމަކަށް ނުބަލައެވެ. ރައްޔިތުން މިހިރަ ކަންކަމަށް ވިސްނަން އެބަޖެހެއެވެ. ހާލުގައި އުޅޭ މީހުންނަށް އޮތީއެގޮތެވެ.
ފުދިފަހުންނަ ވަޢުދުވާ
16 January 2020
ޔާމީން އެކައުންޓަށް 1 މިލިޔަންޑޮލަރު އަޅާލި 5 އަހަރުން. އިބޫމިއުޅެނީ ބޮޑުބެ ލައްވަ އަހަރަކު 41 މިލިޔަންޑޮލަރު 5 އަހަރުން 205 މިލިޔަންޑޮލަރު ބައިތުލްމާލަށް ނުވައްދާވޭތޯ. މިމީހުންގެ އެކައުންޓަށް ޖަމާނުވިޔަސް އަންބޮޑިޔަށް ޖަމާވާނެ.
މެދުހެންވޭރު
16 January 2020
އެމް.އޭ.ސީ.އެލްގަ ތިޔަ ޓާރމިނަލް ހިންގުމުގެ ގާބިލްކަން ހުންނާނެ. ޓީ.އެމް.އޭ އަކަށް ނުދޭނެ. ދެބޯގެރި ދުއްވަންނުހަދާ! ތިޔަ ޔައުޖޫބް ގެ އޯޑިޓްފާރމް ވަރުގަދަކުރާން ކޮންމެހެން އެމް.އޭ.ސީ.އެލް ބޭނުންކުރުމުގެ ވިސްނުން ދޫކޮށްލާ! ތިނޫނަސް މިގައުމުގަ ހިސާބު އިލްމު އުގެނިގެން ތިބި ހެޔޮލަފާ ދަރީން އެބަތިބި. #ވިސްނާށޭގައުމު.