އަހަރެމެންގެ ކުރީގެ އެކްޓަރު ޔޫސުފް ރަފީއު ރާއްޖެ ދެކެ ފޫހިވެއްޖެ އެވެ. ލޯންޗެއްގައި އޭނާ ދަތުރުކުރަމުން ދިޔައީ "ރާއްޖޭގައި ދެން ހުންނަން އެއްގޮތަކަށް ވެސް ބޭނުންނުވާތީ"އޭ ކިޔައިފަ އެވެ.
ޔޫސޭގެ މާޔޫސްކަން ބޮޑުވެގެން މި އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ޓީވީއެއް ހުޅުވާލާ އިރު ވެސް ފެންނަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ހަބަރެވެ. ސޯޝަލް މީޑިއާ ފުރެނީ ވެސް އެ ވާހަކަތަކުންނެވެ. އެހެންކަމުން އޭނާ ދެކޭ ގޮތުގައި މިއީ މިހާރު އުޅެވޭވަރުގެ ތަނެއް ނޫނެވެ.
"އަހަރެން ދާ ތަން ބަލާނެ ކަމެއް ނެތް. އަހަރެން ބޭނުމެއް ނޫން އެއްގޮތަކަށް ވެސް ރާއްޖޭގައި ހުންނާކަށް،" އެއް މިނިޓާއި 17 ސިކުންތުގެ ވީޑިއޯގައި، އޭނާ ބުނެ އެވެ.
ޔޫސޭގެ މަޝްހޫރު "ދިރިއުޅުމަކީ މިއީބާ"ގެ ސިލްސިލާތަކުގައި ފެންނަ ހިތާމަވެރި މޫނާއި ކުއްލިއަކަށް އަންނަ ރުޅީގެ ތަންތަންކޮޅު ވެސް، "ޖަޒީރާ ރާއްޖެ ދޫކޮށް ދިއުން" ވީޑިއޯކޮޅުގައި ފެނެ އެވެ.
އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ޕޯސްޓްކުރި ވީޑިއޯ ފަށަނީ، ލޯންޗު ދުއްވަން ހުރި ޔޫސޭއާ މީހަކު ސުވާލެއްކޮށްލާ ތަނުންނެވެ. އޭނާ އަހަނީ "ޔޫސޭ ކޮން ތާކަށް ތި ދަނީ؟"
އޭގެ ޖަވާބު ބިނާކުރީ، ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް، އޭނާގެ ކާފަ އާއި މުނިކާފަގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ކަމަށް ތުހުމަތުކުރެވި، މި ވަގުތު ދިވެހިންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމުގެ މައްޗަށެވެ.
"ރޭގައި ވެސް ޓީވީ ހުޅުވާލި އރު އަހަންނަށް ފެނުނު މަންޒަރުތަކާއި އެއްޗެހި، އިވޭ އަޑުތަކާ އެއްޗެހި، އަހަރެން ބޭނުމެއް ނޫން އެއްގޮތަކަށް ވެސް މި ގައުމުގައި މިހާރު ހުންނާކަށް،" އޭނާ ޖަވާބު ދިނެވެ.
ކުއްޖާގެ ވާހަކަ އަންނަނީ އޭގެ ފަހުންނެވެ. އެކަމަކު މިފަހަރު އޭނާގެ ހިތާމަވެރި މޫނުގެ އަސަރުތަކާ އެކު އެވެ.
"ވިސްނާލަ ބަލަ! ކުޑަކުޑަ ކުއްޖެއް! އޭނާގެ ބައްޕަ އާއި ކާފަ އާއި މުނިކާފަ، ދެން މިހާ ހިސާބަށް ގައުމު ދިޔައިމަ ދެން ކީއްކުރަން މިތަނުގައި ހުންނަނީ؟" ޔޫސޭ ބުނެ އެވެ.
"މިއީ ގައުމެއްތަ؟" ކުއްލިއަކަށް ރުޅިއައިސް ސުވާލުކުރެ އެވެ.
ޔޫސޭ އެކަންޏެއް ނޫނެވެ. މިފަދަ ނުބައި، އަނިޔާވެރި އަމަލްތަކާ ހެދި ގިނަ ދިވެހިން ވެސް ތިބީ މާޔޫސްވެ، ކަންބޮޑުވެފަ އެވެ. އެތައް ބަޔަކު ރުޅިއައިސް ރަތްވެފަ އެވެ.
މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުން ޝެއާކޮށްފައިވާ މި ކުޑަކުޑަ ވީޑިއޯގައި ޔޫސޭގެ މިސްރާބު ހުރީ، އޭނާ ބުނި ގޮތުގައި، "ބަރުމާ ކައިރީގައި އޮންނަ ރަށަކާ" ދިމާލަށެވެ. އޭނާ ބުނީ ރާއްޖެ ދެން އަންނާނީ "އިސްލާމީ ޝަރީއަތް ގާއިމްކުރެވުނު ދުވަހަކުން" ކަމަށެވެ. ނަމަވެސް އެ ދުވަހަކުން އޭނާ އެނބުރި އަންނަ އިރު، މިހާރު ރާއްޖޭގެ ހާލަތަށް ބަލާ ނަމަ، އޮންނާނީ މުޅިން އެހެން ގޮތަކަށެވެ.
"އަންނަ އިރު އަހަންނަށް ހީވަނީ ހުރިހާ އެންމެންގެ އަތްތަކާއި ބޯތަކާ ވެސް ކަނޑާފަހެން ހުންނާނީ،" ޔޫސޭ ބުނެލަ އެވެ.
"ހުސް ނުކުޅެދޭ މީހުން ދޯ ފެންނާނީ؟" މީހަކު ސުވާލުކުރެ އެވެ.
"އާނ!" ދެރަވެ، އެކަމަކު މަލާމާތުގެ ރާގެއްގައި ޔޫސޭ ބުނެލަ އެވެ.