ކުޑަކުދިންގެ މައްސަލަތައް ފުލުހުން ބެލުން ލަަސް، ޖެންޑާއިން މައުލޫމާތު ނުބަލަހައްޓާ!

ކުޑަކުދިންނަށް ކުރާ ގޯނާތަކުގައި ފުލުހުންގެ ތަހުގީގު އެތައް ދުވަހެއް ވާއިރު ވެސް ނުނިމޭ ކަމާއި، ޖެންޑާ މިނިސްޓްރީއަށް ފޮނުވާ ބައެއް ކޭސްތަކުގެ މައުލޫމާތު އެކަށީގެންވާ ގޮތަށް ނުބަލަހައްޓާކަން، އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކުން ހާމަވެއްޖެ އެވެ.


ކުޑަކުދިންނަށް ކުރާ ގޯނާތަކާ ގުޅިގެން ހުށަހަޅާ މައްސަލަތަކާ މެދު މުއައްސަސާތަކުން އަމަލުކުރަމުން އަންނަ ގޮތް ދެނެގަތުމަށް މިދިޔަ ނޮވެމްބަރު މަހު ހެދި ޕާފޯމަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ލިބޭ މައްސަލަތައް މިނިސްޓްރީއަށް ފޮނުވިޔަސް އެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގެންގޮސްފައިނުވާ ކަމަށެވެ. އެހެންކަމުން އެ ދެ އިދާރާ އިން އެކަށީގެންވާ ވަގުތެއްގައި މިނިސްޓްރީއަށް ފޮނުވިތޯ ޔަގީން ކުރެވެން ނެތް ކަމަށް ރިޕޯޓްގައި ބުނެ އެވެ.

އެ ރިޕޯޓުން އެނގޭ ގޮތުގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ހުށައަޅާ ބައެއް މައްސަލަތަކުގެ ތަހުގީގަށް ވަރަށް ގިނަ ދުވަސް ނަގަ އެވެ. އެކަމަކު އެ ޑިޕާޓްމަންޓްެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ ބުނާ ގޮތުން މައްސަލަ ހަވާލުކުރާތާ 10 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމަން ވާނެ އެވެ.

"މިގޮތުން ބައެއް މައްސަލަތައް ނުނިމި ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވޭ،" ރިޕޯޓުގައި ބުނެފައިވެ އެވެ.

ފުލުހުންގެ ޕްރޮސިޖާ ބުނާ ގޮތުން ތަހުގީގު ކުރާ މީހާގެ އަތުގައި އެއްފަހަރާ 20 މައްސަލައަށް ވުރެ އިތުރަށް ހުރެގެން ނުވާނެ އެވެ. އެކަމަކު ބައެއް މުވައްޒަފުންނަށް އެއަށް ވުރެ ގިނަ މައްސަލަތައް ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނެ އެވެ. އަދި މައްސަލައެއް ހުށައަޅާތާ އެތައް ދުވަހެއް ފަހުން ވެސް އެކަން ބަލަން ހަވާލުކުރާ ކަމަށް ރިޕޯޓުން އެނގެ އެވެ.