އަދީބަށް ކުރާ ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ ދައުވާއެއް ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ދައުލަތުން ހަތް ދައުވާއެއް ކުރެ އެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.

އޭގެ ތެރެއިން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.

އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.

އަދީބުގެ މައްޗަށް ތަފާތު ތިން މައްސަލައެއްގައި ކުރިން 33 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް، ފަހުން މަތީ ކޯޓުތަކުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އެކަމަކު އޭނާއާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލައެއްގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރެފައި ވަނިކޮށް ބޯޓެއްގައި ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅުނު މައްސަލާގައި ތިން މަހުގެ ޖަލު ހުކުމެއް އޭނާއަށް އިއްވި އެވެ. އެ ހުކުމް މިހާރު ވަނީ ތަންފީޒުކޮށް، ނިމިފަ އެވެ.