ޑރ. ނިޔާފްގެ ގޮވާލެއްވުން: އެއާޕޯޓްތަކުގައި މޮނިޓަކުރުން ވަރުގަދަކުރަން ޖެހޭ

ޗައިނާއިން ފެތުރެން ފަށާފައިވާ އާ ވައްތަރެއްގެ ކޮރޯނޯވައިރަސް ޖެހިގެން ބަލިވާ މީހުންގެ އަދަދު އިތުރުވެ، ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެން ފެށުމާ އެކު، ރާއްޖޭގެ އެއާޕޯޓްތަކުގައި ވެސް ބަލިމީހުން ދެނެގަތުމުގެ ކަންކަން ވަރުގަދަކުރަން، ޑރ. އަބްދުﷲ ނިޔާފް މިއަދު ގޮވާލައްވައިފި އެވެ.


ޗައިނާގެ ވުހާން ސިޓީގައި ފުރަތަމަ ފެތުރެން ފެށި ބަލީގައި މިހާތަނަށް ނުވަ މީހަކު، އެ ސިޓީން ވަނީ މަރުވެފަ އެވެ. އަަދި ޗައިނާގެ އެކި ސަރަހައްދުތަކުން އެ ވައިރަސްގެ ސަބަބުން ބަލިވި މީހުން ފެންނަލެއް ގިނަވުމުގެ އިތުރުން، އެމެރިކާ ފަދަ ބައެއް ގައުމުތަކަށް ވެސް މިހާރު ވަނީ ވައިރަސް ފޯރައިފަ އެވެ.

ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ވައިރަސްއަށް އަވަސް ބަދަލުތައް އަައިސް އިތުރަށް ފެތުރުމުގެ ނުރައްކާ އެބަ އޮތެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗުއޯއިން މިހާރު ގެންދަނީ މިއީ ސިއްހީ ކުއްލި ހާލަތު އިއުލާންކުރަން ޖެހޭ ކަހަލަ ނުރައްކަލެއްތޯ ބަލަމުންނެވެ.

ޑރ. ނިޔާފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ގައުމުތަކެއްގައި މިހާރު ވެސް ފިޔަވަޅު އަޅައިފި ކަމަށެވެ. އަދި އެކަން އިއުލާން ވެސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ފިޔަވަޅުތައް އަޅާފައި ހުރިކަން، ތަންފީޒުކުރާކަން އެންމެންނަށް ވެސް އެނގެން ޖެހޭނެ އެވެ. އެ އިތުބާރު އުފައްދައިދޭށެވެ،" ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ޓެގްކޮށް ކުރެއްވި ޓްވީޓްގައި ޑރ. ނިޔާފް ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ.

ކޮރޮނޯވައިރަސްގެ އާ ވައްތަރެއް ޗައިނާގައި ފެތުރުން ފެށުމުން، 2000ގެ އަހަރުތަކުގެ ކުރީކޮޅު ހަމަ ޗައިނާ އިން އުފެދުނު ސާސްގެ ހަނދާންތައް ވަނީ އާވެފަ އެވެ. އެ ފަހަރު ޗައިނާ އިން އެކަން ވަރަށް ބޮޑަށް ސިއްރުކުރި އެވެ. ސާސް ފެތުރޭކަން އެއްބަސްވީ، ދުނިޔޭގެ ޕްރެޝަރު ވެސް ކުރިމަތިވި ފަހުންނެވެ. އެ ބަލީގައި ދުނިޔޭގެ އެކި ހިސާބުތަކުން 770 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

އޭރު ޗައިނާއިން ރާއްޖެއަށް ޓޫރިސްޓުން އަންނަނީ ވަރަށް މަދުންނެވެ.

މިހާރު ފެތުރެމުން ދާ ބަލި އެމެރިކާއަށް ވެސް ވަނީ ފޯރައިފަ އެވެ. އެމެރިކާގެ ސެންޓާސް ފޯ ދަ ޑިޒީސް (ސީޑީސީ) އިން ބުނާ ގޮތުގަައި އެމެރިކާ އިން އެ ވައިރަސް ފެނުނީ ޗައިނާ އިން ސީޓްލްއަށް އައި މީހެއްގެ ގައިންނެވެ.

ކޮރޮނޯވައިރަސް އަކީ އާންމުކޮށް ޖަނަވާރުތަކުގައި އުޅޭ ވައިރެހެކެވެ. ޖަނަވާރުން އިންސާނާގެ ގަޔަށް އަރައި، ބަލިވިޔަސް، އެކެއްގެ ފަރާތުން އަނެކަކަށް އާންމުކޮށް ނާރަ އެވެ. އެކަމަކު މިހާރު ފެތުރެމުންދާ ވައިރަަސް އެކެއްގެ ގައިން އަނެކަކުގެ ގަޔަށް އަރާ ކަމަށް، އިއްޔެ ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ބަލި ޖެހެނީ ނޭވާލާ ނިޒާމަށެވެ. އަދި ފަހުން ނިއުމޯނިޔާއަށް ބަދަލުވެ އެވެ. ބަލީގެ ނިޝާންތަކަކީ ކެއްސުމާއި ހުން އައުމާއި ނޭވާ ކުރުވުމާއި ނޭވާލާން އުނދަގޫވުމެވެ.