ވޯޓު އޮބްޒާވް ކުރަން ލެޕްޓޮޕް ވެއްދޭނެ: އިލެކްޝަންސް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮބްޒާވް ކުރާ އޮފިޝަލުންނަށް ވޯޓުލާ މަރުކަޒަށް ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ޑިވައިސްތައް ވެއްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ބުނެފި އެވެ.


އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ ނޯޓް ކުރަން މިހާތަނަށް އޮބްޒާވަރުންނާއި މޮނީޓަރުންގެ އިތުރުން މަންދޫބުން ތިބެނީ ކަރުދާސް ލިސްޓުތަކެއް ހިފައިގެންނެވެ. އެއީ ވޯޓުލާ މީހުން ފާހަގަކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި. އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، އޮބްޒާވަރުންނާއި މޮނީޓަރުންނާއި މަންދޫބުންނަށް ވޯޓުލާ މަރުކަޒަށް ޓެބްލެޓާއި ލެޕްޓޮޕް ވެއްދުމުގެ ހުއްދަ ވެސް މި ފަހަރު ދޭން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެގޮތަށް ނިންމީ ވޯޓުލާ މީހުން މާކް ކުރުމަށް ފަސޭހަ ގޮތެއް ހަމަޖައްސައި ދިނުމަށެވެ.

"މާކް ކުރައްވަމުން ގެންދަވާށޭ އޭގައި އޮންނަ ލިސްޓުގައި، ކޮންމެހެން ކަރުދާސް ލިސްޓު ގެނައުމުގެ ބަދަލުގައި. މިއީ އިންތިޚާބު ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅޭނެ ފިޔަވަޅެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" އަކްރަމް ވިދާޅުވި އެވެ.

އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަންނާނެ ބަދަލުތައް ވިދާޅުވެ ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މި ފަހަރު ވޯޓު ކަރުދާސް ޗާޕްކުރާނީ ކުރާނީ ކުލަކޮށް ކަމަށެވެ. އެ ގޮތަށް ނިންމީ ހަރަދު ބޮޑުވި ނަމަވެސް ކެންޑިޑޭޓުން ވަކިކޮށްދިނުމުގައި ވޯޓުލާ މީހުންނަށް ފަސޭހަކޮށްދިނުމަށެވެ.

ސިޓީތަކުގެ އިންތިޚާބުގައި މޭޔަރުންނާއި ކައުންސިލަރުންގެ ވޯޓަށް ބޭނުންކުރާނީ އެއް ކަރުދާސްކޮޅެވެ. ރަށު ކައުންސިލްތަކުގައި ވެސް ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލަރުންނާއި ކައުންސިލަރުން އަދި އަންހެނުންނަށް ޚާއްސަކުރާ ގޮނޑިތަކަށް ބޭނުންކުރާނީ އެއް ކަރުދާސްކޮޅެވެ. ދެން އޮންނަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ހޮވަން ވޯޓު ނަގާ ކަރުދާސްކޮޅެކެވެ.

ވޯޓު ގުނަމުންދާއިރު ޝަކުވާ ހުށަހެޅުން ވަރަށް މަދު ކަމަށާއި ވޯޓް ގުނަމުންދާ ގޮތާމެދު ޝަކުވާއެއް ވާ ނަމަ އެ ވަގުތު ހުށަހެޅުން މުހިންމު ކަމަށް ޝަރީފް ވިދާޅުވި އެވެ. އެއީ އަލުން ވޯޓު ގުނަން ހުށަހަޅާއިރު، އިތުރު ބާރަކަށް ވާނެ ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.